ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 16:44
ރައީސް އަބްދުﷲ ޔާމީނާއި ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ
ރައީސް އަބްދުﷲ ޔާމީނާއި ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ
ރާއްޖެ އެމްވީ
ޔަހްޔާ އާއި ޔާމީން
ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
ދެ ބޭފުޅުންގެ އަމަލުތައް ވެސް އެއްގޮތަކަށް
ނަތީޖާ ގަބޫލުކުރެއްވުމަށްފަހު، ޔަހްޔާ ވެސް ހުންނެވީ ވެރިކަމުގައި

ވެރިކަމަށް ބޫތު ކައިފި ނަމަ، ރައްޔިތުންގެ ހައްގަކީ ތިމާގެ ހައްގު ކަމަށްވެގެން ދެއެވެ. އިންސާފަކީ ތިމާ، އެދޭ ގޮތް ކަމަށްވެ އެވެ. އުސޫލަކީ ތިމާ ވިސްނާ ގޮތް ކަމަށް ހަދައެވެ. ރައްޔިތުންގެ ނިންމުމަކީ، ތިމާގެ ބޭނުންވާ ގޮތް ކަމަށް ހީކުރެ އެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ހުދުމުހްތާރުކަން އިސްކޮށްފި ކޮންމެ ވެރިއެއްގެ ކިބައިން މި އަލާމަތްތައް ފެނި، ރައްޔިތުންނަށް ޖައްބާރު ވެރިއެއްގެ ކިބައިން ޖެހޭނެ ހުރިހާ ތަކްލީފުޖެހެ އެވެ.

މިފަދަ މިސާލެއް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ކުރީކޮޅު ގެމްބިއާއިންނެވެ. އެ ގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން ވެސް ބާރުތައް ދޫކުރެއްވުމަށް ދެކޮޅު ހެއްދެވުމަށް ފަހު، ރައީސްގެ މަގާމުން ޔަހްޔާ ޖާމޭ އިސްތިއުފާ ދެއްވީ އެ ނޫން ގޮތެއް ނެތުމުންނެވެ. ރާއްޖެއިން ވެސް ފެނިގެން މިދަނީ އެ މަންޒަރެވެ. ޔަހްޔާ އެކޭ އެއްގޮތަށް ރައީސް އަބްދުﷲ ޔާމީން އަމަލުކުރައްވާ ތަނެވެ.

ދިވެހި ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރައްވައި ވެރިކަމުގައި ހުންނެވުމަށް އެތައް މަސައްކަތެއް ރައީސް ޔާމީން އެ ގެންދަވަނީ ކުރައްވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ފުރަތަމަ ގަބޫލުކުރެއްވެވި އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ، ބަހަނާ ދެއްކެވުމަށް ފަހު އިންތިޚާބު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، މުޒާހަރާ އަށް ނުކުންނަވައި، ހަލަބޮލިކަން އުފެއްދެވުމަށް މަސައްކަތް ފެއްޓެވި އެވެ.

ގެމްބިއާގެ ވެރިކަމުގައި ހުންނެވި 22 އަހަރުގައި ނުހައްގު މުއްސަނދިކަން ހޯއްދެވި ކަމަށް ތުހްމަތުކުރާއިރު، ގައުމުން ބޭރު ކުރި ޑޮލަރުގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރައެވެ. ގެމްބިއާގެ ސިފައިން އެތައް ޖަރީމާއެއް ހިންގިއެވެ. ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރައްވައި މަގާމުގައި ދެމިހުންނެވުމަށް ޔަހްޔާ މަސައްކަތް ކުރެއްވުމުން، އެފްރިކާ ގައުމުތަކުން އިންޒާރު ދިނެވެ.

އަލްޖަޒީރާއިން ތައްޔާރުކުރި ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކަޅު ފައިސާ އާއި ހިޔާނާތުގެ ތުހްމަތުތައް ކޮށްފައިވޭ. ނަމަވެސް އެ ތުހްމަތުތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައި

ދިވެހިރާއްޖޭގެ ހާލަތު ވެސް ހަމަ މިފަދަ އެވެ. ދިވެހި ތާރީޚުގައި އެންމެ ބޮޑު އަޣުބަލަބިއްޔަތަކުން ރައީސް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންނެވިއިރު، އިންތިޚާބުގެ ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރެވެވިއެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ފެނިގެން ދިޔައީ، އިންތިޚާބުގެ އެއް ދުވަސްކުރިން އެ މަނިކުފާނު ވިދާޅުވެފައިވާ ފަދައިން ބަލި ގަބޫލުކުރައްވަން އެ ފަސޭހަފުޅު ނުވި ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން، މުޅި ބަރުލަމާނު ހިސޯރުކުރި އެވެ. ކޯޓު އަމުރަށް ކިޔަމަންތެރިވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ މަނިކުފާނާ ދެކޮޅު ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން ކޯޓުން ޓިނު ނަގައި ފަނޑިޔާރުން ހައްޔަރުކުރި އެވެ. ސުޕްރީމް ކޯޓް ހިސޯރުކޮށް، ފަނޑިޔާރުން ހައްޔަރުކުރަން ބަހަނާއަކަށް ދެއްކި ރިޝްވަތު ދިންކަމުގެ މައްސަލަ ސާބިތު ނުވެ އެވެ. އިންތިޚާބުގެ ކުރިން، ރައީސް ޔާމީން ވެސް ސަޕޯޓަރުންނާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ދިޔައީ "ކޮންމެ ގޮތަކުން ވެސް ވެރިކަމުގައި ހުންނާނީ ރައީސް ޔާމީން" ކަމަށެވެ. ތަގުދީރު ނިޔާކުރި ގޮތުން ކަން ނިމިގެން ދިޔައީ އެގޮތަކަށް ނޫނެވެ. ރައްޔިތުން ބަސް ބުނީ މާބޮޑަށް ވެސް ސާފުކޮށެވެ.

ނަމަވެސް ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރައްވައި، މައްސަލަ ކޯޓަށް ހުށަހެޅުމުން ގަބޫލު ކުރެވެނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓާލަން ބޭނުންވާ ކަމެވެ. ދެހާސް ތޭރަ ވަނަ އަހަރު ވެސް ވެރިކަމަށް ވަޑައިގެންނެވުނީ ކޯޓުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، މިފަހަރު އެގޮތަށް ކުޅުއްވަން އުޅުއްވި ނަމަވެސް، މަންޒަރު ފެނިގެންދަނީ މުޅިން ތަފާތުކޮށެވެ. ރައީސް ޔާމީންގެ ދައުރު "އޮއްސިއްޖެ" ކަން އެންމެނަށް ވެސް އެނގެ އެވެ. ވެރިކަން ހަވާލުކުރުން ހިނގަމުން އެބަދެ އެވެ. މުއައްސަސާތަކުގެ ރާގުތައް ބަދަލުވެ، މިނިވަންކަން ލިބިއްޖެކަމުގެ މަންޒަރު ފެންނަން ފަށައިފި އެވެ. ކުރިން ހައްޔަރުކޮށްފައި ތިބި އެތައް ބަޔަކު ދޫކޮށްލުމުން، ކޯޓުތައް ވެސް މިނިވަން ވަމުންދާ ކަމަށް އިހްސާސްކުރެވެ އެވެ. ސަލާމަތީ ހިދުމަތް ވެސް އޮތީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށެވެ.

އެހެންވެ، ބަޔަކު ގުނބޯ ހައްދައިގެން މަގުމައްޗަށް ނެރުނަސް، މައްސަލަ ހުށަހެޅިޔަސް، ރައްޔިތުންގެ ނިންމުން ބަދަލު ނުކުރެވޭނެކަން އެނގެންޖެހެ އެވެ. ކަމުގެ ތަފްސީލް އިތުރަށް ދެއްކެން ނެތީ ކޯޓުގައި މައްސަލަ އޮތުމުންނެވެ. ނަމަވެސް ރައީސް ޔާމީނަށް އެތެރެ އާއި ބޭރުގެ ފިއްތުންތަން ހުރި ގޮތުން، ހަމަޖެހޭނީ ޔަހްޔާއަށް ޖެހުނު ހާލެވެ. އެހެންވެ، ދިވެހި ތާރީޚުގައި ރައީސް ޔާމީންގެ ނަން ލިޔެވިގެންދާނީ ކިހިނެއްތޯ ވިސްނާލަންޖެހެ އެވެ. ތަރައްގީގެ ބާނީގެ ގޮތުގައިތޯ، ނުވަތަ ރައްޔިތުން އެ ތުހްމަތުކުރާ ފަދަ ވެރިއެއްގެ ގޮތުގައިތޯ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 09:50
އައިމިނާ
ކޮކަޑިކެއި މީދާ ވާރޭފެނަށް ދިރޭހެން މި ރައީސަށް މިވަނީކީއްވެބާ!
14 އޮކްޓޯބަރ 2018 | އާދީއްތަ 04:55
އަލީ
މީނަ ބަލިވީމަ ރީތިކޮއް ފައިބައިގެން ދިޔަނަމަ ވާނުވާ ނޭގި މީނަޔައް ސަނާކިޔަމުން ދިޔަމީހުން ވެސް އެގޮތުގަ ތިބީސް އެކަމަކު މީހާރު މިވީ ގޮތަކީ އެމީހުން ގެ ކުރިމަތީ ވޯޓް ގެ ހުރިހާ ކަމެއް ހިގަމުން ދިޔައީ އެންވީމަ އެމީހުން ވެސް މިހާރު ބުނަމުން އެބަދޭ ނުލަފާ ޔަހުޔާއެކޭ ތީ އެކަން އެގޭ ދޯ އެކުރާ މުޒާހަރާ އެދާ މީހުން އިގިލިން ގުނާ ލެވޭ ނޫންތޯ ދިވެހިރާއްޖޭގެ ކޯޓްތަކުން ވެސް ވިސްނަން ވީ ކަމަކީ ޔަހުޔާ ހަދަމުން ދާ ދޮގު އެކުރާ މުޡާހަރާ ތަކުން ވެސް ފެނިގެން ދެޔޭ
13 އޮކްޓޯބަރ 2018 | ހޮނިހިރު 16:26
އިލްހާމް
ތާރީޚުގައި ލިޔެވިގެންދާނީ ވަގެއްގެ ގޮތުގައިކަން ކަށަވަރު
13 އޮކްޓޯބަރ 2018 | ހޮނިހިރު 12:30
މަމެން
އެންމެ ތަފާތެއް ކުލައިގެ ތަފާތު
13 އޮކްޓޯބަރ 2018 | ހޮނިހިރު 12:03
މިނިވަން
ކޯޓް ތަކުގެ މީހުން ރައީސް ޔާމީނަށް ބިރު ގަންނަން ޖެހޭތަ؟ ކޯޓުން ރައީސް ބޭނުން ގޮތަށް ކަމެއް ނިންމަންވީ ކީއްވެ؟ އެހެންވިއްޔާ އެއީ އެމީހުންގެ މައްސަލައެއްތާ؟ އެ ޒިންމާ ރައީސް ބޮލަކު ނޭޅުވޭނެ؟ އެގޮތަސް އަމަލު ކުރި މީހުން މިހާރު ކޮބާ؟