Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 00:20
ނ. ކުޑަފަރީ ގައި ލަމުންދާ ތޮށި: މި ތޮށީގެ ސަބަބުން މުޅި ރަށަށް ގެއްލުންކުރާނެ
ނ. ކުޑަފަރީ ގައި ލަމުންދާ ތޮށި: މި ތޮށީގެ ސަބަބުން މުޅި ރަށަށް ގެއްލުންކުރާނެ
ރާއްޖެއެމްވީ
ނ. ކުޑަފަރީ
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
އީއައިއޭ އެއް ނުހަދާ، ކަމާބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދާ
50 ފޫޓުގެ ދިގު ތޮއްޓެއް
އެންމެ ނުރައްކާތެރި ގޮތަށް، މުޅި ރަށަށް ގެއްލުން

ތިމާވެއްޓަށް ލިބޭ ގެއްލުން ބެލުމަށް ތައްޔާރުކުރާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަކާ ނުލައި ނ. ކުޑަފަރީގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ތޮއްޓެއް ލާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އަށް ހުށަހަޅައިފި އެވެ.

 

ކުޑަފަރީގައި އަލީ މައުރޫފް އިމާރާތްކޮށްފައިވާ ގެސްޓް ހައުސްއާ ދިމާލުން ގިރަމުންދާތީ އެކަން ހައްލު ކުރުމަށް ކަމަށް ބުނެ އީއައިއޭ ހެދުމަކާ ނުލައި ތޮއްޓެއް ލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ތޮށިލުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަފަރީ ހުޅަނގު ފަރާތުގައި ލާ ތޮއްޓަކީ 50 ފޫޓުގެ ދިގުމިނުގެ ތޮއްޓެކެވެެ. އަދި އަލީ މައުރޫފް ޚަރަދުކޮށްގެން ލަމުންދާ ތޮށީގެ މަސައްކަތް ކުރާތާ މިހާރު ތިން ވަރަކަށް ހަފްތާ ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

 

ތޮށި ލުމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަށް ބެލުމަކާ ނުލައި މައްސަކަތް ކުރަމުންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސައްކަތް ކުރަމުންދަނީ ކުޑަފަރީ ކައުންސިލާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ.

 

ސަރުކާރަށް ތާއީދު ކުރައްވާ ކައުންސިލަރުންގެ އަޣްލަބިއްޔަތު އޮންނަ ކުޑަފަރީ ކައުންސިލުން ވެސް އެ މަސައްކަތް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

މިކަމާ ގުޅޭ ގޮތުން އަލީ މައުރޫފް ވިދާޅުވީ "ސީސައިޑް ފުނަމާ" ކިޔާ އޭނާގެ ގެސްޓް ހައުސް އަދި ރަޖިސްޓްރީ ކޮށްފައިނުވާނެ ކަމަށެވެ. އަދި ގެސްޓް ހައުސް ހުންނަ ސަރަހައްދުގެ ގޮނޑުދޮށުން ގަސްތައް ވެއްޓޭތީ ކައުންސިލުން އީޕީއޭއާ ވާހަކަ ދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ތޮށިލުމުގެ މަސައްކަތް ކުރައްވަނީ އީއައިއޭ ހެއްދެވުމަށް ފަހުތޯ ކުރި ސުވާލަށް ޖަވާބު ނުދެއްވާ އަލި މައުރޫފް ވަނީ ފޯނު ކަނޑުއްވާލައްވާފަ އެވެ.

 

އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވަނީ، އީއައިއޭ ހެދުމަކާ ނުލައި ކުޑަފަރީ ގޮނޑުދޮށުގައި ތޮއްޓެއް ލާ މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އޮފިޝަލް ވިދާޅުވީ، އެފަދަ މަސައްކަތެއް ކުރެވޭނީ މިނިސްޓްރީއާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށާއި، ކުޑަފަރީ މައްސަލައިގައި ކަންތައްތައް ވެފައި އޮތްގޮތް ބަލަމުންދާ ކަމަށެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ތިމާވެއްޓާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވީ ކުޑަފަރީ ގޮނޑުދޮށުގައި ތޮށި ލާފައިވަނީ ވަނީ، އެކަން ކުރެވެން އޮންނަ އެންމެ ނުރައްކާތެރި ގޮތަށް ކަމަށެވެ. އަދި ތޮށި ލާފައިވާ ގޮތުން އެކަމުގެ ނޭދެވޭ އަސަރުތައް މުޅި ރަށުގެ ތިމާވެއްޓަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މި މައްސަލައާ ގުޅޭ ގޮތުން ކުޑަފަރީ ކައުންސިލުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް