ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރި ދިވެހި ހިތްވަރުގަދަ ތިން ޒުވާނަކު ފެނިގެން ދާ ލަވަ "އާފެށުން" ގެ ވީޑިއޯ އާންމު ކޮށްފިއެވެ.
ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޑިޓިއުން" އިން މިދިޔަ އަހަރު ކެންސަ ސޮސައިޓީގެ ގާލާ ޑިނާގައި އާންމުކުރި "އާފެށުން" ލަވައިގެ ވީޑިއޯ ލަވަ އާންމުކޮށްފައި މިވަނީ މި އަހަރުގެ ގާލާ ޑިނާގައެވެ.
ކެންސަރާ ހަނގުރާމަކުރި މީހުންގެ ހަޔާތުގައި ކުރިމަތިލާންޖެހުނު އުނދަގޫތަކަށް އަލި އަޅުވާލާފައިވާ މި ލަވައަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް "ޑިޓިއުން" އިން މައުލޫމާތު ދެއެވެ.
މިލަވައިން ލިބޭ އާމްދާނީ ކެންސަރުގެ ބައްޔަށް ހޭލުންތެރިކުރާ ދިވެހި ޖަމިއްޔާ، ކެންސަރ ސޮސައިޓީއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެބޭންޑުން މައުލޫމާތު ދެއެވެ. އަދި ކެންސަރު ބަލީގެ ޝިކާރާއަކަށްވެފައިވާ މީހުންނަށް އާ ހިތްވަރެއް މިލަވައިން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
ޑިޓިއުން ބޭންޑުގެ "އާފެށުން" ލަވަ މިހާރު ލަވަފޮށި އެޕުން ވެސް އަޑުއަހާލެވޭނެއެވެ. އަދި ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯ ލަވަ ބަލާ ވެސް ލެވޭނެއެވެ.
މި ލަވަ ރިލީޒްކުރި ދުވަހު ލަވަ ފޮށީގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި 10،000ރ. ހަދިޔާ ކޮށްފައިވާ ކަމަށާއި މީގެ އިތުރުން ސީއެސްއެމް ފިންކް ރަން އަދި ދިރާގު ރޯޑް ރޭހުން ވެސް ފައިސާ ޑޮނޭޓް ކޮށްފައިވާ ކަމަށް ޑިޓިއުން ބޭންޑުން މައުލޫމާތު ދެއެވެ. އެކަމަށްޓަކައި ޑިޓިއުން އިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.