ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 01:46
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
އަޒުމޫން އަހުމަދު
މީރާ
މިދިޔަ މަހު މީރާއަށް 1.03 ބިލިއަން ރުފިޔާ ބަލައިގަތް
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ

މިދިޔަ އޮކްޓޫބަރު މަހު މީރާއަށް 1.03 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފި އެވެ.
މީރާއިން ހޯމަ ދުވަހު އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 9.6  އިންސައްތަ އިތުރު އަދަދެއްވެސްމެއެވެ.
މީރާއިން ބުނީ އޮކްޓޫބަރު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށެވެ.
އޮކްޓޫބަރު 2018ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 61.7 އިންސައްތަ ނުވަތަ 636.93 މިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 5.8 އިންސައްތަ ނުވަތަ 59.94 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 56.77 މިލިއަން ރުފިޔާ ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 46.32 މިލިއަން ރުފިޔާ ، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 43.18 މިލިއަން ރުފިޔާ  އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 188.71 މިލިއަން ރުފިޔާ  ހިމެނެއެވެ.
އޮކްޓޫބަރު 2018ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް