ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 18:28
ހައުސިންގ މިނިސްޓަރ ކިއޫގައި ޖެޖހިވަޑައިގެން
ހައުސިންގ މިނިސްޓަރ ކިއޫގައި ޖެޖހިވަޑައިގެން
މުހައްމަދު ޝަރުހާން
ދުސްތޫރީ މައްސަލަ
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި
ކިއޫގައި ވަޒީރުންވެސް ތިއްބެވި
ކިއޫ ރޫޅާލުމުން މަގުމަތީގައި ތިބެ ޝުޢޫރު ފާޅުކުރި
ހޯމަ ދުވަހުވެސް ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ

އާދީއްތަ ދުވަހުގެ ހެނދުނު އިރު އެރީ އެންމެންގެ ސަމާލުކަން ސުޕްރީމް ކޯޓުގައި އޮތް ބޮޑު މައްސަލައަށް ހުއްޓިފައިވަނިކޮށެވެ. ހެނދުނު ހެނދުނާ ސުޕްރީމް ކޯޓު ދޮށަށް ގިނަ ބަޔަކު އެއްވިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ބަލި ޤަބޫލު ނުކުރައްވާ އިންތިޚާބު ބާތިލް ކުރެއްވުމަށް ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ދިގު ކިއޫއެއް ހެދިއެވެ. ގަދަ އަވީގައެވެ. ފިޔާތޮށި ކުލައިގެ ކުޑަ ދޫކޮށް އެކިކުލަތަކާއެކު ހުރި ކުޑަ ހިފައިގެން ވަޒީރުން ވެސް ކިއޫގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ޓައި އަޅާފައި ކިއޫގައި ޖެހުނެވެ.  ޢާއްމުންނާއެކު ހުރިހާ ޕާޓީއަކާއި ޕާޓީތަކަށް ނިސްބަތްނުވާ ޢާއްމުން ސިޔާސީ ކަމެއްގައި އެއް ކިއޫއަކުން މިހާގިނައިން އެއްފަހަރާ ފެނުނުމީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރެވެ.

 

Caption

ކިއޫގައި މަޑުކޮށްގެންތިބިއިރު ދެފަރާތުން ވެސް ބަހުގެ ހަމަލާތައް ހޫނުކޮށް ރައްދު ކުރަމުން ދިޔައެވެ. އެއްބަޔަކު ގޮވަމުން ދިޔައީ އޮޅުވާލި ވޯޓެވެ. އަނެއްބަޔަކު ހަޖަމް ނުވި ވޯޓެވެ. އަދިވެސް ކިޔާން ނުކެރޭވަރުގެ ބައެއް ވާހަކަތަކުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް މުޚާތަބު ކުރަމުންނެވެ.

Caption

ހެނދުނު ހެނދުނާ ޖެހުނު ކިއޫގައި ތިބިއިރު ސުޕްރީމް ކޯޓަށް ވައްދަން ފަށާފައިވަނީ 12:30 ވެސް ވީފަހުންނެވެ. ކިއޫގައި ތިބި މީހުންގެ ތެރެއިން އަޑުއެހުމަށް ވަދެވޭވަރުވީ މަދު ބަޔަކަށެވެ. ގާތްގަނޑަކަށް 25 އަކަށް މީހުންނަށް ވަދެވުނުއިރު ބާކީ ނުވަދެވި ތިބި މީހުންގެ މެދުގައި ހިސާބަކަށް ހަލަބޮލިވެގެން ދިޔައެވެ. ސުޕްރީމް ކޯޓު ދޮރުދޮށަށް އެއްވެ އަޑު އުފުލަން ފެށުމާއެކު ފުލުހުންނާއި ސިފައިންވަނީ އެސަރަހައްދުން ޢާއްމުން ދުރަށް ޖައްސާފައެވެ. އެއާއެކު އަނެއްކާވެސް ކިއޫގައިތިބި އެއްކޮޅާއި އިދިކޮޅު މީހުންގެ ދެމެދު ބަހުގެ ހަމަލާތައް އިތުވެ ދެފަރާތުގެ ޝުއޫރުތަކުގެ އަޑުތައް ގަދަވެގެން ދިޔައެވެ. އެޔާއެކު ފުލުހުންނަށް ޖެހުނީ ކިއޫގައިބި ފަރާތްތައް އެސަރަހައްދުން ފޮނުވާލާށެވެ.

Caption

ކިއޫގައިތިބި މީހުން ފޮނުވާލުމާއެކު ސުޕްރީމް ކޯޓު ކުރިމަތިން ހުޅަނގުދެކުނުގައި އޮންނަ ގޯޅީގައި ޢާއްމުން މަޑުކޮށްލިއެވެ. އަދި ބެރިކޭޑް ޖަހައި އެސަރަހައްދު ބަންދުކޮށް ސުޕްރީމް ކޯޓު ދޮރުމަތިން ވެސް ވެހިކަލަށް ނުދުއްވޭގޮތަށް ބަންދުކުރިއެވެ. އެސަރަހައްދުގައި ފަހުން މަޑުކޮށްގެން ތިބީ އިންތިޚާބު ބާތިލް ކުރުމާދެކޮޅަށް އަޑު އުފުލަމުންދިޔަ ފަރާތްތަކެވެ. ޚާއްޞަކޮށް ގުޅިފައިވާ ޕާޓީތަކުގެ އާއްމު މެމްބަރުންނެވެ. ފަހުން ޕޯސްޓަރުތަކެއް ވެސް ހިފައިގެން ތިބި އެމީހުންގެ ތެރެއިން މީހަކު އެތަނުން ގަހެއްގައި ޕޯސްޓަރު ހަރުކުރާތީ ފުލުހުން ތަކުރާރުކޮށް އެކަން މަނާ ކުރަމުންދިޔައެވެ. އަދި ހުއްޓާނުލުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެކަމަށް ބައެއް ޢާއްމުން ހުރަސްއެޅުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

Caption

ރައީސް ޔާމީނަށާއި ސަރުކާރަށް ރައްދުވާގޮތައް ޝުއޫރު ފާޅުކުރަމުންދިޔަ އެމީހުންގެ މެދުގައި އިތުރު ހަލަބޮލިކަމެއް ހިނގާފައެއް ނުވެއެވެ. އަދި ސުލްހަވެރިކަމާއެކު ޝުޢޫރު ފާޅުކޮށް ނިންމާލާފައި ވަނީ ސުޕްރީމް ކޯޓުގައި އޮތް އަޑު އެހުން ނިންމަވާލައްވައި ޤާނޫނީ ވަކީލުން ނުކުންނެވި ފަހުންނެވެ.

ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހުގެ ހެނދުނު 10:30 އަށްވެސް ވަނީ ތާވަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް