ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް ކުރަމުން ގެންދާ ކަންތައްތައް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާ ކަމަށް ބުނެ، ރިޔާސީ ބަޔާން އިއްވުމަށް ހޯމަ ދުވަހު ބާއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ސްރީ ލަންކާގައި ބޭއްވި އެ ގްރޫޕުގެ ބައްދަލުވުމުގަ އެވެ. ޖަލްސާ ބޮއިކޮޓް ކުރުމަށް ފާސްވީ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޖަލްސާ ބައިކޮޓް ކުރުމަށް އެމްޑީޕީން ނިންމީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ގޮތަށް ސަރުކާރުން އަމަލުކުރަމުން ގެންދާތީ ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތް ކިލަނބުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު އަހަރަކަށް ވުރެ އަހަރެއް ދަށަަށްދާއިރު، ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވާ ގޮތަށް އަމަލުފުޅުތައް ނުބަހައްޓަވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ އެހެންކަމުން އެފަދަ "މުޑުދާރު" ވާހަކަތަކެއް އަޑުއެހުން ރައްޔިތުންނަށް މުހިންމު ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެެވެ. އަދި އެފަދަ ވާހަކަފުޅުތަކެއް އަޑުއެހުމުގެ ބޭނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު، މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ވެސް އެމްޑީޕީން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި ދަރުބާރުގޭގައި ޖަލްސާ ބާއްވަން ނިންމުންނެވެ. އެ ޕާޓީން ބުނީ އެގޮތަށް ނިންމީ އެއްވެސް މަގުބޫލު އުޒުރެއް ދެއްކުމެއް ނެތި ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުގައި، ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ނިންމީ މަޖިލިސް ކުރާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިނުވާތީ ކަމަށެވެ.
އެހެން، ނަމަވެސް މިއަހަރުގެ ޖަލްސާ ވެސް ބާއްވަން ނިންމާފައިވަނީ ދަރުބާރުގޭގަ އެވެ. މިއަަހަރުގެ ޖަލްސާ ދަރުބާރުގޭގައި ބާއްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މަޖިލީހުގެ އިދާރާ އިން ހާމައެއް ނުކުރެ އެވެ. މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވުން ބާއްވަން ނިންމެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށާއި އެކަން އެގޮތަށް ނިންމެވީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ދަރުބާރުގެއަށް ބަދަލުކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ބަޔާން ދެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ވަޑައިގެން، ބަޔާން ދެއްވަމުން ގެންދަވަނިކޮށް އެމްޑީޕީ އާއި އިދިކޮޅު މެންބަރުންތައް ނުރުހުންފާޅުކޮށް، އިސްތިއުފާ އަށް ގޮވާފައިވަނިކޮށެވެ. ރައީސް ޔާމީން ވަނީ އެ ޖަލްސާގައި އިދިކޮޅު މެންބަރުންނަށް "ތަމްބްސް ޑައުން" އެއް ދެއްވާފަ އެވެ. އަދި ޕީޕީއެމްގެ މެންބަރުންނަށް "ތަމްބްސް އަޕް" އެއް ވެސް އެމަނިކުފާނު ދެއްވި އެވެ.
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފަށަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަކުންނެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮންމެ އަހަރެއްގެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ގެންދަވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.