ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަނަކަށް ގޯލް ކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފި އެވެ.
އެ ކްލަބުގެ ކެޕްޓަނަކަށް އިމްރާން މުހައްމަދު ހަމަޖައްސައި އޭނާއަށް ނިއުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވަނީ ހޮނިހިރު ދުވަހު ހަވީރު ކުޅުނު ޗެރިޓީ މެޗު ފެށުމުގެ ކުރިން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އެވެ.
މާފަންނު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން އިމްރާނަށް ކެޕްޓަން ބޭންޑް ހަވާލުކުރި އިރު، އެ މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ހާޒިރުވެފަ އެވެ.
ކީޕަރު އިމްރާން މިއަހަރު އަލުން ނިއުއާ ގުޅުނުއިރު، އޭނާ ނިއުއަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އިމްރާންގެ އިތުރުން ނިއު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެ ކްލަބުން ވަނީ ގައުމީ ޓީމުގައި ވެސް އަދި ކްލަބު ލެވެލްގައި ވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ގެނެސްފަ އެވެ.
އޭގެ ތެރޭގައި ޓީސީއަށް މިދިޔަ ސީޒަންގައި ކުޅުނު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު މިޑްފީލްޑަރ އަކްރަމް އަބްދުލްޣަނީ އާއި، މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އާއި، މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީ ހިމެނެ އެވެ.