ޕްރިމިއާ ލީގުގައި އާސެނަލް ބަލިކުރުމަށްފަހު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ޗެލްސީ 13 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު އާސެނަލްއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޗެލްސީންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް އެލޮންސޯ މެންޑޯޒާ އެވެ.
މި ލަނޑަށްފަހުވެސް ޗެލްސީ އަދި އާސެނަލްއަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަހާފް ނިމުނީ 0-1 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ.
ޗެލްސީން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސެސް ފެބްރިގާސް ޖެހި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި އެރިތާ މިނެޓެއްވެސް ނުވަނީސްއެވެ. މި ލަނޑަށްފަހުވެސް ޗެލްސީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
އާސެނަލް އަށް މެޗުގައި ސުންކަނޑުވާލަދިނީ އިތުރުވަގުތުގައި އޮލިވާ ޖިރޫ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރިއިއު، ލަނޑު ޖެހުމަށް އޭނާ އަށް ވަނީ މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 24 މެޗުން ލިބުނު 59 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުތަކަށްފަހު ޕޮއިންޓް ތާވަލަށް ބަދަލު އަންނާނެއެވެ.