ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ކެރިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާޒު ރަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާބެހޭ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ޖަރީމާތަކުގެ ވާހަކަތައް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ދައްކަމުން ދާއިރު، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތުގެތަކުގެ ވާހަކަތައް ވެސް ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތެރޭގައި ދައްކަވަންޖެހޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ އޮތް އެންމެ ދެރަ ތަންކޮޅަކީ މިސަރުކާރުގެ ދިފާއުގައި އެއްޗެއް ބުނަން ނުކެރޭކަން. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ބޮޑު ހިތާމައަކީ. މިސަރުކާރުގެ ތެރެއިން މަންފާ ހޯއްދަވައިގެން، މާދަމާ އަންނަ ސަރުކާރެއްގެ ތެރެއިން ވަޒީފާއެއް ނޫނީ މަގާމެއް ލިބިދާނެ ކަމުގެ އުއްމީދުގައި އެމީހުން ކުރާކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުގެ ދިފާއުގައި ނުނިކުންނަ ޕީޕީއެމް މަޖިލިސް މެމްބަރުންނަށް މާދަމާ އަންނަ ސަރުކާރަކުން ވަކި މޮޅުތަކެއް ނުވާނެ ކަމަށާއި އެއީ ގޯސް ވިސްނުމެއް ކަމަށެވެ.
ރިޔާޒު އެގޮތަށް ވިދާޅުވި ނަމަވެސް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވަކި ނަމެއް ނުވަތަ ނަންތަކެއް ފާހަގަ ކުރައްވާ ވިދާޅުވެފައެއް ނުވެއެވެ.