ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 20:44
 ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުންނެވި މުހައްމަދު ލަތީފް
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުންނެވި މުހައްމަދު ލަތީފް
ރާއްޖެއެމްވީ
ވޮލީބޯލް
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
 
ވީއޭއެމްގެ ނައިބު ރައީސް ވިދާޅުވީ ލަތީފް އަށް މަގާމު ގެއްލިފައިވާ ކަމަށް
 
ލަތީފް ވިދާޅުވީ ރައީސްގެ މަގާމު ގެއްލުނުކަން ނޭނގޭ ކަމަށް
 
ޔޫތު ސްޕޯޓްސް ކްލަބުން ވަނީ ލަތީފް މެމްބަރުކަމުން ވަކިކޮށްފަ

ޔޫތު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރުމާ އެކު ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މުހައްމަދު ލަތީފް (ލަތީބެ) ދެމިހުރުމާ މެދު ސުވާލު އުފެދިއްޖެއެވެ.

 

ޔޫތު ސްޕޯޓްސް ކްލަބުން ލަތީބެ ކްލަބުގެ މެމްބަރުކަމުން ވަކި ކުރިކަން އަންގާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "2017 ފެބްރުއަރީ 02 ވަނަ ދުވަހު ބޭއްވި މިދައުރުގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާ އިން ކްލަބުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފް އެ ކްލަބުގެ މެމްބަރުކަމުން ވަކިކޮށްފައިވާ" ކަމަށެވެ.

 

ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ކުލަބުން އިންތިހާބުކޮށްފައިވާ މަގާމުން ވަކިކޮށްފި ނަމަ އޭނާގެ މަގާމު ގެއްލޭނެ ކަމަށެވެ. އެގޮތުން (ށ)ގެ ފަސް ވަނަ ނުކުތާގައި ބުނެފައިވަނީ ހާލަތަކީ "ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓްރީ ވެފައިވާ ކްލަބް ނުވަތަ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކުރުން ނުވަތަ އިސްތިއުފާ ދިނުން" އެވެ.

 

ޔޫތު ސްޕޯޓްސް ކްލަބުން ހުށަހެޅި މި ސިޓީގެ އިތުރުން ޔޫތު ސްޕޯޓްސް ކްލަބުން ވަނީ ވޮލީބޯލް އެސޯސިއޭޝަނަށް ވެސް ލަތީފްގެ މަގާމު ގެއްލިއްޖެ ކަމަށް ނިންމައި އެ އިދާރާއަށް ވެސް ސިޓީއެއް ފޮނުވާފަ އެވެ.

 

އެގޮތުން ޔޫތު މިނިސްޓްރީން ވޮލީބޯލް އެސޯސިއޭޝަނަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން މުހައްމަދު ލަތީފް ވަކިކުރުމާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވައިދުގެ 23 ވަނަ މާއްދާގެ (ށ)ގެ 5 ވަނަ ނަމްބަރުގައިވާ ގޮތުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު މުހައްމަދު ލަތީފަށް މިހާރު ގެއްލިފައިވާ ކަމަށެވެ.

 

މިކަމާ ގުޅިގެން ރާއްޖެއެމްވީން ގުޅާލުމުން ލަތީބެ ވިދާޅުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން ވަކިކުރި ނަމަވެސް ވީއޭއެމްގެ ރައީސްގެ މަގާމު ގެއްލުނު ކަމަށް ނުދެކޭ ކަމަށާއި އަދި އެކަމާ ގުޅިގެން ރަސްމީ ފަރާތަކުން އެކަން އޭނާއަށް ކަށަވަރުކޮށްދީފައި ވެސް ނުވާ ކަމަށެވެ.

 

މީގެ އިތުރުން ލަތީބެ ވިދާޅުވީ އޭނާއަކީ އެ އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރު އެހެން ކްލަބެއްގެ ވެސް ނައިބު ރައީސް ކަމަށާއި އެހެން ކަމުން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނު ކަމަށް ނިންމޭނެ ހާލަތެއް ނެތް ކަމަށެވެ.

 

މިވާހަކަތަކަށް ރައްދު ދެއްވަމުން ވީއޭއެމްގެ އެކްސްކޯ މެމްބަރު އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ރައީސް އަލީ އިޔާޒް ވިދާޅުވީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އެސޯސިއޭޝަންގެ މެމްބަރަކަށް ނުވަތަ އެނޫން ވެސް މަގާމަކަށް އިންތިހާބުވެފައިވާ މެމްބަރަކީ އެ ކްލަބެއްގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހުރެ އިންތިހާބުވީ ފަރާތަކަށް ވެފައި، އެ ކްލަބުން އޭނާ މަގާމުން ދުރުކޮށް ނުވަތަ އިސްތިއުފާދިން ކަމުގައިވާ ނަމަ އެސޯސިއޭޝަންގެ މަގާމު ވެސް ގެއްލޭނެ ކަމަށެވެ.

 

އެހެންކަމުން ލަތީބެ އިންތިހާބުވެފައި ވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް ވުމާއެކު، އެ ކްލަބުގެ މެމްބަރުކަމުން ލަތީބެ ވަކިކުރުމާ ގުޅިގެން އޭނާއަށް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް ގެއްލިފައިވާ ކަމަށެވެ.

 

މިކަމާ ގުޅިގެން ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދަށް ގުޅާލުމުން އޭނާ ވެސް ވިދާޅުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން ލަތީބެ ވަކި ކުރުމާއެކު އޭނާއަށް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށެވެ. އަދި ވީއޭއެމްގެ އަސާސީ ގަވައިދުގައި އެކަން ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށް ވެސް އިއްޒަތު ވިދާޅުވި އެވެ.

 

އިއްޒަތު ވިދާޅުވީ ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ވަރަށް އަވަހަށް އެސޯސިއޭޝަންގެ ބައި އިލެކްޝަނެއް ބާއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް