ދިވެހި ފުޓުބޯޅައިގައި އދ. މަހިބަދޫ އަކީ ފާހަނގަ ކޮށްލެވޭ ރަށެކެވެ. ހުނަރުން ފުރިގެންވާ މަހިބަދޫ އިން ގިނަ ފުޓުބޯޅަ ކުޅުންތެރިން އުފެދުނެވެ. އެ ފުޓުބޯޅަ ކުޅުންތެރިން ރާއްޖޭގެ ކްލަބްތަކުގައި ރީތި ނަން ހޯދިއެވެ. ގައުމީ ފުޓުބޯޅަ ޓީމަށް ރަން ވަނަ ހޯދައި ދިނެވެ. އޭގެ ތެރެއިން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އަދި ގައުމީ ޓީމުގެ ކުރީގެ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ހާއްސައެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި ގިނަ ކަންތައް ހާސިލުކޮށްފައިވާ ޓޮމް އަދި އިންމަ އިސް ނަގައިގެން ވުޖޫދަށް ގެނައި މަހިބަދޫ ސްޕޯޓްސް ކްލަބަކީ މިހާތަނަށް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކްލަބެކެވެ. މި ކްލަބުން ފުޓުބޯޅަ އަށް އަދި އެހެން ކުޅިވަރަށް ކޮށްދެމުން އަންނަ ކަންކަމަކީ އެތައް ބަޔަކު ތައުރީފް ކުރަމުން އަންނަ ކަންކަމެވެ.
އެގޮތުން މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީއާ އެކު މަހިބަދޫގައި މިވަނީ ޓާފް ފުޓުބޯޅަ ޕިޗެއް އަޅާ ނިންމައި، އެ ރަށުގެ ކުދިބޮޑު ހުރިހާ އެންމެން ހެއްވާލާފައެވެ. މިއީ ޓޮމް އަދި އިންމަގެ އިތުރުން އެތައް ބައެއްގެ ބުރަ މަސައްކަތާއި، ދީލަތި އެހީގެ ދަށުން ނިންމާލެވުނު ކަމެކެވެ.
އެހެންނަމަވެސް މިކަމުގައި ޓޮމް އަދި އިންމަ އެތައް ގޮތަކުން ހާއްސަވެގެން ދެއެވެ. މި ދެ ކުޅުންތެރިން ފުޓުބޯޅައިގައި ހޯދި ތަޖުރިބާއާއެކު މި ބޮޑު މަޝްރޫއު ހިންގުމަށް ވީ އެހީތެރިކަމާއި، މަސައްކަތަކީ ރަށަށްވީ ގުރުބާނީއެކެވެ. ޓޮމް އާއި އިންމަ ވަނީ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2003 އާއި 2009 ވަނަ އަހަރު މި މުބާރާތުގެ ދެ ވަނަ ހޯދިއިރު ވެސް ދެ ކުޅުންތެރިން ހިމެނުނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް ވިދާޅުވީ، މަހިބަދޫގައި ދަނޑެއް އެޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު އެކަން ހަގީގަތަކަށް ވުމުން އުފާވާ ކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޓޮމް ވިދާޅުވީ، އިންޑިއާ އަދި ޗައިނާ އަކީ ދުނިޔޭގައި އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ކަމަށާއި، އެހެންނަމަވެސް ފުޓުބޯޅައިގައި އެންމެ މަޝްހޫރު ގައުމަކީ ބްރެޒިލް ކަމަށެވެ. އެގޮތުން ރާއްޖޭގެ ބްރެޒިލް އަކީ މަހިބަދޫ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"މި ހުވަފެން ހަގީގަތަކަށްވެ، ފުޓުބޯޅަ އަށް ކަމެއް ކޮށްދެވުމުން އުފާވޭ. ރާއްޖޭގެ ބްރެޒިލް އަކީ މަހިބަދޫ. މިހާރު ގައުމީ ޓީމުގައި މަހިބަދޫގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ. މީގެ ސަބަބުން އިތުރުވާނެ" އެފްއޭއެމްގެ ރައީސްކަންވެސް ކުރައްވާފައިވާ ޓޮމް ވިދާޅުވިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އިންމަ ބުނީ މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މަހިބަދޫ ސްޕޯޓްސް ކްލަބް ވުޖޫދަށް ގެނައުމުގެ އެއް މަގްސަދު ހާސިލުވެފައިވާ ކަމަށެވެ. އަދި އޭނާވެސް ބުނީ މިއީ ކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި، ހުވަފެން ހަގީގަތަކަށްވުމުން އުފާވާ ކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިންމަ ބުނީ މި ދަނޑު އެޅުމުގެ ސަބަބުން ގައުމީ ޓީމުގައި އަބަދުވެސް މަހިބަދޫ ކުޅުންތެރިން ހިމެނޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، އުންމީދަކީ މަހިބަދޫ އިން ހުނަރުވެރި ގިނަ ފުޓުބޯޅަ ކުޅުންތެރިން އުފެދިގެން ދިއުން ކަމަށެވެ.
މީގެއިތުރުން އިންމަ ބުނީ މި ދަނޑު އެޅުމުން، އެހެން ރަށްތަކުންވެސް މިސާލު ނަގާ މިކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ އާންމުކޮށް ދަނޑު އަޅަނީ އެ ރަށެއްގެ އާބާދީއަށް ބަލާފައި ކަމަށާއި، އެހެންނަމަވެސް ހުނަރު ހުރި ކޮންމެ ރަށެއްގައި ދަނޑު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މަހިބަދޫ ސްޕޯޓްސް ކްލަބް ހެދި މަގްސަދުގެ ތެރެއިން އެއް މަގްސަދު މިއީ. އަބަދުވެސް ބޭނުންވަނީ މަހިބަދޫ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ކުޅުން. ވަރަށް އުފާވެރި ދުވަހެއް. ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވީ. މިކަމުން މިސާލު ނަގަންޖެހޭ. އާބަދީ އަށް ބަލާފައި އާންމުކޮށް ދަނޑު އަޅަނީ. އޭގެ ބަދަލުގައި ހުނަރަށް ބަލާފައި ދަނޑު އަޅަންޖެހޭ ރަށްރަށުގައި" އިންމަ ބުނިއެވެ.
އިންމަ ބުނީ މަހިބަދޫ ދަނޑު އެޅީ ޕްލޭނަކާ އެކު ކަމަށާއި، އެ ޕްލޭނާއެކު އެ މަސައްކަތް ނިމުމަކާ ގާތަށް އައުމުން ދެން ކުރަން ހުރި ކަންކަމަށް ޕްލޭންތައް ތައްޔާރު ކުރަން ފަށާފައިވާ ކަމަށާއި، ފުޓުބޯޅަ އަދި ކުޅިވަރު ކުރިއެރުވުމަށް އަބަދުވެސް މަހިބަދޫ ސްޕޯޓްސް ދެމި އޮންނާނެ ކަމަށެވެ.
ދަނޑުގެ ޕިޗް އިންސްޓޯލްކޮށް ނިމިފައިވާއިރު، ދަނޑާ ގުޅޭ އިތުރު ޕްރޮޖެކްޓްތައް މަހިބަދޫ ސްޕޯޓްސް އިން އަންނަނީ ރާވަމުންނެވެ. އެގޮތުން ލައިޓިން ސިސްޓަމް ހަރުކުރުމާއި، ސިޑި ބަރި އާއި ޗޭންޖިން ރޫމްތައް ހެދުން ހިމެނެއެވެ.
މަހިބަދޫ ދަނޑު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަސް ތެރޭގައެވެ.