ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 13:28
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބް
އަޒުމޫން އަހުމަދު
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
މިދިޔަ އަހަރު އިމްޕޯޓްގެ 34 ބިލިއަން ރުފިޔާ އަށް އަރާ

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކުރެވުނު މުދަލުގެ އަގު 2015 ވަނަ އަހަރާ އަޅާބަލާއިރު 7% އިތުރުވެއްޖެއެވެ.

 

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ ނިޔަލަށް 3.7 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު 2016 ވަނަ އަހަރު މި އަދަދު ވަނީ 3.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހުސްވި 2016 ވަނަ އަހަރު ދިވެހިރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ %33 އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ސްރީލަންކާއަށް %11 އެކްސްޕޯޓް ކުރެވިފައިވާއިރު، ފާއިތުވި 2016 ވަނަ އަހަރު ޖުމްލަ އެކްސްޕޯޓްގެ %9 ހިއްސާކުރަނީ އެމެރިކާއިންނެވެ.

 

ތެލުގެ ބާވަތްތައް ހިމެނޭ ގޮތަށް އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ 2015 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 8 އިންސައްތަ އިތުރުވެފައެވެ. ފާއިތުވި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 ވަނަ އަހަރުގެ މިމުއްދަތުގައި ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ.

 

ވޭތުވެދިޔަ 2016 އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %12 އިތުރުވެފައިވެއެވެ. އަދި 2016 ވަނައަހަރުގެ ނިޔަލަށް 34 ބިލިއަން ރުފިޔާގެ މުދާ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާއިރު 2015 ވަނަ އަހަރުގެ އެމުއްދަތުގައި އެތެރެކޮށްފައި ވަނީ 31 ބިލިއަން ރުފިޔާގެ މުދަލެވެ.

 

މިދިޔަ 2016 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ ބާވަތްތަކަށެވެ. މިގޮތުން އިމްޕޯޓްކުރި މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ އަގަކީ 6.7 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ %21 އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެއީ 6.4 ބިލިއަން ރުފިޔާ19%) ) އެވެ. ތިންވަނައަށް އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތައް އިމްޕޯޓްކުރުމަށެވެ. އެއީ 3.5 ބިލިއަން ރުފިޔާ (%11) އެވެ. މެޝިނަރީއަށް ހޭދަކުރެވިފައިވާ އަދަދު ބޮޑުވެފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްތަކަށް އިމްޕޯޓްކުރެވުނު ތަކެތީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ފާއިތުވި އަހަރު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރެވިފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއިންނެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއީ މިދިޔަ އަހަރު ރާއްޖެއަށް ކުރެވުނު ޖުމްލަ އިމްޕޯޓްގެ %16 އެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓްކުރެވުނު ގައުމުތަކަކީ ސިންގަޕޯރ 4.7 ބިލިއަން ރުފިޔާ (14%) އަދި އިންޑިޔާ، 4.2  ބިލިއަން ރުފިޔާ (%13) އެވެ.

 

- ކޮމެންޓް