Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 15:58
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު: ބައިނަލްއަގްވާމީ މަސްރަހުގައި މިދިޔަ އަހަރަކީ ރާއްޖެ އަށް ލކާމިޔާބު އަހަރެއް
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު: ބައިނަލްއަގްވާމީ މަސްރަހުގައި މިދިޔަ އަހަރަކީ ރާއްޖެ އަށް ލކާމިޔާބު އަހަރެއް
ގޫގުލް
ބައިނަލްއަގްވާމީ ގުޅުންތައް
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެވަނީ ދިވެހީން ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައި
ރާއްޖޭގެ ގައުމީ މަސްލަހަތު ޙިމާޔަތްކޮށް، ކުރިއެރުވިއްޖެ
ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މިދިޔަ އަހަރުގެ ތެރޭގައި މަތިކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ޔާމީން ވިދާޅުވީ ނިމިގެންދިޔަ 2016 ވަނަ އަހަރު ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެވަނީ ދިވެހީން ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކޮށް، ރާއްޖޭގެ ގައުމީ މަސްލަހަތު ޙިމާޔަތްކޮށް، ކުރިއަރުވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މިދިޔަ އަހަރު ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުން ކަމަށެވެ.

 

ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ އަހަރު، ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް، އދ. ގައި ރާއްޖޭގެ ހަރަކާތްތައް އިތުރުކުރެވުނު ކަމަށެވެ.

 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ހެޔޮ އެދޭ، ރާއްޖޭގެ ގައުމީ ސިޔާދަތަށް އިޙްތިރާމްކުރާ ގައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިތުރު ފުރުސަތުތައް ހޯދައި ފަހިކުރުމަށް، ޚާރިޖީ ދާއިރާއިން މަސައްކަތް ކުރާނެ ކަމަށެވެ.

 

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން، ވިސާ ނަގަންޖެހޭ ގައުމުތަކާއެކު މަޝްވަރާކޮށް، ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މިއަހަރުގެ ތެރޭގައި މި ސަރުކާރުން އިތުރު މަސައްކަތްތައް ކުރާނެ ކަމަށެވެ.

 

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގެ ކިޔަވާކުދިންނަށް ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އުސޫލުން ދެވިދާނެ ޚިދުމަތްތައް، ރާއްޖޭގެ ފުދުންތެރިކަން ހުރި މިންވަރަކުން އިތުރަށް ފޯރުކޮށްދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ކޮމަންވެލްތާއި، ވަކިވެ އީރާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފަ އެވެ. އަދި މީގެ އިތުރުން ސަރުކާރުން، ޗައިނާއާއެކު ގުޅުން ބަދަހިކޮށް، ޗައިނާ އަށް ބޮޑެތި އިންވެސްޓްމެންޓްތަކުގެ ފުރުސަތު ދޭތީ އިންޑިއާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

 

މީގެ އިތުރުން، މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން، ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުން ދަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ރާއްޖޭގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވާ ކަމަށް އެ ގައުމުތަކާއި ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް