ބާޒާރުގައި ފަޅޯގެ އަގު އުފުލިއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި ފަޅޯ ކިލޯ އެއް މިހާރު ލިބެން ހުރީ 35 ރުފިޔާ އާއި 45 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.
ލޯކަލް މާރުކޭޓުގައި ފަޅޯ ވިއްކަމުންދާ ފަރާތްތަކުން ބުނީ ފަޅޯގެ އަގު މިހާރު އުފުލިފައި ވަނީ ފަޅޯ މާރުކޭޓަށް ލިބުން މަދުވުމުން ކަމަށާއި، ފަޅޯ ލިބުން މަދުވެފައި ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ކަމަށެވެ.
އެ ފަރާތްތަކުން ބުނީ ލޯކަލް މާރުކޭޓަށް އެންމެ ގިނަ އިން ފަޅޯ ގެންނަނީ ތޮއްޑޫ އިން ކަމަށާއި، ފަޅޯ ލިބުން މަދުވެފައި ވަނީ ތޮއްޑޫގެ ފަޅޯދަނޑު ހަލާކުވުމުން ކަމަށެވެ.
މީގެ އިތުރުން ވެސް ބާޒާރުގެ ބައެއް ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން ލުނބޯ ކިލޯ އެއް 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގަކަށް އުފުލިގެން ގޮސްފައިވާ އިރު، ދިވެހި މޮޅު ގިތެޔޮ މިރުސް ކިލޯ އެއް ލިބެނީ 200 ރުފިޔާއަށެވެ.
މިރިހުގެ އަގު ވެސް އުފުލިގެން ގޮސްފައި ވަނީ މިރުސް ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ލޯކަލް މާރުކޭޓްގައި މިރުސް ވިއްކާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މާރުކޭޓްގައި މިރުސް ވިއްކާ މީހަކު ބުނެފައި ވަނީ މިރުސް ލިބުން ވެސް ދަތިވެފައި ވަނީ ވިއްސާރަވުމުގެ ސަބަބުން ކަމަށެވެ. މިހާރު އޭނާ އަށް އާންމު ގޮތެއްގައި ލިބެނީ ދެ ބަސްތާ އާއި ތިން ބަސްތާގެ މިރުސް ކަމަށެވެ. އަންގާރަ ދުވަހު ލޯކަލް މާރުކޭޓްގެ ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު:
- ބަށި ކިލޯ އެއް 40 ރުފިޔާ
- ކޯލީފްލާވަރ ކިލޯ އެއް 45 ރުފިޔާ
- ހުދު ކެބެޖް 30 ރުފިޔާ
- ޗިޗަންޑާ 35 ރުފިޔާ
- ބީޓްރޫޓް 45 ރުފިޔާ
- ކައްޓަލަ 40 ރުފިޔާ
- އިނގުރު ކިލޯ އެއް 45 ރުފިޔާ
- ލޮނުމެދު ކިލޯ އެއް 25 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގެ
- ޓޮމާޓޯ ކިލޯ އެއް 20 އަދި 25 ރުފިޔާ
- ކަރާ ކިލޯ އެއް 30 ރުފިޔާ
- ކާއްޓެއް ފަސްރުފިޔާ އާއި 10 ރުފިޔާ އާއި ދެމެދުގެ އަގެއްގައި
- ކަންކުން ބޮނޑި އެއް 5 ރުފިޔާ އަށް
- ކުރުނބާ ހުރީ 15 ރުފިޔާ އަށް
- ދޮންކެޔޮ ހުރީ ކިލޯ އެއް 10 ރުފިޔާ އަށް
- ވަކިން ދޮންކެޔޮ ވަކެއް ލިބެން ހުރީ 3 ރުފިޔާ އިން ފެށިގެން 7 ރުފިޔާ އާއި ދެމެދުގެ އަގެއްގައި އެވެ.