ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 19:28
ރައީސް ސޯލިޙް އެމަނިކުފާނުގެ ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ
ރައީސް ސޯލިޙް އެމަނިކުފާނުގެ ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ
ރައީސް އޮފީސް
ކޮރަޕްޝަން ހުއްޓުވުން
ނަމަނަމަ ވައްކަން ކުރަން ސަރުކާރަށް ނުދާތި!
މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން މާލީ ބަޔާން ހުށަހަޅަން ޖެހޭ
ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް: ޗީފް އޮފް ސްޓާފް

ސަރުކާރުގެ އިސް މަޤާމުތަކަށާއި، ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވާ ބޭފުޅުން އެމަޤާމުތަކަށް އައްޔަން ކުރައްވާނީ އެބޭފުޅުންގެ މާލީ ބަޔާންތައް ބެއްލެވުމަށްފަހު ކަމަށް އިއުލާން ކުރެއްވުމުން އެކަން ގިނަ ބަޔަކު ފާހަގަކުރީ ކޮރަޕްޝަނާއި ދެކޮޅަށް އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައެވެ.

ރަނގަޅު ވަރެއްގެ މުސާރައެއް ލިބިގެން އުޅޭ މީހަކުވެސް ސިޔާސީ މަޤާމަކަށް ނުވަތަ ކުންފުންޏެއްގެ ވެރިއަކަށް އައްޔަންކުރުމާއިއެކު ދެން މާގިނަ ދުވަހެއް ނުވެ ފެނިގެން ދަނީ އެ މީހަކު މިލިއަނަރަކަށްވާ ތަނެވެ. ކެފޭއާއި ފިހާރަތަކާއި އެކިއެކި ވިޔަފާރި ފަށާތަނެވެ. އަހަރަކު އެއް ފަހަރު ލަންކާ ނުވަތަ އިންޑިއާއަށް ދާ މީހާ ދެން ފެނިގެންދަނީ ހަފްތާ ބަންދަށް ސިންގަޕޫރަށް ނުވަތަ ޑުބާއީއަށް ދާން ފަށާތަނެވެ. ގޮތް ނޭނގޭ މުއްސަނދިކަން ލިބިގަންނަނީ ނުލާހިކު އަވަހަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމަށް ވަޑައިގަތީ މިފަދަ ކަންކަން ހުއްޓުވާނެކަމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާއިއެކުގައެވެ. ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިން މައިގަނޑު އެއް ސަބަބަކީވެސް އެއީއެވެ. ކޮރަޕްޝަންގެ ހާއްޔަކަށް ވެފައި އޮތް ސަރުކާރު ހަމަޔަކަށް އަޅުވައި، ރައްޔިތުންގެ މާލިއްޔަތު ރައްކައުތެރިކުރެއްވުމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިޙް އިއުލާންކުރެއްވި އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި، ފުރަތަމަ ހަފްތާގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް އަދި މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މީހުންގެއާއި، އެމީހުންގެ އަނބިން ނުވަތަ ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކޮށް އަދި ގަވާޢިދުން ރިވިއު ކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ވެރިކަމުގެ ދައުރު ނިމިގެންދާއިރު ނުވަތަ މަޤާމުގެ ދައުރު ނިމިގެންދާއިރު ތިމާގެ މިލްކިއްޔާތަށް އާމްދަނީއާއި ނުބައްދަލު މިންވަރަކަށް މުދާ ނުވަތަ ފައިސާ ލިބިފައިވާނަމަ އެކަން ތަހުޤީޤުކޮށް ބެލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ސަރުކާރުން މިހާރު އެވަނީ މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރައްވާނެ ފޯމެޓެއް ތައްޔާރުކޮށް، އެފޯމެޓްވެސް އާއްމު ކުރައްވާފައެވެ. ދެން އޮތީ މިކަންކަމަށް މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން އަމަލުކުރައްވަނީ ކިހާ ވަރަކަށްތޯ ބެލުމެވެ.

މިހުރިހާ ކަމަކާއިއެކު ހަނދާނަށް އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމުގެ ހުވައި ކުރެއްވުމުގެ ހަފްތާއެއްހާ ދުވަސްކުރިން އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި މިހާރު ރައީސް ސޯލިޙްގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި އަލީ ޒާހިރު ކުރެއްވި ޓްވީޓެކެވެ.

އަލީ ޒާހިރު ވިދާޅުވީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ އުއްމީދުގައި އެއްވެސް ބޭފުޅަކު ރައީސް ސޯލިޙްގެ ސަރުކާރުގެ އެއްވެސް މަޤާމަކަށް އުއްމީދު ނުކުރެއްވުމަށް ދަންނަވާކަމަށެވެ. އަދި ކޮރަޕްޝަނަށް މިސަރުކާރުގައި އޮންނާނީ ޒީރޯ ޓޮލަރެންސްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ފެށިގެން މިވީ އަދި ދެހަފްތާއެއްހާ ދުވަހެވެ. ކޮރަޕްޝަން ހުއްޓުވަން އަޅަން ޖެހޭ އަސާސީ ފިޔަވަޅުތައް ސަރުކާރުން އެދަނީ އަޅަމުންނެވެ. ދެން އޮތް ސުވާލަކީ ކޮރަޕްޝަންގެ އަމަލެއް ފެންމަތިވެއްޖެނަމަ ދެން މިސަރުކާރުން ހަދާނީ ކިހިނެއްތޯއެވެ؟ ނިމިގެން ދިޔަ ސަރުކާރުން ފެނުނު މަންޒަރަކީ ކޮރަޕްޝަންގެ އަމަލުތައް ހައްދުފަހަނައަޅައި ގޮސް، އޮބިނޯންނަ ވަރުވުމުން، ކުރިން ހުރި ކުންފުނި ނޫން އެހެން ކުންފުންޏަކަށް އެމީހަކު ލީތަނެވެ. ފަހުން ބެހެއްޓި މަޤާމުގައި ހުރެގެންވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަން ފެށުމުން އަނެއްކާ ގެންގޮސް އެހެން ކުންފުންޏަކަށެވެ. ކެތް ނުވާ ވަރުވުމުން ދެން ގޮސް ލަނީ ޤައުމުން ބޭރުގައި ހުންނަ އެމްބަސީއަކަށެވެ. މިއިން އެއްވެސް މަރުހަލާއެއްގައި އެމީހަކަށް ދައުލަތުން ދެމުން އަންނަ މުސާރައަށް ހުއްޓުމެއް އަޔަކަ ނުދެއެވެ. މިނިވަން މުއައްސަސާތަކުން ވެސް ނެރެފައިވެސް ލަނީ ވުޒާރާތަކަށެވެ. ސަލާމަތީ ޚިދުމަތްތަކުގައި ތިބެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވުމުން އެތަނުން ނެރެ، އެ މީހަކު ލަނީ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑު ވުޒާރާއަށެވެ.

އެ ހާލަތަށް މިސަރުކާރު ނުވެއްޓޭނެކަމަށް އުއްމީދުކުރަމެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގައިފި މީހަކު ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގައިފިނަމަ އެމީހަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އެމީހަކަށް ލިބެން ޖެހޭ ހައްޤު އަދަބު ލިބެންވާނެއެވެ. އެމީހަކު ނިސްބަތްވާ ޕާޓީއިން ނިކުމެ އެމީހަކަށް ހިމާޔަތްދޭން އުޅެގެން ނުވާނެއެވެ.

ޗީފް އޮފް ސްޓާފް ދެއްވާފައި އެވާ އިންޒާރަށް ކޮންމެ ބޭފުޅަކުވެސް ސަމާލުވެ ވަޑައިގަންނަވާށެވެ. ނަމަނަމަ ވައްކަން ކުރަން ސަރުކާރަށް ނުދާށެވެ.

- ކޮމެންޓް