ފާއިތުވި ސީޒަންގެ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރެވުނު ނަމަވެސް އެ މުބާރާތަކީ މާބޮޑު މުބާރާތެއް ކަމަށް ނުދެކޭ ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) ބުނެފި އެވެ.
މިއަހަރުގެ ސީޒަނަށް ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުތުމަށް ތައްޔާރުވަމުން އަންނަ އީގަލްސް އަންނަނީ ދެއިރަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެމުންނެވެ.
މިދިޔަ ސީޒަންގައި ވެސް ޒުވާން ކުޅުންތެރިންތަކަކާއެކު ނުކުތް އީގަލްސް އިން ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، މިއަހަރު އެޓީމުގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމެވެ.
މިދިޔަ އަހަރު ހޯދި މަގާމާއެކު ކޮންމެ ކްލަބެއް ވެސް މި ސީޒަންގައި ނުކުންނާނީ އެ މަގާމެއް އަލުން ދިފާއުކޮށް އެކަން ތަކުރާރު ކުރުމަށެވެ. އެހެން ކަމުން އީގަލްސް އިން މިކަމާ ދޭތެރޭ ދެކެނީ ކޮންގޮތަކަށްތޯ އަހާލުމުން ސާންތި ބުނީ ޕްރެޒިޑެންޓް ކަޕަކީ މުހިންމު މުބާރާތެއް ކަމަށް ކްލަބުގެ މެނޭޖްމަންޓުން ނުދެކޭ ކަމަށާއި އެހެން ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ބަލާނަމަ އެއީ ކާމިޔާބީއެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.
ސާންތި ބުނީ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތަކީ އެ މުބާރާތް ބާއްވާ ފަރާތުން ވެސް މާބޮޑު އަޅާލުމެއް ދީގެން ބާއްވާ މުބާރާތެއް ނޫން ކަމަށާއި އެކަން ފެނިގެން އެ ކްލަބަށް ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި މި ސީޒަންގައި އެ މުބާރާތަށް މާބޮޑު ވިސްނުމެއް އީގަލްސް އިން ނުގެންގުޅޭ ކަމަށް ވެސް ސާންތި ބުންޏެވެ.
"އަސްލު ހަގީގަތުގަ ޕްރެޒިޑެންޓް ކަޕަކީ މިހާރު އަހަރެން އަދި ކްލަބުން ވެސް މާ މުހިންމު މުބާރާތެއް ކަމަށް ނުދެކެން. އެއީ މި މުބާރާތް ބާއްވާ ފަރާތުން ވެސް މީ ކޮން ފެންވަރެއްގެ މުބާރާތެއް ކަމެއް ބަލައެއް ނުގަނޭ. އެހެންވީމަ މި އަހަރު މާބޮޑު އިސްކަމެއް ނުދެން މި މުބާރާތަކަށް." ސާންތި ބުންޏެވެ.
ސާންތި ބުނީ މި މުބާރާތަކީ ބަޔަކު ވެލިއު ނުކުރި ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ބަލައިގަންނަ ބޮޑު މުބާރާތެއް ކަމަށާއި އަދި މިއީ އެހެން ހުރިހާ މުބާރާތްތަކަށް ވުރެ، ޝަރަފްވެރި މުބާރާތެއް ކަމަށެވެ.
ސާންތި ބުނީ ބުރަ މަސައްކަތެއް ކޮށްގެން ޝަރަފްވެރި ބޮޑު މުބާރާތެއްގެ ތަށި ލިބުނު ކަމުގައިވީ ނަމަވެސް ބައެއް ފުރުސަތުތައް ގެއްލެމުންދާތީ އެއީ ކިތަންމެ ބޮޑު މުބާރާތެއް ނަމަވެސް، ކުޅުންތެރިން މާޔޫސްވެފައިވާ ކަމަށެވެ.
ބައެއް ފުރުސަތުތައް ގެއްލޭ ވާހަކަ ސާންތި ބުނި ނަމަވެސް އެއީ ކޮން ފުރުސަތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި އެ ފުރުސަތަކީ މިއަހަރުގެ މާޗު މަހުގައި ބަންގްލަދޭޝްގައި އޮންނަ ފުޓުބޯޅަ މުބާރާތަކުން މިދިޔަ ސީޒަންގެ ހުރިހާ މުބާރާތެއްގެ ދެވަނަ ހާސިލްކުރި ޓީސީ ސްޕޯޓްސް ކްލަބަކަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެފްއޭއެމުން ދިނުން ކަމުގައި ބެލެވިދާނެ އެވެ.
މާޒިޔާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން އޭއެފްސީ ކަޕުން ޖާގަ ހޯދި އިރު، ކްލަބު ވެލެންސިޔާ ވަނީ އެފްއޭކަޕް ކާމިޔާބުކޮށް އޭއެފްސީގެ ޖާގައެއް ހޯދާފަ އެވެ. އެހެން ކަމުން ސާންތި ބުނާ ގޮތުން ނަމަ، ދެން އެހެން މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކްލަބަކީ އީގަލްސް އެވެ. އެ ކްލަބުން ވަނީ މިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕް އަލަށް ކާމިޔާބުކޮށްފަ އެވެ.
މި ފުރުސަތު ޓީސީ ސްޕޯޓްސް ކްލަބަށް ދިނުމާ ބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖެއެމްވީ އަށް މީގެ ކުރިން ބުނެފައި ވަނީ ޓީސީ އަށް އެ ފުރުސަތު ދޭން ނިންމީ ފީފާ އަދި އޭއެފްސީ މިންގަނޑުތަކަށް ބެލުމަށް ފަހު ކަމަށެވެ.