ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 19:38
ހިރިޔާ ސްކޫލް
ހިރިޔާ ސްކޫލް
ގޫގުލް
ލޯކަލް ކައުންސިލް އިންތިހާބު
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
 
އެހެންނަމަވެސް އެހީ ކޮން ހަރަކާތެއް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވޭ
 
އޭޕްރީލް 8 ވަނަ ދުވަހު ރާއްޖޭގެ 1200 ސްކޫލުގައި މުހިއްމު ހަރަކާތެއް ކުރިއަށްދާނެ
 
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އޭޕްރީލް 15 ދުވަސް

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިން ނިންމި އޭޕްރީލް 8 ވަނަ ދުވަހު ހުރިހާ ސްކޫލުތަކުގައި ހަރަކާތެއް ބޭއްވުމަށް މާ ކުރިން ސުރެ ރޭވިފައިވާ ކަމަށާއި އެހެން ނަމަވެސް އެހަރަކާތަކީ ކޮބައިކަން އަދި އިއުލާނު ކުރުމަށް ހަމަޖެހިފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެދިފައިވަނީ ކީއްވެގެންތޯ ދެންނެވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއް ސަމަދު ވިދާޅުވީ، އެޑިއުކޭޝަނުން އޭޕްރީލް 8 ވަނަ ދުވަހު ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތަކީ ރާއްޖޭގެ 1200 ސްކޫލުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށާއި އެހެން ނަމަވެސް އެއީ ކޮން ހަރަކާތެއް ކަމެއް އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެރީނާ ވިދާޅުވީ، ސްކޫލުތަކުގައި ބާއްވާ އެފަދަ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށާއި މިއީ ވަރަށް ދުރާލާ ރޭވިގެން ބޭއްވޭ ހަރަކާތެއް ކަމަށެވެ.

 އެހެން ނަމަވެސް އެއީ ކޮން ހަރަކާތެއް ކަމަށް އެފަރާތުން ހާމަކޮށްފަ އެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ސްކޫލު އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުން އޭޕްރީލް މަހުގައި ތަފާތު ކުޅިވަރުތައް ވަނީ ރޭވިފައެވެ. އެގޮތުން ނެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމްކުރާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް މުބާރާތާއި ހޭންޑް ބޯލް މޯލްޑިވްސް އިން އިންތިޒާމްކުރާ އިންޓަރ ސްކޫލު ހޭންޑް ބޯލް ޓޯރނަމެންޓުގެ އިތުރުން މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަނާއި އެތްލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ހަރަކާތްތަކެއްވަނީ 2017 ވަނަ އަހަރުގެ ސްކޫލުތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިދިއަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އެ ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށް ތާވަލް ކުރި ނަމަވެސް އިންތިހާބު އޭޕްރީމް 15 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މިގޮތަށް ފަސްކޮށްފައިވަނީ، އިންތިހާބު ބާއްވާ ދުވަހަކީ ސްކޫލުތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ދުވަހަކަށް ވާތީ ފަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ މަސައްކަތްތަކުގައި އެންމެ ގިނައިން ބޭނުން ކުރާ ތަނަނީ ސްކޫލުތައް ކަމަށް ވާތީ 8 ވަނަ ދުވަހަށް ސްކޫލުތައް އެވެއިލެބެލް ނުވާ ކަމަށާއި އިންތިހާބުގެ ކަންކަން އެންމެ ފުރިހަމަ އަށް ބޭއްވޭނީ ފޮށިތައް ބެހެއްޓުމަށް ހަަމަޖެހިފައިވާ ސްކޫލުތައް ލިބޭނެ ދުވަހަކަށް ބަދަލުކޮށްގެން ކަން ގަބޫލުކުރާ ކަމަށްވެސް އަމްޖަދު ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދާ ދިނުމަށް ކަމަށް އެމްޑީޕީ އާއި ޕީޕީއެމްގެ މައުމޫން ޕެކްޝަނުންވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް