ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 23:48
ވެލެންސިއާގެ އިބްރާހިމް ހަމްދާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ވެލެންސިއާގެ އިބްރާހިމް ހަމްދާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
ޕްލޭއޮފްގައި ވެލެންސިއާ ނިކުންނާނީ މޯހަން ބަގާން ނުވަތަ ކޮލޮމްބޯއެފްސީ އާ ދެކޮޅަށް
މެޗުގައި ވެލެންސިއާ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި
ތިމްޕޫ އަށް މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކޭ، ރަނގަޅު ހަމަލާއެއްވެސް ނުއުފެއްދޭ

އޭއެފްސީ ކަޕްގައި ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ސިޓީ ބަލިކޮށް ކްލަބް ވެލެންސިއާ ޕްލޭއޮފުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ތިމްޕޫއާ ވާދަކޮށް ވެލެންސިއާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވެލެންސިއާ އެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ހޯދާފައެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާގެ ގޮޑްފްރޭ ވެސްޓް އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ފުރަތަމަ ހާފްގައި ތިމްޕޫގެ ކީޕަރު ވަނީ ވެލެންސިއާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ތިމްޕޫގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއްވެސް އެޓީމަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ވެލެންސިއާ އިން ވަނީ އެޓޭކިން ކުޅުމެއް ކުޅެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ވެލެންސިއާ އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފް ފެށިގެން ތިމްޕޫ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ވެލެންސިއާގެ ހާފަށް ބާރުބޮޑުކުރި އެވެ. އެހެންނަމަވެސް އެޓީމަށް ވެލެންސިއާގެ ގޯލު ކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ވަނީ ނުވެއެވެ.

އޭގެ ބަދަލުގައި ވެލެންސިއާ އިން ވަނީ ދެވަނަ ހާފްގައިވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ރިލްވާން އަދި ވެސްޓް އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ވެލެންސިއާ އިން މެޗުގައި ލީޑު ނެގީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނައިރުތަކެއް ނުވަނީސްއެވެ.

އޭގެ ހަ މިނެޓު ފަހުން ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް އެވެ. މި ލަނޑަށްފަހުވެސް ވެލެންސިއާ އިން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ.

ވެލެންސިއާ އިން މެޗުގައި ޖެހި ތިން ވަނަ ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ވެސްޓްގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ޕްލޭ އޮފުން ޖާގަ ހޯދާފައިވާއިރު، އެޓީމު ނިކުންނާނީ އިންޑިއާގެ މޯހަންބަގާން ނުވަތަ ސްރީލަންކާގެ ކޮލޮމްބޯ އެފްސީއާ ދެކޮޅަށެވެ.

- ކޮމެންޓް