ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް އެ ގައުމުގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ވަދެފައިވަނީ އޮކްޓޫބަރ މަހުގެ 2 ވަނަ ދުވަހުއެވެ.
ޚަޝޯގީ އެ އޮފީހަށް ގޮސްފައި ވަނީ އޭނާގެ ތުރުކީގެ ލޯބިވެރިޔާ، ހަޓިސް ސެންޖިޒްއާ ކައިވެނި ކުރުމަށްޓަކައި ކުރީގެ ކައިވެނީގެ ލިޔުންތަކެއް ނެގުމަށް އޭނާއާ އެކުއެވެ.
ޚަޝޯގީ ހިނގާފައި ގޮސް ކޮންސިއުލޭޓް އޮފީހަށް ވަންނަ ސީސީޓީވީ ފުޓޭޖް ތުރުކީ ޓީވީން ވަނީ ދައްކާފައެވެ.
ޚަޝޯގީ އެތަނުން ނުކުމެފައިވާ ކަމަށް ވެސް ސައުދީ އަރަބިއާ އިން ބުނެފައިވާއިރު އެތަނުން ނުކުތްކަމުގެ އެއްވެސް ހެއްކެެއް ސައުދީއަކަށް ދެއްކިފައެއް ނުވެއެވެ. އެއާ ޚިލާފަށް ތުރުކީއިން ދިޔައީ މައްސަލައާ ގުޅޭ ގޮތުން ވަރަށް ސާބިތުކަމާ އެކު ވާހަކަދައްކަމުންނެވެ. ތުރުކީގެ އޮފިޝަލުން ގެންދިޔައީ ޚަޝޯގީ ކޮންސިއުލޭޓުން ނުކުމެފައިވާ ވީޑިއޯ ދެއްކުމަށް ސައުދީއަށް ބާރުއަޅަމުންނެވެ. ނަމަވެސް ތުރުކީން ގެންދިޔައީ އެ ގައުމުން ބުނަމުންދިޔަ ކަންކަމަށް ބާރުދޭ ހެކިތައް ހޯދަމުންނެވެ.
ސައުދީގެ އިންޓެލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވާ މަންޒަރާއި އެ އަށް ފަހު އަނބުރާ ދާ މަންޒަރު ފެންނަ ފުޓޭޖްތަކެއް ވެސް ތުރުކީއިން ވަނީ ހޯދާފައެވެ.
މީގެ އިތުރުން ޚަޝޯގީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތުރުކީގެ ތަހުގީގު ޓީމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައީ ކޮންސިއުލޭޓް ބަލަން ފުރުސަތު ލިބުމުންނެވެ. ތަހުގީގު ޓީމުގައި އިސްކޮށް ހުރި ތުރުކީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
ތުރުކީގެ އޮފިޝަލުން ކޮންސިއުލޭޓާއި، ކޮންސުލް ޖެނެރަލްގެ ގެކޮޅާއި، ޑިޕްލޮމޭޓުންގެ ކާރުކޮޅުތައް ވެސް ތަހުގީގު ޓީމުން ބަލާ ފާސްކުރިއެވެ. މީގެ އިތުރުން ޖަންގަލި ވެސް ބަލާ ފާސްކުރިއެވެ.
ޚަޝޯގީ މަރާލާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލިބިފައިވާ ކަމަށް ބުނި ނަމަވެސް އޯޑިއޯއެއް ތުރުކީ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ތުރުުކީގެ ބަސް ދުލެއް ނުކުރެއެވެ.
އަށާރަ ދުވަހަށް ފަހު ސައުދީން ވަނީ ޚަޝޯގީ މަރާލާފައިވާ ކަމަށް އެއްބަސްވެފައެވެ. އެކަމަކު މިހާރު މިސްރާބު ހުރީ ބައެއްގެ ބޮލުގައި އެޅުވުމުގެ ގޮތަށެވެ.
ސައުދީ އިން ބުނެފައި ވަނީ ޚަޝޯގީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ހުރި މީހަކާއި ޚަޝޯގީއާ ދޭތެރޭ ހިނގައިދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެ ޒުވާބު ހިނގައިދިޔައީ ކާކާ ދެމެދު ކަމެއް ހާމައެއް ނުކުރެެއެވެ. ސައުދީގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯގީގެ ތަހުގީގީ ރިޕޯޓް ނެރޭނީ އެއްމަސް ދުވަސް ފަހުންނެވެ.
ސައުދީން މީގެ ކުރިން ވެސް އަމިއްލައަށް ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ތުހުމަތު ކުރިއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ސައުދީގެ 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓްމެންޓުގައި ވަނީ ބުނެފައެވެ. ސައުދީ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ސައުދީ އެޑްވައިޒަރ ސައުދު އަލް ގައްތާނީ އާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަސިރީ މަގާމުން ވަކިކުރެވިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ހައްޔަރުކުރި 18 މީހުންގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް ސައުދީ އިން އެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މައްސަލައަށް 18 ދުވަސްވީރު ސައުދީގެ ސްޓޭޓްމަންޓް އެކި ގޮތަށް ބަދަލުކުރަމުން ދިއުމުން ސައުދީގެ ވާހަކަތައް ދުނިޔެ ގަބޫލެއް ނުކުރެއެެވެ.