ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 13:11
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ
ބީއެމްއެލް
ބީއެމްއެލް
ކުރިމަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެ: ބީއެމްއެލް
ބޭންކުގެ %90 މުއާމަލާތްތައް ކުރަނީ އޮންލައިންކޮށް

ޓެކްނޮލްޖީގެ ގޮތުން ދިވެހިރާއްޖޭގައި އެންމެ ކުރިއަރާފައިވާ ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނެކަމަށް ހާމަކޮށްފިއެވެ.

މިއީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިންގ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ޚިދުމަތް ބައްޓަންކުރުމުގެ ގޮތުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވަމުންދާ އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސްގެ ރަސްމީ އިފްތިތާހީ ޖަލްސާގައި ވާޙަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވަނީ މިވޭތުވެދިޔަ އަހަރުތަކުގައި އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސަރވިސް ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ފުރުސަތުތައް ހޯދައިދެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހީލީ ވާހަކަފުޅު ދައްކަވާފައިވަނީ މި ކޮންފަރެންސްގެ ތީމްކަމަށްވާ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" މި މައުޟޫއާ ގުޅޭގޮތުންނެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ބޭންކިންގ އަށް ލިބިގެންދާ ފުރުސަތުތަކާއި ހިރާސް (ރިސްކް) ތައް ދެނެގަތުމުގެ މުހިންމުކަމަށްވެސް ވަނީ އަލިއަޅުއްވާފައެވެ

ބޭންކް އޮފް މޯލްޑިވްސް އިން ޓެކްނޮލްޖީ ގެ އެހީގައި ދެމުންދާ ޚިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިވަމުންދާ ހަލުވިކަމަށްވެސް އެންޑްރޫވަނީ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޓެކްނޮލްޖީގެ އެހީތެރިކަމާއެކު 24 ގަޑިއިރު ޚިދުމަތްލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި، އިންޓަރނެޓް ބޭންކިންގ، މޮބައިލް ބޭންކިންގ އަދި މޮބައިލް ވޮލެޓް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް އިތުރުވުމާއެކު މިހާރު ބޭންކުގެ %90 މުއާމަލާތަކީ އޮންލައިންކޮށް ކުރާ މުއާމަލާތް އެންޑްރޫ ވިދާޅުވިއެވެ.

"އެހެންނަމަވެސް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު އަޅުގަނޑުމެންނަށް ހަނުހިމޭނުން ތިބެވޭކަށް ނެތް. ޓެކްނޮލްޖީ އާއެކު އަތުވެދާނެ ހިރާސްތައް މެނޭޖްކޮށް ޓެކްނޮލޮޖީން ލިބޭ ފައިދާ ހޯދަންޖެހޭ. ކުރިއަށްތަނުގައިވެސް ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް އަދި ހަމައެހެންމެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށްވެސް މަސައްކަތްކުރަމުންދާނަން. " އެންޑްރޫ ވިދާޅުވިއެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ ޝަރަފްވެރި އާންމު ބައްދަލުވުމާއި ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަށް ދެއްވިކަމަށްޓަކައި އެންޑްރޫ ވަނީ އޭބީއޭ އަށް ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްގީކުރުމުގައި މި ކޮންފަރެންސް އިން މުހިންމު ދައުރެއް އަދާކުރާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވެސް އެންޑްރޫ ވިދާޅުވިއެވެ.

- ކޮމެންޓް