ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 20:16
ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގަންނަވަނީ
ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގަންނަވަނީ
ގޫގުލް
މަގޭ ރިޕޯޓް
ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!
ސަރުކާރާއި ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝާނާއި ހިޔާނާތް ވަނީ އާންމުވެފައި
ރައްޔިތުންގެ މަޖިލިސް ވަނީ ހިސޯރު ކޮށްފަ
އަދުލްއިންސާފުގެ ދާއިރާ ސަރުކާރުގެ ނުފޫޒުގައި

ރައީސް ޔާމީން އެވެ. މަނިކުފާނު، ގައުމީ ސަލާމަތޭ، އަމަން އަމާންކަމޭ، ގާނޫނީ ހުކޫމަތު ނެގެހެއްޓުމޭ، ވިދާޅުވެ، ވިދާޅުވެ ހުއްޓައި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނީ އެވެ. ދައުރު ނިމި ކުރިއަށް އޮތް ފަސް އަހަރަށް ވެރިޔަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި މުޅި ދައުލަތް ކޮނޑުފުޅު މައްޗަށް ލައްވައިގެން ކެމްޕެއިން ކުރުމުންވެސް އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަންނަވަން ތިޔަ ޖެހިވަޑައިގެންނެވީ ހަމަ ދިވެހި ރައްޔިތުންގެ ރުހުމާއި ލޯބި ނުލިބިގެންނެވެ.

ރައީސް ޔާމީން އެވެ. ދިވެހި ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނެ، ވޯޓުލީމައި ތިޔަ ވަޑައިގެންނެވީ އެ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓަށް ވަޑައިގެންވީވެސް އިންސާނުންގެ ސިކުނޑި ގަބޫލު ނުކުރެވޭ ޒާތުގެ ވާހަކައެއް ހިއްޕަވައިގެންނެވެ. ރައްޔިތުން ވޯޓު ދިނީ ތިމަން މަނިކުފާނަށޭ، އެ "ރަނގަޅު ފާހަގަ" ނެއްޓިގެން، ވެއްޓިގެން ނުވަތަ ސޮއްސާލައިގެން ވެއްޓެނީ ވާދަވެރި ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއާ ދިމާލަށޭ ބުނެ، އިންތިހާބު ބާތިލު ކުރަން ދައުވާކުރިއިރު ކޮންމެވެސް ވަރަށް ވިސްނާލި ނަމަވެސް ރަނގަޅުތާ އެވެ.

މަނިކުފާނު އެވެ. ވޯޓުން ބަލިވެ، އަދި ކޯޓުންވެސް ބަލިވާނެކަން ގަބޫލު ކުރެވުނީމައި ކުއްލިއަކަށް ގައުމާ މުހާތަބު ކުރައްވާ މަނިކުފާނު މުޅިވެސް ދެއްކެވީ ގައުމީ ސަލާމަތުގެ ވާހަކައެވެ. ގައުމީ ސަލާމަތަކީ މަނިކުފާނޭ ވިދާޅުވާހެން ވެސް ބައެއް ފަހަރު ހީވެއެވެ. ގައުމާއި މުހާތަބު ކުރައްވައި މަނިކުފާނު ރައްޔިތުންނާ ވަނީ ދެތިން ސުވާލެއް ކުރިމަތި ކުރުވާފަ އެވެ.

"ރާއްޖޭގައި އޮތް ހާލަތު، އެހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެވިއްޖެތޯ"

ރައީސް ޔާމީން އެވެ. ރާއްޖޭގެ އިޖުތިމާއީ ހާލަތު ދުވަހަކުވެސް ދަށަށް ނުދާ ވަރަށް މިވަނީ ދަށަށް ގޮސްފަ އެވެ. ފާހަގަ ކޮށްލަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ނަމަވެސް އެންމެ މުހިއްމު ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނެގީ މަނިފާނުގެ ސަރުކާރުގެ ދުވަސްވަރުއެވެ. އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތްކަން ކޯޓުގެ ހުކުމުން ވެސް އެއޮތީ ފެންނާށެވެ. ރާވައިގެން ދިވެހި ރައްޔިތެއް ވަގަށް ނަގައިގެން ހަތަރު އަހަރު ވީއިރުވެސް ރިލްވާން ހޯދުމުގައި މަނިކުފާނު އެއްވެސް ޝައުގެއް ނެތްކަން ހާމަވެއެވެ. ނަމަވެސް މިހާރު އެންމެ ބޮޑަށް މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލު ހަޝޯގީ މަރާލާފައިވާ ކަމަށް ބުނާ މައްސަލާގައި ދުނިޔޭގެ ގައުމުތަކުން ސައުދީ ސަރުކާރަށް ތުހުމަތުކޮށް، ފިޔަވަޅުތައް އަޅާނެ ކަމަށް ބުނާއިރަށް ކުއްލިއަކަށް ތެދުވެ، ދިވެހިރާއްޖެއޮތީ ސައުދީއާއެކުގައޭ ވިދާޅުވިއިރު، ލަދުގެ ކަންފުޅެއްވެސް ހަމަ ނެތެވެ. ރިލްވާންގެ އާއިލާއިން މަނިކުފާނާ ބައްދަލުކޮށްލަން އެދިއެދި ހުންނަތާ މިހާރު ހަތަރު އަހަރު ވެގެންދިޔައީ އެވެ. ބައްދަލުކޮށް ނުލިތާނގައި އެއާއިލާއަށް ހެޔޮބަހެއް ވެސް ވިދާޅެއް ނުވަމެއް ނޫންތޯ އެވެ.

ބޮލަގަރ ޔާމީން ރަޝީދު މަރާލާފައި ވަނީ ވެސް ރޭވިގެން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގަ އެވެ. ޔާމީންއަށް މަރުގެ އިންޒާރުތައް ދެމުންދިޔައިރު، އެމައްސަލަތައް ފުލުހުންނަށް ހުށަހަޅަމުން ދިޔައެވެ. ފުލުހުންގެ ސަމާލުކަމެއް ނުދިނެވެ. ނަތީޖާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް، މިފަހުގެ ތާރީހުގައި މަރާލާފައިވާ މީހަކަށް ޔާމީން ވުމެވެ. ޔާމީން މަރާލި މައްސަލައިގެ ތަހުގީގުގައިވެސް ފުލުހުންގެ އަމަލުތައް ހުރި ގޮތް ބައެއް ގާނޫނީ ވަކީލުން ވަނީ މީޑިއާތަކަށް ހިއްސާކޮށްދެއްވާފަ އެވެ.

އެއްވެސް ދިވެހި ރައްޔިތަކަށް ރައްކާތެރިކަމެއް ނެތެވެ. ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގައި މުޅި ސަރުކާރާއި ސަލާމަތީ ހިދުމަތްތައް އޮތީ ފެއިލް ވެފަ އެވެ. އެކަން އެންމެ ރަނގަޅަށް ސާފުކޮށް ދެއްވީވެސް ހަމަ މަނިކުފާނުގެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި މަނިކުފާނުގެ އެންމެ ދުވަސްވީ ގާތް އެކުވެރިޔާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

"ރައްޔިތުންނަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެއްވިއްޖެތޯ"

ރައްޔިތުންނަށް ވަރަށް ގިނަ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދާ އަދި ކަރަންޓްގެ ހިދްމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ގިނަ ރައްޔިތުން އެބައުޅެއެވެ. ރަށްރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވިފައެއް ނުވެއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން އުޅެންޖެހިފައިވަނީ ގަނަ ތެޅޭށެވެ. ދެމަފިރިން އެކުގައި މަސައްކަތްކޮށް، ވަޒީފާއަށް ގޮސް ލިބޭ މުސާރަކޮޅު ލިބޭތަނުން ސިޓީއުރައަކަށް ލާފައި ވެދުން ކުރަން ޖެހެނީ ދިރިއުޅޭ ތަނުގެ ކުއްޔަށެވެ. ތުއްތު ދަރިފުޅަށް ކިރު ދަޅެއް ގަންނާނެ ލާރިއެއް ނެތެވެ. ސްކޫލަށް ބޭނުންވާ ތަކެތި ގަންނަނެ މިންވަރު ނެތްތާނގައި ދަރިފުޅުގެ އިންޓަވަލް ހަމަޖެއްސޭނެ މިންވަރު ވެސް ނެތުމަކީ ހިތްދަތި އިހުސާސްތަކެކެވެ. އެވަރުގެ ހިތާމައެއް އިންސާނަކަށް ކުރިމަތި ކުރުވަން ހެޔޮނުވާނެ އެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރެއް ނިމުނުއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓެއް އެޅި އެފްލެޓަށް ރައްޔިތަކަށް ބޯހިޔާވަހިކޮށްލެވޭނެ ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ކުރީގެ ސަރުކާރުން ފަށައި ނިމުމަކާ ހަމައަށް ގޮސްފައިވާ ފްލެޓްތައް މަނިކުފާނުގެ ސަރުކާރުގައި ބަހާލީ މަނިކުފާނުގެ އަނބިކަނބަލުން ފާތުން ހިންގި ސޮދަގާތް ފައުންޑޭޝަނާއި މަނިކުފާނުގެ ކެމްޕެއިން އޮފީހުގައި މަސައްކަތްކުރަމުންދިޔަ މީހުންނަށް ނޫންތޯ އެވެ. ބޯހިޔާވަހިކަން ބޭނުންވެގެން ރައްޔިތުން އުޅޭ ގޮތް ފްލެޓް އެދި ފޯމް ހުށަހެޅުމަށް ގޮވާލުމުން، އެދަމާލާ ކިޔޫ ތަކުން އެނގެ އެވެ.

ރައީސް ޔާމީން އެވެ. ދިވެހި ރައްޔިތުން އެންމެ ބޭނުންވަނީ ގައުމުގައި އަދުލްއިންސާފު ގާއިމު ވެގެންދާތަން ފެންނާށެވެ. ނަމަވެސް މަނިކުފާނު ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު، އަދުލްއިންސާފުގެ ދާއިރާ ވީ ކުރިއަށްވުރެވެސް ގޯހެވެ. ފަނޑިޔާރުން މަނިކުފާނު ބުނުއްވާގޮތަށް ހުކުމްތައް ނެރެދެއްވާ ކަމަށް ފަނޑިޔާރުން އެވަނީ އިއުތިރާފު ވެފަ އެވެ. އަދުލްއިންސާފުގެ ދާއިރާގެ އެންމެ މަތީ ކޯޓު، އާދެ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކުރުން ވެގެންދިޔައީ މިއިން ދުވަހު ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތަކަށް ނޫނެވެ. މަނިކުފާނެވެ. މުޅި އަދުލްއިންސާފުގެ ދާއިރާ އޮތީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ދެން އަދުލަށް ހުކުމެއް ކުރާނެގޮތެއް ބުނެދީ ބަލާށެވެ.

"ރައްޔިތުންނަށް ކުރިއެރުން ބޭނުންވާ ދާއިރާތައް، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، އިޖުތިމާއީ ދާއިރާ، އަދި އިގްތިސޯދީ  ދާއިރާ އިން ރައްޔިތުންނަށް ކުރިއެރުން ލިބިއްޖެތޯ، ނޫނިއްޔާ ހާލަތު ދިޔައީ އިތުރަށް ގޯސްވެގެންތޯ"

ރައީސް ޔާމީން އެވެ. 25 ބުރީގެ އުސްއިމާރާތެއް އެޅުމަކީ އެއީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއްކަމަށް ވިއްޔާ، މަނިކުފާނުގެ ސަރުކާރުން އެކަން ކޮށްފި އެވެ. ކެޕިޓަލް ސިޓީގައި ކޮތަރު ކޮށްޓެއް ކަހަލަ 25 ބުރީގެ ހޮސްޕިޓަލެއް އުޅުމަކީ، ރަށްރަށުގައި ތިބި ރައްޔިތުންނަށް އާދައިގެ މެޑިކަލް ޓެސްޓެއް ނުހެދުނަސް،  ޕެނަޑޯލް ގުޅައެއް ނުލިބުނަސް ތަރައްގީ ކަމަށްވާނަމަ އެއޮތީ ތަރައްގީ އައިސްފަ އެވެ. އަދި ތިޔަ ވިދާޅުވާ 25 ބުރީގެ އިމާރާތުން އިންސާނަކަށް ހިދްމަތެއް ލިބެންވާއިރަށް ޚަރަދުވާނެ ވަރު އަންދާޒާކޮށްލަން ވެސް ނޭނގެ އެވެ. މިހާރުވެސް އެއިމާރާތުގެ މަސައްކަތަށް 145 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެއީ އެފަދަ ތިން އިމާރާތް އެޅޭވަރުގެ ޚަރަދު ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. އެއިމާރާތް ވެފައިވަނީ ދައުލަތަށް އޮތް ބޮޑު ބިރަކަށެވެ. ދައުލަތުގެ ރިޒާވު ދަށަށް ދާ އެއް ސަބަބަކީ ވެސް މިފަދަ ބޮޑެތި ލޯނުތަކަށް ފައިސާ ދައްކަން ޖެހުމެވެ. މަނިކުފާނުގެ ސަރުކާރު ނިމުނުއިރު ސިއްހީ ދާއިރާ އޮތީ "ދަރަނީ"ގަ އެވެ. އާސަންދައިން ރާއްޖޭގެ ސިއްހީ ހިދްމަތްދޭ ތަންތަނަށް ދައްކަންޖެހޭ ބިލްތަކާއި ބޭރު ގައުމުތަކަށް ދައްކަންޖެހިފައިވާ ބިލްތައް ހުރީ ފުނިޖެހިފަ އެވެ. އާސަންދަ ކުންފުޏަކީވެސް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑު ކުންފުންޏެކެވެ. ދިވެހި ރައްޔިތުންގެ ސިއްހީ ފަރުވާގެ ނިޒާމުގެ "ފުނޑާ" ލައްވަމުން ތިޔަގެންދެވީ ވެސްހަމަ މަނިކުފާނުގެ ސަރުކާރުން ނޫން ތޯއެވެ.

ތައުލީމީ ދާއިރާގައިވެސް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. ރާއްޖޭގެ އެކިއެކި ސްކޫލްތަކުގެ ކްލާސްރޫމްތައް އިމާރާތް ކުރުމުގެ ނަމުގައި ބޮޑެތި އަގުގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާދީފައިވާއިރު، މުޅި ތައުލީމީ ދާއިރާވެސް އޮތީ ބޮއްސުންލާފަ އެވެ. ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް ކުރެއްވި ކަމެއް ފެންނާކަށް ނެތެވެ. ފޮނި ބައިސާ ކަނޑައި، މިއަހަރުގެ ތެރޭގައި ސްކޫލްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ޓެބްލެޓް ބޭނުންކުރެވޭނެ ކަމަށް ބުނެ، ޓެބްލެޓްތަކެއް ގެނައިއިރު، އެތަކެތި ކޮބައިތޯ އެވެ. ގްރޭޑް 10 ނިންމާ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރި ކަމަށް ދެއްކުމުގެގޮތުން ކިޔަވަން މޮޅު ކުދިންނަށް ފުރުސަތުދީ، ދަށް ކުދިން އޯލެވެލްގައި ބައިވެރި ނުކޮށް، ޕަސެންޓް މަތިކުރަނީ ވެސް މިސަރުކާރުން ނޫންތޯ އެވެ. ގްރޭޑް 10 ނިންމާ ދަރިވަރުންގެ ބައެއް ޓެސްޓް ޕޭޕަރުތައް ލީކުވެގެން ދިޔައީވެސް ހަމަ މިސަރުކާރުގަ ނޫން ތޯ އެވެ. ރައީސް ޔާމީން އެވެ. ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނެވި ކަމަށް ވިދާޅުވިއިރު، ދައުލީމީ ދާއިރާގައިވެސް އޮތީ މަކަރާ ހީލަތްހެދުމާއި ކޮރަޕްޝަނާއި ފަސާދަ ނޫންތޯ އެވެ. ކުރިއަށް އޮތްތާނގައި ގައުމު ބިނާކުރަންތިބި މިއަދުގެ ދަރިވަރުންނަށްވެސް ކިހާބޮޑު ހުތުރެއް ތޯއެވެ.

ރައީސް ޔާމީން އެވެ. އިގްތިސާދީ ދާއިރާގެ ހާލަތު ހަމައެކަނި މިއަދަދުން ވެސް ސާފުވެ ނޫންތޯ އެވެ. މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ހުރީ 28 ބިލިއަން ރުފިޔާގަ އެވެ. މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުއިރު، ދައުލަތުގެ ދަރަނި 50 ބިލިއަނަށް އަރާނެ ކަމަށް ކަމާބެހޭ އިދާރާތުން ވަނީ ލަފާކޮށްފަ އެވެ.  

ދައުލަތް ބޮޑުތަނުން ދަރަނިވެރިކޮށް، ޗައިނާއަށް ހުރިހާ ބޮޑެތި މަޝްރޫއުތަކެއް ބޮޑު އަގުގައި އަދި ބޮޑެތި ލޯނުތައް ނަގައިގެން ހިންގަމުންދާއިރު، ރާއްޖެއޮތީ ސަލާމަތް ނުވެވޭވަރަށް ދަރަނިވެރިވެފަ އެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނު ހަނދުމަފުޅު އެބަހުރިތޯ އެވެ. ވެރިކަމާ ހަވާލުވެވަޑައިގެން، ދެ އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި، އަރަނި ކުރައްވާނެ ކަމަށް ވިދާޅުވީމު ނޫންތޯ އެވެ. ރައީސް ޔާމީން އެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި 50 ބިލިއަނަށް އަރުވާލުމަކީ އިގްތިސާދީ މާހިރު ކަމަށް ބުނާ މަނިކުފާނުގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫންތޯ އެވެ. ދަރަނި ބޮޑުތަނުން ބޮޑުކޮށްލިއިރު، ދައުލަތުގެ ތިޖޫރީވެސް ނެތެއް ނޫންތޯ އެވެ. ދައުލަތުގެ ފައިސާއަށް ފާޅުގައި ބޮޑުތަނުން ހިޔާނާތްވެރި ވެފައިވާ ސަރުކާރެއް މިނޫނިއްޔާ ނުދެކެމެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނު، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމު ކުރުމުގައި ހަމަހަމަކަން ގެންގުޅުއްވިންތޯ އެވެ. ގައުމުގެ ސުލްހަވެރިކަމަށް ކުރެއްވީ ކޮންކަމެއްތޯ އެވެ.

ރައީސް ޔާމީން އެވެ. މައްސަލައަކީ ގައުމުގެ ސަލާމަތާއި ގައުމުގެ ހަމަޖެހުމަކީ ހަމައެކަނި މަނިކުފާނު ކަމަށް މަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެދާނެ އެވެ.

ރައީސް ޔާމީން އެވެ. ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ގައުމު ހިނގަނީ "ކޮރު" ކަމަކާއެކީގަ އެވެ. އެ "ކޮރުކަން" އައީ މަނިކުފާނުގެ ސަރުކާރުން ދައުލަތުގެ ތިން ބާރުގެ ތެރެއިން މަނިކުފާނަށް ލިބިގެންވާ ބާރުގެ ބޭނުން ކުރުމުގައި ހައްދުން ނެއްޓީމަ ނޫންތޯ އެވެ. އަނެއް ދެ ބާރު ކަމަށްވާ ގާނޫނު ހަދާ މަޖިލިސް، އާދެ، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، މަޖިލީހުގައި ތަޅުއަޅުގައި، ސަލާމަތީ ހިދްމަތްތަކުން ރައްޔިތުންގެ މަޖިލީސް ހިސޯރުކުރި ހިސާބަކީ ތިޔަ ވިދާޅުވި "ކޮރު ގޮތަކަށް" ދައުލަތް ހިނގަންފެށި ހިސާބެވެ. މަނިކުފާނު އެވެ. ދައުލަތުގެ އަނެއް ބާރު ކަމަށްވާ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އެތަނަށް ވަދެ، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރަކު ދަމާކޫއްތާފައި ގެންގޮސް ޖަލަށްލުމާއެކު މުޅި ދައުލަތް "ކޮރު ގޮތަކަށް" ވެސް ނުހިނގެ އެވެ. އެއްކޮށް "ވާގި" ނެތުނީ އެވެ.

މަނިފާނުގެ ވެރިކަމުގެ ދައުރެއް ތިޔަ ނިންމާލީ، ތާސްކުޅުއްވުމުގައި ނޫންތޯ އެވެ. އެކި މީހުން މޮޅުވާނީ އެކިކަންކަމަށެވެ. އެކި ކުޅިވަރަށެވެ. މަނިކުފާނު މަނިކުފާނު ކުޅެން ހިތްޕުޅުވާ ކުޅިވަރަކުން ކުރިއަށް ވަޑައިގެންނެވުމުން ރަނގަޅުވާނެ އެވެ. ރައްޔިތުން އެވަނީ ބަސް އިއްވާފަ އެވެ. އެއަށް އިހުތިރާމް ނުކޮށް މަނިކުފާނަށް ފަރުޖެއްސޭނެ ހަމަ އެއްގޮތެއް ވެސް މިއަދަކު ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް