ކ. ހިންމަފުށީ ގެއެއްގެ ދޮރަށް އެރި ވަޒަނަކީ ކައިރީގައި އޮތް ގިރިފުށި ޓްރެއިނިންގ ސެންޓަރުން ފޯރާނެ ވައްތަރުގެ ވަޒަނެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަން އެރުމާ ގުޅިގެން އެކަން ތަޙްގީގްކުރުމަށް ފަހު އެމްއެންޑީއެފުން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެގޭގެ ދޮރަށް ވަޒަނަކީ ގިރިފުށި ޓްރެއިނިންގ ސެންޓަރުން ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫން ކަމަށާއި ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ހިންގާ ތަމްރީނުތަކަކީ، އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެއް ކަމަށެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލް ބުނީ ވަޒަން އަރާފައިވާ ގެއަކީ އެރަށު އަތިރިމަތީގައި ހުންނަ ގެއެއް ކަމަށެވެ. އެ ގެ ހުންނަނީ ގިރިފުއްޓާ ދިމާލު އަތިރިމަތީގައެވެ.
އެމްއެންޑީއެފުން ބުނީ ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރާ ގުޅުންހުރި އެއްވެސް ތަމްރީނެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި އަސްކަރިއްޔާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާ މަރުކަޒުތަކަކީ، އަބަދުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޤާއިމްކޮށްފައިވާ މަރުކަޒުތަކެއް ކަމަށް ވެސް ބުންޏެއެވެ.
މީގެ ދެ އަހަރުކުރިންވެސް ހިންމަފުށީ ގެޔަކަށް ވަޒަނެއް އަރާފައި ވެއެވެ. ހިންމަފުށީ ގެޔަކަށް ވަޒަން އަރުމާ ގުޅިގެން އެރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.
އެއީ އެމްއެންޑީއެފްގެ ތަމްރީން މަރުކަޒު ގިރިފުށި ޓްރެއިނިންގައި ބޭނުންކުރި ވަޒަނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފައިވާ އެއީ ކޮންތާކުން ކިހިނެއް އައި ވަޒަނެއްކަން ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.