މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ބޭއްވި ޖަލްސާގައި ދައުލަތުގެ ފައިސާ ބޭނުންކޮށް، ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނެތް ކަމަށް އޭސީސީން ހާމަކޮށްފި އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައިގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ އިންތިޒާމުތައް ދައުލަތުން ހަރަދުކޮށްފައިވާ ކަމަށާއި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ޖަލްސާއަށް އައުމަށް މަޖުބޫރު ކޮށްފައިވާތީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން އޭސީސީން ބުނެފައިވަނީ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ބެލިބެލުމުން އެ ދުވަހު ބޭއްވި ޖަލްސާއަކީ ޕީޕީއެމްގެ ޖަލްސާއެއް ނޫން ކަމަށާއި އެދުވަހު ބޭއްވި ޖަލްސާއަކީ ސަރުކާރުން ބާއްވާ ޖަލްސާއެއް ކަން ސަރުކާރުން އާއްމުކޮށްފައިވާ ކަމަށެވެ.
އެގޮތުން ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެކަން އިއުލާނު ކުރެއްވިކަން ނޫސްތަކުގައި ބަޔާންކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ޖަލްސާ އިންތިޒާމު ކުރުމުގައި ސަރުކާރުން ޚަރަދު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ޖަލްސާއަށް ހާޒިރުވުމަށް ސިވިލް ސަރވިސް މުވައްޒަފުންނަށް އެންގުމަކީ ވެސް މައްސަލައެއް ކަމަށް ނުފެންނަ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން މިހެން ހާމަކޮށްފައިވާ އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަބޭސްގެ ނަމުގައި ބޭއްވި ޖަލްސާއަށް ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ކޮންމެހެން އަންނަ ޖެހޭނެކަން އަންގާ ޖަލްސާއަށް ދާ މީހުންގެ ނަން ނޯޓް ކޮށްފައިވާ ކަމަށް ބުނެ އެދުވަސްވަރު ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފަ އެވެ.