Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 20:44
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގެން
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގެން
ފޭސްބުކް
ޕީޕީއެމް އެތެރޭގެ ކޯޅުން
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
ރައީސް މައުމޫނު ވިދާޅުވީ، ޕީޕީއެމްގެ ޕްރިއިމަރީ ބާއްވާފައި ވަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް

ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިލާފަށް، "ބަޔަކު" ޕާޓީގެ ނަމުގައި ޕްރައިމަރީ ބޭއްވި މައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

 

ޕްރައިމަރީ ބޭއްވި މައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވަނީ، ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމެވެ.

 

އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ރައީސް މައުމޫނު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ނަމުގައި ބޭއްވި ކަމަށް ބުނާ ޕްރައިމަރީއަކީ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި އަދި ހިންގާ ޤަވާއިދާ ޚިލާފަށް ބާއްވާފައިވާ ޕްރައިމަރީއެއް ކަމަށެވެ.

ރައީސް ޔާމީން ފެކްޝަނުން ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ސިޓީގައި، ރައީސް މައުމޫނު ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ބައެއް މާއްދާތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 72 ވަނަ މާއްދާގެ (ހ)ގައި ޕާޓީގެ އެތެރޭގައި ބާއްވާ އެންމެހާ އިންތިޚާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިޚާބު ކޮމިޓީން ކަމަށް ބުނެފައިވާކަން ރައީސް މައުމޫނު ފާހަގަކުރައްވައިފައި ވެއެވެ. އޭގެ އިތުރުން ޤައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްޞީލުކުރުމާ ބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ޤައުމީ އިންތިޚާބުތަކުގައި ވާދަކުރާނެ ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިޚާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިޚާބު ކޮމިޓީގެ ރައީސް ކަމަށާއި، އިންތިޚާބީ އެންމެހާ ކަންކަން ވިލަރެސްކުރަންޖެހޭ ފަރާތަކީ ޕާޓީގެ އިންތިޚާބު ކޮމިޓީ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާކަން ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. އަދި ޕާޓީގެ އިންތިޚާބު ކޮމިޓީއަކީ ޕާޓީގެ އެންމެ ފަހުން ބޭއްވި ޤައުމީ ޖަލްސާއިން އިންތިޚާބު ކޮށްފައިވާ ކޮމިޓީ ކަމަށާއި، ވީމާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އަސާސީ ޤަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދަން ޖެހޭނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަން ވެސް އަސާސީ ގަވައިދުގައި ބުނެފައިވާކަން ވެސް ރައީސް މައުމޫނުގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

 

ރައީސް މައުމޫނު ވިދާޅުވީ، ޕާޓީގެ ނަމުގައި ބޭއްވި ޕްރައިމަރީގެ އެއްވެސް މަޢުލޫމާތެއް ޕާޓީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި އެމަނިކުފާނަށް ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޕާޓީ ހިންގުމުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމުގައި ދެކޭ ކަމަށާއި، ޕީޕީއެމްގެ ނަމުގައި ޕްރައިމަރީ ބޭއްވި އިރު، ކުރިން އިޢުލާން ކުރުމަކާނުލައި ޕޮއިންޓް ދީފައިވާ އުސޫލު ހާމަކޮށްފައި ނުވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައި ވެއެވެ. އަދި ޕްރައިމަރީގައި ބައިވެރި ނުވެވުނީ ކޮން ޝަރުތުތަކެއް އުނިވެ، %75 ނުލިބިގެންކަން އެފަރާތްތަކަށް މިހާތަނަށް އަންގާފައި ނުވާ ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ މެންބަރުންނަށް ޕްރައިމަރީގައި ބައިވެރި ނުވެވުމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ރައީސް މައުމުނު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

 

ރައީސް މައުމޫނު ވިދާޅުވީ، ޕާޓީގެ މެންބަރުންނަށް ޕާޓީގެ ޕްރައިމަރީއެއްގައި ވާދަނުކުރެވެންވީ ސަބަބެއް މިހާތަނަށް އެނގިފައި ނުވާ ކަމަށާއި، އެހެންކަމުން ޕާޓީގެ ޤައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޤަވާއިދުތަކާ ޚިލާފަށް ޕާޓީގެ ނަމުގައި ޕްރައިމަރީއެއް ބާއްވާފައި ވާތީ އެކަން ހިނގާފައިވަނީ ކިހިނެއްތޯ ބަލައިދިނުމަށް އެދޭ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

 

ޕީޕީއެމްގެ ޕްރިމަރީ ބާއްވާފައިވަނީ 27 ޖެނުއަރީވީ ހުކުރު ދުވަހުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް