މިއީ އަނެއްކާވެސް އެއްކަލަ ދުވަސްވަރެވެ. ރައްޔިތުންނަށް އެންމެ ގިނައިން އެންމެ ގަދައަށް އިވޭ އެއް ދުވަސްވަރެވެ. ރައްޔިތުންގެ މެމްބަރުން ރައްޔިތުންނަށްޓަކައި މަރުދޭ ދުވަސްވަރެވެ. އެކަމަކު ހަމައެކަނި އަނގައިންނެވެ.
ތިޔަހީވީ ހަމަ ރަނގަޅަށެވެ. މިދުވަސްވަރަކީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވޭ ދުވަސްވަރެވެ. ރައްޔިތުންނަށްޓަކައި އެމަޖިލީހުގެ މެމްބަރުންގެ އިހްސާސްތައް ބަންޑުން ކޮށްލާ ދުވަސްވަރެވެ.
ކޮންމެ އަހަރަކުވެސް ޖެހިގެން އަންނަ އަހަރަށް ދައުލަތުގެ ބަޖެޓް ހުށަހަޅައި އެބަޖެޓަށް ބަހުސް ކުރެވޭ ދުވަސްވަރަކީ މަޖިލީހުގައި އަރާ ހުންނަ ދުވަސްވަރެކެވެ. މިހާރުގެ ގޮތަށް ނަމަ 'ހެޕަނިންގ' ދުވަސްވަރެކެވެ. ރައްޔިތުންނަށްޓަކައި މެމްބަރުން މަރުދޭ ދުވަސްވަރެކޭވެސް ބައެއް މީހުން ބުނެއުޅެވެ. ކޮންމެ މެމްބަރަކުވެސް އުޅުއްވަނީ އެމެމްބަރެއްގެ ދާއިރާއަށް ޖަހާފައި އޮތް އަދަދު ކުޑަކަމުންނެވެ. ބަނދަރު ނުހެދި އޮވެގެން އެކަމުގެ ޝަކުވާއެވެ. ފެނާއި ނަރުދަމާ ނޭޅި އޮވެގެން އެކަމުގެ ކަންބޮޑުވުމެވެ. ހަދަންފެށި ކްލާސް ރޫމްތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ އެވާހަކައެވެ.
އެވާހަކަތައް ނުދައްކާ ހަމަ އެންމެ މެމްބަރެއްވެސް ނުހުރެއެވެ. އެކަމަކު އެވާހަކަތައް ހަމައެކަނި އެދުވަސްވަރުގައި ދައްކާއިރު ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ހަނދާނަށް ގެންނަން ޖެހޭ ހާދިސާތަކަކާއި ހިންގާފައިވާ މުއާމަލާތްތަކެއް އެބަހުއްޓެވެ.
ބުނެކިޔައިގެން ބަޖެޓްގައި ޖަހައެވެ. ޖެހިގެން އަންނަ އަހަރުވެސް ހަމަ އެބަޖެޓް އެކަމަށެވެ. ތިންހަތަރު އަހަރަށް އެރަށެއްގައި އެކަމެއް ކުރުމަށް ބަޖެޓްގައި ޖަހައެވެ. މެމްބަރު މެދުވެރިކޮށް ރައްޔިތުން އުފަލުން ފޮޅުވާލައެވެ. ޖެހިގެން އަންނަ އަހަރުވެސް ހަމައެވާހަކައެވެ. ހެއްވާ ކަމަކީ އެއީއެވެ. ބަޖެޓްގައި ޖެހިކަންކަން އެރަށެއްގައި ކުރިތޯ ބަލައިލުމުގެ ވިސްނުމެއް އަހަރުގެ އެހެން ދުވަސްތަކުގައި ނެތުމެވެ. އެކަމަށް ޖެހި ފައިސާ އެހެންކަމަކަށް ހޭދަކޮށް ހުސްކޮށްލީތީވެސް އެކަމާ ސުވާލު ކޮށްލަންވެސް ނުކެރުމެވެ. ވަޒީރަކު މަޖިލީހަށް ގެނެސް އެއިންކަމެއް ހަނދާން ކޮށްލަދޭނެ މެމްބަރަކު ނެތެވެ. ނުވިތާކަށް އެއްއަހަރަށް ބަޖެޓްގައި ޖަހާ ކަންކަން ނުކޮށް ޖެހިގެން އަންނަ އަހަރު އެކަން ނުވެސް ހިމެނޭއިރުވެސް ބަޖެޓަށް ވޯޓު ދޭކަމެވެ.
ދެން އޮތީ މުޅިން އެހެން ވާހަކައެވެ. ބަޖެޓް ދުވަސްވަރު ރައްޔިތުންގެ އަޑު ހަމައެކަނި ވާހަކައިން ގެންނައިރު މުޅި އަހަރުގެ ބާކީބައިގާ ހިންގާ ކަންކަކަމެވެ. ރައްޔިތުންގެ ގާތު ހޭވެސް އަހާ ނުލައި ޕާޓީ ބަދަލު ކުރުމެވެ. ރައްޔިތުންނަށް އެތައް ތަނަކުން ގެއްލުންވާފަދަ ބިލްތަކަށް ސުއްބުވެސް ނުބުނެ ވޯޓު ދިނުމެވެ. ރައްޔިތުންގެ އުދާސްތައް ބާއްވާފައި ވަކި މީހަކަށްޓަކައި ވަކިބަޔަކަށްޓަކައި ކަންކަން ނިންމާލުމެވެ. އެބުނާ ބައި އެޅިގެންނޭ މަށަކުވާ ނުބުނާނަމެވެ. ބިން ވިއްކުމާ ތަކެތީގެ އަގު ބޮޑުކުރުމާ، ބާރު ނުފޯރާ ގޮތަކަށް އަމިއްލަ ދާއިރާއިން ބައެއް ދޫކުރުމަށްވެސް ފަސްޖެހުމެއް ނެތިއެވެ.
ކޮންމެއަކަސް މިއަހރުވެސް މިއޮތީ އެކަން ލައިގެންފައެވެ. ހިސާބަކަށް މިއަހަރު ފޯރިގަދައެވެ. ލިބޭ މިނިޓްކޮޅުން ބައި ސިކުންތުވެސް ދޫކޮށެއް ނުލައެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް އަނެއްކާވެސް ކުރާ ކެމްޕޭނަކަށްވެސް ފުދޭވަރަށެވެ.