މިދިޔަ އަހަރުތެރޭގައި ހަމައެކަނި ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ފަށާފައިވާއިރު މިކޮންފަރެންސްގެ ތެރެއިން ބޭއްވި ޚާއްސަ ސެޝަންގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ބޭންކިންގ ސިނާއަތުގައި ޑިޖިޓަލް ގޮތުން އައިސްފައިވާ ކުރިއެރުންތައް ހުށަހަޅާދީފައެވެ. އެގޮތުން މިބައްދަލުވުމުގައި ވާހަކަދައްވަމުން ޝަރީފު ވިދާޅުވީ ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށް ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް ބޭންކިންގ ޚިދުމަތް ހޯދަމުންދާ ގޮތްތަކަށް ދަނީ ބަދަލުތައް އަންނަމުން ކަމަށާއި ބީއެމްއެލްގެ އަމާޒަކީ ޓެކްނޮލްޖީގެ އެހީތެރިކަމާއި ލިބެމުން އަންނަ ކުރިއެރުންތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
އެގޮތުން 24 ގަޑިއިރު ޚިދުމަތްލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި، އިންޓަރނެޓް ބޭންކިންގ، މޮބައިލް ބޭންކިންގ އަދި މޮބައިލް ވޮލެޓް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް އިތުރުވުމާއެކު ކަސްޓަމަރުންގެ %90 މުއާމަލާތަކީ އޮންލައިންކޮށް ކުރާ މުއާމަލާތް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ބޭންކުން ބޭއްވި ސެޝަންގައިވަނީ "ޑިޖިޓަލް ޓްރާންސްފޯމޭޝަން - ބޭންކިންގެ ކުރިމަގު" މައްޗަށް އަލިއަޅުވާލާފައެވެ.
މި ކޮންފަރެންސްގެ ތީމް އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" އެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާ މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެއެވެ.
ދުނިޔޭ މަޝްހޫރު ވާހަކަދެއްކުންތެރިން އެކި ސެޝަންތައް ހުށަހެޅި މި ކޮންފަރެންސްގައި ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވަނީ ބޭންކިންގ ސިނާއަތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ޑިޖިޓަލް ޕޭމަންޓްތަކަށް އައިސްފައިވާ ކުރިއެރުންތަކާއި ކަސްޓަމަރުންނަށް ޚިދުމަތް ހޯދަން އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭ ބޭންކިންގ ސިނާއަތުގެ 'އިންޓަރނެޓް އޮފް ތިންގްސް ( އައިއޯޓީ ) އާ ގުޅޭގޮތުން އެމެރިކަން އެކްސްޕްރެސް އާއި މާސްޓަރކާޑުގެ ފަރާތުންވެސް ވަނީ ޕްރެސެންޓޭޝަންތައް ހުށަހަޅާފައެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ބޭންކުތަކުން ބައިވެރިވާ މި ކޮންފަރެންސް އިންތިޒާމްކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.