ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
ދިރާގުން 2009 ގައި ތަޢާރަފުކުރި މި ޕްރޮގްރާމް ހިންގާތާ މިއީ 10 ވަނަ އަހަރެވެ. މަސައްކަތުގެ އަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލާފައި ވެއެވެ.
މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާ އެކު އަދާކުރަމުން އަންނަ ޒުވާނުން ކަމަށާއި މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެކި ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަކަށް ނޫން ކަމަށާއި މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.
އޭލެވެލް ނިންމާފައިވާ އަދި މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ނެތް ކޮންމެ ކުއްޖަކަށް ވެސް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވެއެވެ.
މި ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއް ކަނޑައެޅިފައިވާނެއެވެ.
މި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި މިއަހަރު ބައިވެރިވުމަށް އެދޭ ކުދިން ދިރާގު ހެޑް އޮފީސް އަދި ދިރާގުގެ ހުރިހާ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި 12 ނޮވެމްބަރ 2018 ގެ މެންދުރު ފަހު 2.00 އިން ހަވީރު 5.00 އާއި ދެމެދު ކުރިއަށް ދާ ވޯކް އިން އިންޓަވިއުސްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.