ކެމްބޯޑިއާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެކްސްޕޯ "2018، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ (އިފޮޕްކާގެ) ރައީސް މުޙައްމަދު ޢަލީ ޖަނާޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއީ ކެމްބޯޑިއާ، ފްނޮމް ޕެން ގެ ޑައިމަންޑް އައިލެންޑް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައި ކެމްބޯޑިއާ ކޮންސްޓްރަކްޓަރސް އެސޯސިއޭޝަން (ސީސީއޭ) އިން އިންތިޒާމްކޮށްގެން ހުޅުވި އެ ޤައުމުގެ އެންމެ ކުލަގަދަ ކޮންސްޓްރަކްޝަން މައުރަޒުއެވެ.
(އިފޮޕްކާގެ) ރައީސް ޖަނާޙްގެ އިތުރުން މި ޙަފްލާ ޝަރަފުވެރިކޮށްދެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ، ކެމްބޯޑިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ލޭންޑް މެނޭޖްމަންޓް، އަރބަން ޕްލޭނިންގް އެންޑް ކޮންސްޓްރަކްޝަން ޗީއާ ސޯފާރާއެވެ.
މިއެކްސްޕޯގައި ވާހަކަދައްކަވަމުން ޖަނާޙް ވިދާޅުވީ، މިދަތުރަކީ އިފޮޕްކާގެ ރައީސްކަމަށް ހުވާ ކުރެއްވުމަށްފަހު ހުރިހާ މެމްބަރު ޤައުމަކަށް ދަތުރުކޮށް އެޤައުމެއްގެ ކޮންޓްރެކްޓަރުންގެ ހާލަތު ބެއްލެވުމަށާއި، އެޤައުމެއްގައި ތިއްބެވި ކޮންސްޓްރަކްޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކޮށް ގުޅުންބަދަހި ކުރުމަށް ކުރެވޭ ދަތުރުތަކުގެ ފެށުންކަމަށެވެ. އަދި ސީސީއޭއިން މިދާއިރާ ކުރިއެރުވުމަށާއި އެޤައުމުގެ ކޮންޓްރެކްޓަރުންނަށް ފުރުސަތުތައް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރާއި ބަދަހިކުރަމުންދާ ގާތް ގުޅުމަށް މަރުޙަބާ ދެންނެވިއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ މަސީގެ ރައީސް އަދި އިފޮޕްކާގެ ސެކެޓްރީ ޖެނެރަލް އަބްދުالله މުޙައްމަދާއި އިފޮޕްކާގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވާ ބޯޑް މެމްބަރު އަދި މަސީގެ ނާއިބު ރައީސް އަހުމަދު އަލާއު އަލީ އަދި މަސީގެ އެކްޒެކެޓިވް ބޯޑް މެމްބަރު އަދި 2020 އިފޮޕްކާ ކޮންވެޝަންގެ އޯރގަނައިޒިންގް ކޯ ޗެއަރ ކަމަށް ވާ އަބްދުالله ސާލިޙެވެ.
ކެމްބޯޑިއާއިން މި ފެއްޓެވި މިދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ މެމްބަރު ޤައުމުތަކުގެ ކޮންޓްރެކްޓަރުންނާއި، ސަރުކާރުގެ އިސް މެމްބަރުންނާއި، ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް މެމްބަރު ޤައުމުތަކަށް މި ދާއިރާގައި ކުރިމަތިލާންޖެހޭ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެއަށް ޙައްލު ހޯދާދިނުމަށާއި 2020 ގައި ދިވެހިރާއްޖޭގައި ބޭއްވޭ އިފޮޕްކާގެ ކޮންވެންޝަން ބޭރު ޤައުމުތަކުގައި ޕްރޮމޯޓްކޮށް ވީހާވެސް ގިނަ މީހުންނަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް ދަޢުވަތު ދިނުމެވެ.