ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ބަދަތަކެއް އަންނަ ކަމުގައިވާނަމަ އެކަން ރައީސް އޮފީހުން އިއުލާނު ކުރާނެ ކަމަށާ ކެބިނެޓަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންދާ ހައްގެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ މިނިސްޓަރުންނަށް ބަދަލުތަކެއް އަންނަ އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި ކަމުގައިވާ ނަމަ އެކަން ރައީސް އޮފީހުން އާއްމު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާ މަސްއޫލިއްޔަތުތަކުގެ ދަށުން ވަނީ ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކޮށް މީހުން ވަކި ކުރުމާ އެމީހުންގެ އިސްތިއުނާފު ގަބޫލު ކުރުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ބަޔާންކޮށްފަ އެވެ.
މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް ކެބިނެޓަށް ބަދަލުތަކެއް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން ރާއްޖެޓީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމް މިނިސްޓަރުގެ މަޤާމަށާއި ހައުސިން މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ފަދަ މިނިސްޓްރީތަކަށް ބަދަލުތަކެއް ވަރަށް އަވަހަށް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން ހޯމް މިނިސްޓަރގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ގެންނަން އުޅޭފަދަ ވާހަކަ ތަކެއްވެސް ވަނީ ފެތުރިފަ އެވެ. އަދި ބައެއް ކެބިނެޓް މިނިސްޓަރުން ރައީސް އޮފީހަށް ބަދަލުކޮށް ބައެއް މިނިސްޓަރުން މިހާރު ހުރި މިނިސްޓްރީން ބަދަލު ކުރުމުގެ އަޑުތަކެއްވެސް އަންނަނީ ފެތުރެމުންނެވެ.
އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެހެން ހިވޭ އަޑުތަކަށް އުސޫލެއްގެ ގޮތުން ރައީސް އޮފީހުން ޖަވާބުދާރިވެ ނޫޅޭ ކަމަށެވެ.
ހޯމް މިނިސްޓަރ ކަމުގެ މަޤާމަށް ހުސައިން ވަހީދު ގެނައުމުގެ ވާހަކަ ފެތުރިފައިވާ އިރު ކުރީގެ ނައިބު ރައީސް މަޤާމުން ވަކިކުރި ދުވަސް ވަރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ އިސްވެރިންގެ ތެރޭގައިވެސް ކޮރަޕްޝަން އޮތްކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭރު ހުސައިން ވަހީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ވަކި ކުރި އިރު އޭނާ މިހާރު ހުންނެވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑުތައް އަނެއްކާވެސް ފެތުރިފައިވާ އިރު މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން މި ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުތަކެއް ގެންނަވާފަ އެވެ.
ރައީސް ޔާމީންގެ ނައިބު ރައީސުގެ މަގާމުވެސް ދެ ފަހަރެއްގެ މަތިން ވަނީ ބަދަލު ގެނެސްފަ އެވެ.