ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ތާރިހަށް ފަސް އަހަރު ފުރުނުއިރު، ދިވެހިން މިއަދުވެސް ތަހައްމަލްކުރަންޖެހިފައި ވަނީ އެ ބަގާވާތުގެ ހިތިކަން ކަމަށް، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އައު ޤާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން "ބަގާވާތަކުން" ބަދަލުކުރި ތާރީހަށް، ފަސް އަހަރު ފުރުނުއިރު، އެކަމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ، އެ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ކަޅު އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށެވެ. އެ ދުވަހަކީ ރާއްޖޭގެ ރައްޔިތުންގެ އަތުން، ރާއްޖޭގެ މިލްކުވެރިކަން ނިގުޅައިގަތް ދުވަހުގެ ގޮތުގައިވެސް ސިފަކުރެވިދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2012 ވަނަ އަހަރު ފެބުރުއަރީ ހަތް ވަނަ ދުވަހަކީ ޤާނޫނު އަސާސީ ފުނޑާލި ދުވަސް ކަމަށެވެ. އެ ދުވަހަކީ، ވޯޓަކާއި ނުލާ، ރައްޔިތުންގެ ވެރިކަމެއް ބަދަލުކޮށްލި ދުވަސްކަމަށް މާރިޔާ ވިދާޅުވި އެވެ. ވެރިކަން ބަދަލުކޮށްލީ އަނިޔާވެރިކަމާއެކުގައި ކަމަށާއި، އެކަމުގައި ފުލުހުންނާއި ސިފައިންވެސް ބައިވެރިވި ކަމަށެވެ. އެ ދުވަހުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް އަނިޔާލިބުނުއިރު، އެފަރާތްތަކަށް މިއަދާހަމައަށް ވެސް އެއްވެސް އިންސާފެއް ލިބިފައިނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ ތާއީދެއް ނެތް ސަރުކާރެއް އައިމަ، ޤާނޫނު އަސާސީ މުގުރާލާ. ރާއްޖޭގައި ހެދިފައި އޮތް އިންތިހާބާބެހޭ ޤާނޫނާއި، އަދި ރިޔާސީ އިންިތހާބާބެހޭ ޤާނޫނުގެ މައްޗަށް ބަސް ކިޔައި ސުޕްރީމް ކޯޓުގެ ގައިޑްލައިނެއް ހަދާ، އޭގެ ފަހުން ބާއްވާ ހުރިހާ އިންތިހާބެއް ވެސް އެ މަގަށް ގެންދާތަން. ފެބުރުއަރީ ހަތެއްގައި ނިކުމެ ކުރި ބަގާވާތުން، ރައްޔިތުންގެ ބަހެއް ނެތް ސަރުކާރަކަށް އާދެވުނީމާ، 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުގެ، އެކަންކަން ފޮރުވުމަށްޓަކައި 2013 ވަނަ އިންތިހާބުގެ ވޯޓު ފޮށްޓާއި ކުޅެ، އެކިއެކި ހުކުމް ގެނެސް މި ސަރުކާރު ވެރިކަމަށް އައިމާ، މިއަދާއި ހަމައަށްވެސް އަޅުގަނޑުމެން މި ގެންދަނީ އެކަން ތައްތައް ތަހަމަލްކުރަމުން" މާރިޔާ ވިދާޅުވި އެވެ.
ރިޔާސީ ބަޔާނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވި، ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔަނަކީ އުއްމީދީ ބަޔާނެއް ނޫން ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނުގައި މުހިންމު އެއްވެސް ކަމެއް ފާހަގަކުރައްވާފައިނުވާ ކަމަށާއި، ސަރުކާރުގެ ވައުދުތަކުގެ ވާހަކަވެސް ހިމަނުއްވާފައިނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން މާރިޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ދެއްވާނެ ކަމަށް ރިޔާސީ ބަޔާނުގަިއ ވިދާޅުވި ނަމަވެސް އެއްވެސް ކަމެއް ސަރުކާރުން ކޮށްފަިއވާކަން ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވާފައިނުވާ ކަމަށެވެ. އޭގެއިތުރުން އަންހެނުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވި ނަމަވެސް އެކަންވެސް ރިޔާސީ ބަޔާނުގަިއ ނެތް ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުވެސް ވަރަށް މަދު ކަމަށް މާރިޔާ ވިދާޅުވި އެވެ.