ސީނިއާ މެންސް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ވޮލީ ޓީމުގެ ހެޑް ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފް ހަމަޖައްސައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ބުރާސްފަތި ދުވަހު ބޭއްވި ވޮލީ އެސޯސިއޭޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮލީ ޓީމުގެ ކޯޗާއި، އެޓީމުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަނީސް އެވެ.
ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖެއްސި އިރު، އޭނާގެ ޓީމުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ މުހައްމަދު ސާޖިދް (ބޮޑު ކާއްޓޭ) އާއި އިބްރާހިމް ޝިޔާމް (ސަޑިއްކެ) އެވެ.
ޝަރަފް މި މަގާމަށް ހަމަޖެއްސި އިރު އެންމެ ފަހުން ގައުމީ ވޮލީ ޓީމަށް އިރުޝާދު ދީފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސިސިރަ ކުމާރަ ވެންޑަކުން އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފިރިހެން ވޮލީ ޓީމު ވަނީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިޔަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކޮށް ތިންވަނަ މަގާމު ހޯދާފައެވެ. އަދި އޭގެ ކުރީ އަހަރު ހަމަ މި މުބާރާތުގެ ދެވަނަ މަގާމު ރާއްޖެއިން ހޯދާފައިވެ އެވެ. އޭރު ކޯޗަކަށް ހުރީ ތައިލޭންޑްގެ ރައްޔިތެއް ކަމަށްވާ ސުންޓޮން ފޮސީޓާ އެވެ.
ޝަރަފް ވޮލީ ޓީމާ ހަވާލުވުމާއެކު ދިވެހި ޓީމު ކުރިއަށްވުރެ ވަރުގަދަވެ މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދާނެކަމަށް ބެލެވެއެވެ.
ވޮލީ ޓީމުގެ ޓްރެއިނަރަކަށް އަބްދުﷲ ނަޝީދު ހަމަޖައްސާފައިވާ އިރު، އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަހުމަދު މިޔާން އާއި ނަސީމް އަލީ (ނަސީމްބެ) އެވެ. މީގެ އިތުރުން ޓީމުގެ މެނޭޖަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަލީ ލަތީފް (ޑިލައިޓް އައްލާ) އެވެ.
ގައުމީ ޓީމަށް ކޯޗިން ސްޓާފުން އައްޔަން ކުރުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވީ ގައުމީ ޓީމަށް އަލަށް ނެގި ކޯޗިން ސްޓާފުން އެ މަގާމުތަކަށް އައްޔަން ކުރީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަމަށާއި އެގޮތުން 2009 ވަނަ އަހަރުން ފެށިގެން ފާއިތުވި 2016 ވަނަ އަހަރާއި ހަމައަށް އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފައިވާނެ ކަމަށެވެ.