މޫނު ބުރުގާ އެޅި އަންހެން ކަނބަލުންނާމެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުށްވެރިކޮށް އެމްޑީޕީން އިޙުތިޖާޖު ކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފުން އެދިއްޖެއެވެ.
ހޯމަ ދުވަހު ޖަމްޢިއްޔަތުއްސަލަފުން އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ވަޒީފާ އަދާކުރާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން އެޕާޓީގެ ސްޓޭންޑަކީ ކޮބައިކަން ހާމަކޮށްދިނުން ކަމަށެވެ. މޫނު ބުރުގާ އެޅުމަކީ ސިވިލް ސާވިސް ޤަވައިދާ ހިލާފް ކަމެއް ކަމަށް ސަރުކާރުން ބުނުމުން އެކަމާމެދު އެމްޑީޕީން ދެކޭގޮތް އެޖަމްއިންޔާ އާއި ހިއްސާކުރުމަށް ވެސް ސިޓީގައި އެދިފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސަލަފުން ބުނީ ދިވެހި ރާއްޖެއަކީ ދީނަކީ އިސްލާމްދީން ކަމަށް ވުމާއެކުވެސް، އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާ ކުރަމުންދާ، އަދި ވަޒީފާ އަދާކުރަން ބޭނުންވާ އަންހެނުންނަން އެ ޙައްގު ސަރުކާރުގައި ނެތް ކަަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން އއ. މަތިވެރި ސްކޫލުގައި ކިޔަވައިދެއްވަމުންދިޔަ އައިމިނަތު ސުޒީ އާއި ނ.ކުޑަފަރީ އިން ވެސް އަންހެން ޓިޗަރު ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށް ސަލަފުން ބުންޏެެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައެވެ."