ރަޖިނީކާންތު އާއި އަކްޝޭ ކުމާރު ގެ ފިލްމް "2.0" ރިލީޒް ކުރި ފުރަތަމަ ދުވަހު ރެކޯޑް މުގުރާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި މި ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 110 ކްރޯޑް ރުޕީސް ލިބިފައެވެ.
ހަމަ އެކަނި އިންޑިއާ އިން ފިލްމް ރިލީޒްކުރި ދުވަހު ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 85 ކްރޯޑް ރުޕީސް ލިބިފައެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓެއްގައި ވަނީ ވޯކިން ޑޭ އެއްގައި މި ފިލްމް ރިލީޒް ކޮށްފައިވީ ނަމަވެސް މި ފިލްމްގެ ހިންދީ ވާޝަން އަށް 20.25 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށެވެ.
"ޗުއްޓީ ދުވަހެއް ނޫން... އެއްވެސް މުނާސަބް ދުވަހެއް ނޫން... ނަމަވެސް 2.0 ގެ ފެށުން ވަރަށް ރަނގަޅު" ތަރަން ވަނީ ބުނެފައެވެ.
ސައިންސް ފިކްޝަން ފިލްމު 2.0 ރިލީޒް ކުރުމުގެ ކުރިން އެ ފިލްމަށް 370 ކުރޯރް ރުޕީސް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފިލްމުގެ ސެޓެލައިޓް ރައިޓްސްގެ ގޮތުގައި 120 ކުރޯޑް އަދި ޑިޖިޓަލް ރައިޓްސްގެ ގޮތުގައި 60 ކުރޯޑް ވިކިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހިންދީ، ޓެމިލް އަދީ ޓެލުގޫ ބަހުން އުފައްދާފައިވާ މި ފިލްމުގެ 80 ކުރޯޑް ނޯތް ބެލްޓް ރައިޓްގެ ގޮތުގައި ވަނީ ވިކިފައެވެ. ބާކީ 110 ކުރޯޑް ޑިސްޓްރިބިއުޝަން ރައިޓްސްގެ ގޮތުގައި ވިކިފައިވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރެއެވެ.
މި ފިލްމު އިންޑިއާގެ 7000 ސިނަމާގެ އިތުރުން ދުނިޔޭގޭ އެކި ކަންކޮޅުތަކުން 10،500 ސިނަމާގައި އެޅުވި ކަމަށް ފިލްމު އުފެއްދި ފަރާތާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.