ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 15:52
ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން
އިމޭޖަސް.އެމްވީ
ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު
ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!
ގައުމީ ޓީމު ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ
އެފްއޭއެމުން ބުނީ މިއަދު ނުވަތަ މާދަމާ ބޯނަސް އާއި މުސާރަ ޖަމާވާނެކަމަށް
ކުޅުންތެރިންނަށް ރަނގަޅު ބޯނަސްއެއް ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި

ބަންގްލަދޭޝްގައި ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ފެށި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިތާ މަހެއް ފާއިތުވެގެން ވަނީ ގޮސްފައެވެ. ރާއްޖެއިން މުބާރާތް ކާމިޔާބުކުރުމުން ދިވެހިން ތިބީ އުފަލުން ފޮޅިފައެވެ. ސަރުކާރާއި، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޯނަސް ފައިސާ ދޭނެ ކަމުގެ ވައުދުވިއެވެ. އެހެން ނަމަވެސް އަދިވެސް ކުޅުންތެރިންނަށް ދޭން ވައުދުވި ބޯނަސް ފައިސާ ނުލިބެއެވެ. ކުޅުންތެރިންނަށް މުސާރަ ނުލިބޭތާވެސް ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ބުނީ މުބާރާތަށް ފުރުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޓީމާ ބައްދަލުކުރެއްވި ކަމަށާއި، މުބާރާތުގެ ތަށި ކާމިޔާބުކޮށްފިނަމަ ރަނގަޅު ބޯނަސް ފައިސާއެއް ދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އެހެންނަމަވެސް ކުޅުންތެރިން ބުނީ ތަށި ހިފައިގެން ރާއްޖެ އައުމުން ރައީސް ޔާމީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމާ ބައްދަލުކޮށް ވިދާޅުވީ، "ދިވެހި ބަހުން ޝުކުރިއްޔާ، ޢަރަބި ބަހުން ޝުކުރިއްޔާ، އިނގިރޭސި ބަހުން ތެންކިއު" ކަމަށެވެ. ބޯނަސްގެ ވާހަކައެއް އެމަނިކުފާނު ނުދައްކާ ކަމަށްވެސް ކުޅުންތެރިން ވަނީ ބުނެފައެވެ.

"ޓީމު ފުރުމުގެ ކުރިން ރައީސް ބައްދަލުކުރެއްވި، ތަށި ހޯދައިފިނަމަ ރަނގަޅު ބޯނަސްއެއް ދޭނެކަމަށް ވިދާޅުވި، ތަށި ހޯދައިގެން އައީމަ އެވާހަކައެއް ނުދައްކަވާ. އެކަމާ ވަރަށް ދެރަވި" ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުނިއެވެ.

 

 

މާޔޫސްވެފައިވާ ގައުމީ ޓީމުގެ ކުޅުންތެރިން ބުނީ މުބާރާތް ކާމިޔާބުކުރުމާ ހަމައަށް ބޯނަސްގެ ވާހަކައެއް ކުޅުންތެރިން ނުދައްކާ ކަމަށާއި، ބޯނަސް ފައިސާގެ ވާހަކަ ދައްކަން ފެށީ ތަށި ހިފައިގެން ރާއްޖެ އައިފަހުން އެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވާން ފެށުމުން ކަމަށެވެ. އެގޮތުން އެފްއޭއެމްގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ކޮމެޓީއާ އެކަމާ ގުޅިގެން ވަކި ވަކި ކުޅުންތެރިން އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާނެ ކަމަށާއި، އަދިވެސް ހައްލެއް ނުލިބޭ ކަމަށެވެ.

މީގެއިތުރުން ކުޅުންތެރިން ބުނީ ކޮންމެ ފަހަރަކު ބޯނަސް ނުވަތަ މުސާރައިގެ ވާހަކަ އޮޅުން ފިލުވަން މަސައްކަތް ކުރުމުން އަންނަ ހަފްތާގައި ނުވަތަ މާދަމާ ވާނެ ކަމަށް ބުނެ ދިގުދަންމަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ފައިސާ ޖަމާވާނެ ކަމަށް އެފްއޭއެމުން ބުނި ކަމަށް ކުޅުންތެރިން ބުނެއެވެ.

"މުބާރާތަށް ދިޔަ އިރުވެސް ކުޅުންތެރިން ބޯނަސްގެ ވާހަކަ ނުދައްކާ. މުބާރާތް ކާމިޔާބުކުރި އިރުވެސް ނުދައްކާ. ރާއްޖެ އައިސްވެސް ނުދައްކާ. ކުޅުންތެރިން ވާހަކަ ދައްކަން ފެށީ ބޯނަސްގެ އިތުރުން މުސާރަވެސް ނުލިބި ދިގުލައިގެންދާން ފެށުމުން" ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުނިއެވެ.  

 

ސަރުކާރުން ހަދާފައިވާ އުސޫލްގެ ދަށުން ރާއްޖޭގެ ޓީމަކަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ރަން މެޑަލް ލިބިއްޖެނަމަ، އެޓީމެއްގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާގެ އިތުރުން ސަރުކާރުން އިތުރު ބޯނަސްއެއް ދޭނެ ކަމަށް ވައުދުވިއެވެ. ޓީމު ފައިނަލަށް ގޮސްފިނަމަ ބޯނަސްއެއް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޗެމްޕިއަން ޓީމަށް ދިން 50،000 ޑޮލަރު ކުޅުންތެރިން މެދުގައި ބަހާނެ ކަމަށްވެސް އެފްއޭއެމުން ބުނެފައިވާ ކަމަށް ކުޅުންތެރިން ބުނެއެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިއަދު ނުވަތަ މާދަމާވެސް ބޯނަސް ފައިސާ އާއި މުސާރަ ޖަމާވެދާނެ ކަމަށާއި، ފައިސާ ޖަމާކުރުމަށް މިހާރު އެންމެ ފަހުގެ މަރުހަލާތައް ކުރިޔަށްދާ ކަމަށެވެ.

ބޯނަސް ފައިސާއެއް އަދި މުސާރައެއް ނުލިބި ތިބި ގައުމީ ޓީމު ކުޅުންތެރިންގެ އާދޭހަކީ ވީހާވެސް އަވަހަށް އެ ކުޅުންތެރިންނަށް ފައިސާ ހަމަޖައްސައި ދިނުމެވެ. އެ ކުޅުންތެރިން ބުނީ ގައުމަށް ހޯދައިދިން ތައްޓަކީ އެއްވެސް އެއްޗެއް ނޫންކަމަށް މިހާރު ދޭހަވަމުން އަންނަ ކަމަށެވެ.

- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 12:45
Keeh
Bala kaleymen thidhiyaee gaumee team ah kulhen. Laari hoadhaakasheh noone.
17 އޮކްޓޯބަރ 2018 | ބުދަ 12:29
Nas
Raees yaameen e ? ge verieh ekama dhebasveveykah nei. Mifaharu thashives libunee raees yaameen dhehvi hiuvarun Ehenveema gaumee team ah dheyn jehe bonus rangalhu ehcheh dheyne kama medhu shakkeh nukuran.