ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން ދަރިވަރުންނަން ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް އެ ސުކޫލްގެ އޯޕަންޑޭ ބާއްވާއިފިއެވެ.
ހުކުރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އެސުކޫލްގައި ކުރިއަށް ގެންދިޔަ އޯޕެންޑޭގެ ބޭނުމަކީ މަތީ ސާނަވީއަށް ވަނުމުގެ ޝައުގުވެރިކަން ހުންނަ ކުދިންނަން ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށެވެ.
ވިލާ ހައި ސުކޫލްގެ ޑެޕިއުޓީ ފްރިންސިޕަލް އިސްމާއިލް ނާޝިދު ވިދާޅުވީ ޖެނުއަރީ 18 ވަނަ ދުވަހުން ފެށިގެން މަތީ ތައުލީމްގެ ސާނަވީއަށް ދަރިވަރުން ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. ވިލާ ހައި ސުކުލޫން މަތީ ސާނަވީގައި ސައިންސް ސްޓްރީމް އަދި ކޮމާސް ސްޓްރީމް ކިޔަވާދެމުން އަންނަ އިރު އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ފެބްރުއަރީ 15 ކަމަށް ނާޝިދު ވިދާޅުވިއެވެ.
ވިލާ ހައި ސުކޫލުގެ ދަރިވަރުން ވަނީ އޯޕަންޑޭއަށް ދިޔަ ހުރިހާ ފަރާތަކަށް މަތީ ސާނާވީގައި ސައިންސް ސްޓްރީމް އަދި ކޮމާސް ސްޓްރީމް ކިޔަވައިގެން ކުރިއަށް ދެވިދާނެ ދާއިރާތަކާއި ލިބިގެންދާނެ މައުލޫމާތު ދީފައެވެ. އަދި އެ ސުކޫލުން ކިޔަވާ ދަރިވަރުންނަށް ލިބިގެންދާނޭ ޒަމާނީ ވަސީލަތަކުގެ މައުލޫމާތާއި ތަޙްލީލްތަށް ކުރުމަށް ބޭނުންކުރާ ލެބް ވެސް ވަނީ ދައްކާލާފައެވެ.
ނާޝީދު ވިދާޅުވީ ގްރޭޑް 11 އަދި 12 ށް ވަނުމުގެ ޝަރުތަކީ ޖީސީއޯލެވެލްގެ ފަސް މާދާއިން ފާސްވެފައިވުން ކަމަށެވެ. ފަސް މާދާއިން ފާސްވެފައިވާކަން ކަނޑައަޅާނީ ކަރިކިއުލަމް ސަބްޖެކްޓްތަކުން 3 މާއްދާއިން ފާސްވުމާއި އެކު މަޖްބޫރު މާއްދާތަކުގެ ތެރެއިން ދިވެހި އިސްލާމް އަދި އިގެރޭސީގެ ތެރެއިން 2 މާއްދާއިން ފާސްވުމުން ކަމަށް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ޝަރުތު ހަމަވާ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ސްޕޮންސާއާ އެކު ކިޔިވުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމެވެ. ހިލޭ މަތީ ސާނާވީއަށް ކިޔެވުމުގެ ފުރުސަތު ހަމަޖެހިގެން ދަނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އާންމު ގަވާއިދެއްގެ ދަށުން ކަމަށާއި އެގަވާއިދު ބުނާ ގޮތުން މަތީ ސާނަވީއަށް ޝަރުތު ހަމަވާ ކޮންމެ ކުއްޖަކަށް އެފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
ވިލާ ހައި ސްކޫލް ހިޔާލުކުރަން ޖެހޭ ސަބަބެއް ކަމަށް ނާޝިދު ވިދާޅުވީ އެ ސުކޫލަކީ މަތީ ސާނަވީއަށް ކިޔެވުމަށް ޒަމާނީ ހުރިހާ ވަސީލަތަކެއް ތަނަވަސް ވެފައިވާ ސުކޫލެއް ކަމަށް ވަތީއެވެ. ކިޔެވުމުގެ އިތުރުން ތަޖުރީބާ ހޯދުމުގެ ގޮތުން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަދި އަވަށްޓެރި ގައުމުތަކަށް ފީލްޑް ޓްރިޕްތައް ކޮންމެ އަހަރަކު ވެސް ދަރިވަރުންނަން ހަމަޖެހިގެންދާނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.