ޝާހިދު ކަޕޫރުގެ ފިރިހެން ދަރިފުޅު ޒައިން ކަޕޫރުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
ޝާހިދުގެ އަންހެނުން މީރާ ރާޖްޕުތް އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައިވާ މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ހެލޯ ވޯލްޑް" އެވެ. މީރާ ޝެއަރ ކޮށްފައިވާ ފޮޓޯގައި ދެމަހުގެ ތުއްތު ޒައިން ފެނިގެން ދަނީ ކެމެރާގެ ލެންސަށް ބަލަހައްޓައިގެން ކޮންމެ ވެސް މީހެއްގެ އަތްމަތީގައި އޮއްވައެވެ. ޒައިން އަށް ލައްވާފައި ވަނީ މެރޫން ކުލައިގެ ކުރުތާއެކެވެ.
ކޮންމެއަކަސް ޒައިންގެ ސިފަ ވައްތަރު ވަނީ ކާކާ ކަން އަދި ބުނަން ދަތިވި ނަމަވެސް ބައެއް މީހުން އޭނާ ވައްތަރު ވަނީ ކާފަ ޕަންކަޖް ކަޕޫރާއި ކަމަށް ބުނެއެވެ.
ޝާހިދު އާއި މީރާ ހިއްސާކުރާ ފޮޓޯތައް އިންޓަނެޓްގައި ވަނީ މަޝްހޫރުވެފައެވެ. ދާދި ފަހުން މި ޖޯޑު ދިވާލީ ފާހަގަކޮށް ނަގާފައިވާ ގިނަ ފޮޓޯތައް މި ޖޯޑު ވަނީ ސޯޝަލް މީޑީއާގައި ހިއްސާކޮށްފައެވެ.
ޒައިންގެ މި ފޮޓޯ އަކީ މީރާ ވިހެއި ފަހުން ގިނަ ދުވަސްތަކަކަށް ފަހު ސޯޝަލް މީޑިއާ ދުރުގައި ހުރުމަށް ފަހު އޭނާ ޝެއަރކުރި އެއް ފޮޓޯއެވެ. އަދި ވިހެއުމަށް ފަހު ޕަބްލިކަށް ވެސް މީރާ ނުކުންނަން ފަށާފައި މި ވަނީ ދާދި ފަހުންނެވެ. އެގޮތުން މިހިނގާ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މީރާ ވަނީ ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރުގެ އުފަންދުވަސް ފާހަގަ ކުރުމަށް އާއިލާއާ އެކު ބައިވެރިވެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ޝާހިދު އާ އެކު ޑިނާއަކަށް ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.
ޝާހިދު މިވަގުތު ދަނީ 2017 ވަނަ އަހަރު ރިލީޒް ކުރި ސުޕަ ހިޓް ތެލުގު ފިލްމް "އަރުޖުން ރެޑީ" ގެ ރީމޭކިން ކުޅުމަށް ތައްޔާރު ވަމުންނެވެ. މި ފިލްމް ކުޅުމަށްޓަކައި އޭނާގެ ތުނބުޅި ދިގު ކުރަން ޖެހޭ ކަމަށް ޚަބަރުތައް ބުނެއެވެ. ޝާހިދު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ " ބައްޓީ ގުލް މީޓާ ޗާލޫ" އިންނެވެ.