އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮން ވިދާޅުވާ ބަސްފުޅެއް އޮވެ އެވެ. އެއީ "އަޅުގަނޑުމެން އެނބުރި އަދި އަންނާނެ ކަމަށް" ވިދާޅުވާ ވާހަކަފުޅެވެ. އަދި އެމްޑީޕީއަކީ ފިކުރެއް ކަމަށާއި އެ ފިކުރެއް ދެން މި ރާއްޖެއިން ނުފޮހެވޭނެކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެ އެވެ. އެމްޑީޕީގެ ކޮންމެ މެމްބަރަކު ވެސް ބުނާ ވާހަކައަކީވެސް އެއީ އެވެ. އެކަން މިއަދު މި ވަނީ ހަގީގަތަކަށްވެފައެވެ. އެމްޑީޕީ އަލުން އަނެއްކާ ވެރިކަމަށް މިވަނީ އައިސްފައެވެ.
ގިނަ ސިޔާސީ ޕާޓީތަކަށް ވާދަ ކުރެވޭގޮތައް ފުރަތަމަ ފަހަރަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން ވީ ގިނަ ބަޔަކުވީ ގުރުބާނީގެ ނަތީޖާއަކަށެވެ. ނަމަަވެސް 2012 ވަނަ އަހަރު ފުލުހުންނާ ސިފައިން ނިކުމެ ހިންގި ގާނޫނާ ހިލާފު ކަންތައްގަނޑެއްގެ ތެރެއިން އެ ވެރިކަން ވައްޓާލީ އެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުނީ ސިފައިންނާ ފުލުހުން އިސްވެ ތިބެ ހިންގި ކަންތައްގަނޑެއްގެ ތެރެއިން ކަމަށްވާތީ އެތައް ބަޔަކަށް އެކަމުން ހިތްދަތިކަން ލިބުނެވެ. އެ ވެރިކަން ބަދަލުކުރި ގޮތާ ދެކޮޅަށް ނިކުތް އެތައް ދިވެހިންނަކަށް ފުލުހުން ނިކުމެ އަނިޔާކުރި އެވެ. ނަމަވެސް އަޖައިބަކީ އެ ދުވަހުވެސް އެމްޑީޕީން ބުނަމުންދިޔައީ ޗިސްޗިސް ކޮށްލިޔަސް، ފިސްފިސް ކޮށްލިޔަސް ބާޣީއަކަށް ވެވެން ނެތް ކަމަށެވެ.
7 ފެބްރުއަރީ 2012 ގައި ވެރިކަން ވައްޓާލީމާ 8 ފެބްރުއަރީގައި އެމްޑީޕީގެ އާންމުން ނިކުތީ "އެނބުރި އަނެއްކާ ވެސް ވެރިކަމަށް އަންނާނެ" ކަމަށް ބުނަމުންނެވެ. ވެއްޓުމުން ތެދުވެ ދުއްވައިގަންނާނީ ކުރިއަށް ވުރެ ބާރަށް ކަމަށްބުނެ އެވެ. އެމްޑީޕީގެ ވެރިކަމުގެ ނައިބު ރައީސް ވެރިކަމަށް ވަޑައިގެން ހުންނެވި ދުވަސްތަކުގައި އެމްޑީޕީން ބުނަމުންދިޔައީ އެ ޕާޓީއަކީ "ކޮންމެ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް" ކަމަށެވެ. އެ ދުވަހުގެ ހާލަތު ބަދަލު ކުރުމަށް މަގުތައް މައްޗަށް ނިކުމެ އާންމު މެމްބަރުން ކުރި މަސައްކަތަކީ އާދަޔާ ހިލާފު މަސައްކަތެކެވެ. އެ ހާލަތުގައި ފުލުހުންގެ މުގުރާ ކަރުނަގޭހާއި ކުރިމަތިލީ އެމްޑީޕީން އެކަނި އޮވެ އެވެ. އެހެން ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތައް އެދުވަހު ތިބީ ނަޝީދު ވެރިކަމުން ދުރުކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު އިބްރާހިމާއެކު އެވެ. ނަމަވެސް އެމްޑީޕީގެ ކޮންމެ މެމްބަރެއް ވެސް އެމީހަކަށް ކުރެއްވުނު މަސައްކަތެއް ކުރި އެވެ. ފަހަތަށް ޖެހުނުތަނެއް ނުފެނުނެވެ.
ދެވަނަ ފަހަރަށް ވެރިކަމަށް އައުމަށް އެމްޑީޕީން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ގާނޫނާ ހިލާފަށް ވައްޓާލި ވެރިކަމަށް ފަހު ލިބުނު ފުރަތަމަ އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ހިތްދަތިކަމާ އެވެ. އެ ހިސާބުން ވެސް އެމްޑީޕީން ކުރަމުންދިޔަ ސިޔާސީ މަސައްކަތް ހުއްޓައެއްނުލަ އެވެ. 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކޮންމެ ދާއިރާއަކަށް ކުރިމަތިލި އެވެ. ސަރުކާރު ހިންގާ ކޯލިޝަނާ ވާދަކޮށް ރަނގަޅު އަދަދަކަށް ގޮނޑިތައްވެސް ލިބުނެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުގެ އަޒުމާއެކު ނިކުމެ ކުރި މަސައްކަތުގައި އާންމު މެމްބަރުންގެ ހިތްވަރު އެލުނު ތަނެއް ނުފެނެ އެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ ކަންކަން އެންމެނަށް ތިލަވާ ހިސާބަށް ގެންދިޔަ އެވެ. އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި މީހުނަށް އަނިޔާވެރިވާން ފެށުމުން އެމްޑީޕީން އޭގެ ކުރިން ދައްކަމުންދިޔަ ވާހަކަތަކަށް އެހެން ފަރާތްތަކުން ވެސް އެއްބަސްވާން މަޖުބޫރުވީ އެވެ. ނަތީޖާއަކީ އެމްޑީޕީއާ އެހެން ޕާޓީތައް ގުޅި، އިދިކޮޅު ކޯލިޝަނުގެ މަސައްކަތް ފުޅާވީ އެވެ.
އެމްޑީޕީން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ނަޝީދަށް އެ ފުރުސަތު ލިބޭ ގޮތެއް ނުވި އެވެ. އެ ހިސާބުން އެމްޑީޕީއަށް ގޮތް ހުސްނުވާނެކަން އެނގުނީ އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހްކަމަށް ފާސްކުރުމުންނެވެ. އެ ހިސާބުން އިދިކޮޅު އެހެން ޕާޓީތަކުން އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން ނިންމައި ކުރި މަސައްކަތުގެ ނަތީޖާއަކީ އަނެއްކާ ވެސް އެމްޑީޕީން ވެރިކަމަށް އައުމެވެ.
6 އަހަރަށް ފަހު އަނެއްކާވެސް އެމްޑީޕީން އެ ވަނީ ވެރިކަމަށް އައިސްފައި އެވެ. އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަކީ މި ހުރިހާ ދަނޑިވަޅެއްގައިވެސް އެންމެ އިސްކޮން އުޅުއްވި އެއް ފަރާތެވެ. އެމްޑީޕީއަށް ނިސްބަތްވި މަޖިލިސް މެމްބަރުންނާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަމުގައި ހުންނަވައިގެން އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތްޕުޅަކީ މިއަދު އެމްޑީޕީއަށް އަލުން ވެރިކަމަށް އާދެވުމުގެ އެއް ސަބަބު ކަމަށް ބުނެވިދާނެ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެރިކަން ނެތި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ވެސް އެމަނިކުފާނުގެ ލީޑަރުކަމުގައި ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން ގޮވައިގެން ހިފަހައްޓާލެވޭނީ އެކަމުގެ ހުނަރުވެރިކަން ހުރެގެންނެވެ. މިއަދު އެމްޑީޕީއަށް ވެރިކަމަށް އަނެއްކާވެސް އާދެވުނީ އިއްތިފާގަކުން ކަމަށް ބުނެވޭކަށް ނެތެވެ. މިއީ ރައްޔިތުންގެ ތެރެއިން ބަޔަކު ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ސިޔާސީ ތަފާތު ފިކުރުތަކާއެކު އިބްރާހިމް މުހައްމަދު ސޯލިހް ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅަކީ އެމްޑީޕީން އެތައް ގުރުބާނީއެއް ވެގެން ގެންނަން އުޅުނު ދުވަސް ގެނައުމުގެ އެއް އަސްލެވެ. އެމްޑީޕީން އެވަނީ ކުރިން ބުނިހެން އެނބުރި އައިސްފައިއެވެ.