ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 14:02
ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ވޯޓް ލައްވަނީ
ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ވޯޓް ލައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބަކީ ބާޠިލުކުރާ އެއްޗެއް ހެއްޔެވެ؟
ޑިމޮކްރަސީއެއްގައި ބާރުތައް ފެށިގެން އަންނީ ރައްޔިތުންގެ ކިބައިން
އުންޑައިގެ ބާރަށްވުރެ ގަދައީ ވޯޓުގެ ބާރު

އަޙުމަދު ފަޔާޟު ޙަސަން

'އުންޑައިގެ ބާރަށްވުރެ ގަދައީ ވޯޓުގެ ބާރު' އެމެރިކާގެ މަޝްހޫރު ރައީސެއްކަމުގައިވާ އަބްރަހަމް ލިންކަން އިންތިޚާބާއި ގުޅޭގޮތުން ވިދާޅުވެފައިވެއެވެ. ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ހުރިހައި ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެބާރު ރައްޔިތުން ދައްކަނީ އިންތިޚާބުގައި އެމީހުން ލާވޯޓުންނެވެ. މިވޯޓުގައި އެމީހުންގެ މައްޗަށް ވެރިކަން ހިންގާނެ މީހަކު އެމީހުން ކަނޑައަޅައެވެ. ހަމައެގޮތަށް އެމީހުން އެދޭ ސިޔާސަތާއި އުސޫލުތައްވެސް ވޯޓުން އެމީހުން ކަނޑައަޅައެވެ. އެހެންކަމުން ޑިމޮކްރަސީގައި ހަގީގަތުގައިވެސް އުންޑައަށްވުރެ ވޯޓުގެ ބާރު ގަދަވެއެވެ.

ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ މިނިވަން އިންސާފުވެރި އިންތިޚާބެވެ. މިނިވަން އިންސާފުވެރި އިންތިޚާބުގައި ރައްޔިތުން އެމީހުންނަށް ފެންނަގޮތް ބަޔާންކުރެއެވެ. ނުވަތަ ރައްޔިތުން އެމީހުންގެ އަޑު ވޯޓުން އިއްވައެވެ. ޑިމޮކެރެޓިކް ހަމަތަކުން ހިނގާ ޤައުމުތަކުގައި އިންތިޚާބު އިންސާފުވެރިކޮށް މިނިވަންކުރާ މައިގަނޑު ބަހާއަކީ އެމީހުންގެ މެދުގައި އޮންނަ އިތުބާރާއި އެމީހުން ޤަބޫލުކުރާ އުސޫލުތަކާއި އާދަތަކެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާ ބަލައިގަނެ ގަބޫލުކުރުމަކީ އެމީހުންގެ ކިބައިގައިވާ އާދައެކެވެ. ބަލި ޤަބޫލުކުރުމަކީ އެމީހުންގެ ސިފައެކެވެ. ނަތީޖާއަކަށްވަނީ އިނތިޚާބު ބާޠިލުކުރާ އެއްޗަކަށްނުވުމެވެ.  

2000 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ފްލޮރިޑާ ސްޓޭޓްގެ ވޯޓު، ޤާނޫނީ ހަމަތަކުގެ މަތިން އަލުން ގުނަންޖެހުނެވެ. އެއީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯޖް ޑަބްލިއު ބުޝްއާއި ބަލިވި ކެންޑިޑޭޓް އަލް ގޯރ ގެ ނަތީޖާގައި ހުރި ފަރަގުގެ ކުޑަކަމުންނެވެ. ފްލޮރިޑާގެ އިންތިޚާބުގައި ބުޝް މޮޅުވީ 0.009 އިންސައްތަ (537 ވޯޓު) އިންނެވެ. މިފަދަ ކުޑަ ތަފާތުވުމެއްގައި އަލުން ވޯޓު ގުނުން ފްލޮރިޑާގެ ޤާނޫނު ލާޒިމްކުރެއެވެ. ކޮންމެއަކަސް ފްލޮރިޑާގެ ވޯޓު ބޮޑު މައްސަލައަކަށްވެ ސުޕްރީމް ކޯޓަށް ހުށަހެޅުނެވެ. ނަތީޖާއަކަށްވީ އިންތިޚާބުގެ ނަތީޖާ ރަނގަޅުކަމަށް ސުޕްރީމް ކޯޓުގެ އަޢުލަބިއްޔަތުން ނިންމުމެވެ.

އެމެރިކާގެ މިއިންތިޚާބުން އެނގުނު އެއްކަމަކީ އިންތިޚާބެއްގައި ސުވާލު އުފެދެނީ ނަތީޖާގައި ހުންނަ ފަރަގު ނިހާޔަތަށް ކުޑަވުމުން ކަމެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ވާދަކުރި ވާދަވެރިންގެ ފަރަގު މާބޮޑަށް ކުޑަވުމުން ކަންކުރާ ގޮތަކީ ދެވަނަ ފަހަރު ވޯޓު ގުނުމެވެ. އެވަރުން މީސްތަކުންގެ މެދުގައި ނުތަނަވަސްކަން ކުޑަނުވެއްޖެނަމަ މައްސަލަ ކޯޓަށް ހުށަހެޅެއެވެ. ކޯޓުން އާންމުކޮށް ބަލަނީ މައްސަލަ ޖެހުނު ވޯޓު ފޮށީގެ ނުވަތަ ދާއިރާގެ އިންތިޚާބު ބާއްވަންޖެހޭފަދަ ކަމެއް ހިނގާފައިވޭތޯއެވެ؟ އެހެންކަމުން ޑެމޮކްރެޓިކް ބީދައިން ހިނގާ ޤައުމުތަކުގައި ކޯޓު މަރުހަލާއިން އިންތިޚާބު ބާޠިލުކުރުމަކީ ވަރަށް ޚައްޞާސް ހާލަތެއްގައިމެނުވީ ކުރާކަމެއްނޫނެވެ.

ޑިމޮކްރެޓިކް ވެށްޓެއްގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބެއް ބާޠިލްކުރީ 2013 ވަނަ އަހަރު ރާއްޖޭގައެވެ. ރާއްޖޭގައި މިގޮތަށް ކަންކުރެވުނުއިރު ހައިރާންކުރުވި އެންމެބޮޑު ކަމަކީ ބާޠިލުކުރި އިންތިޚާބު، އިންތިޚާބުގެ ފުރަތަމަ ބުރަށްވުމެވެ. މާނަޔަކީ އިންތިޚާބުގެ ފަހު ބުރުގައި ވާދަކުރާ ދެމީހުންގެ މައްސަލައަކަށް ނުވާހިނދުވެސް އިންތިޚާބު ބާޠިލުވާންޖެހުމެވެ. އަލުން އިންތިޚާބު ބޭއްވުމުން، ޝަކުވާ އުފުލި ކެންޑިޑޭޓަށް ލިބުނު ވޯޓު ދޭއް އިންސައްތައިން ވީމަދެވެ. ދުނިޔޭގައި ރިޔާސީ އިންތިޚާބެއް ދެވަނަ ފަހަރަށް ބާޠިލުކުރެވުނީ 2016 ވަނަ އަހަރު އޮސްޓްރިއާގައެވެ. ގްރީން ޕާޓީގެ ކެންޑިޑޭޓް އެލެގްޒެންޑަރ ވެން ޑަރ ބެލެން ކާމިޔާބުކުރި މިއިންތިޚާބުގައި އޭނާ ކާމިޔާބުކުރީ އެއް ޕަސެންޓް (31،026 ވޯޓު) އިންނެވެ. އިންތިޚާބު ބާޠިލުކުރަން އޮސްޓްރިއާގެ އެންމެމަތީ ކޯޓުންކުރި ހުކުމް ބަޔާންކުރިގޮތުގައި އިންތިޚާބު ބާޠިލުކުރަންޖެހުނު އަސާސަކީ ޤާނޫނީ ޙުކޫމަތާއި ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު ކަށަވަރުކުރުމެވެ. އަދި އިންތިޚާބު ބާޠިލުކުރުމުގެ މާނަޔަކީ ވާދަކުރި ވަކި ކެންޑިޑޭޓަކު މޮޅުކޮށް ދެރަކުރުމެއްނޫނެވެ. އަލުން ބޭއްވުނު އިންތިޚާބު ވަރަށް ތަނަވަސް އަޢުލަބިއްޔަތަކުން ކާމިޔާބުކުރީ ކުރިންވެސް މޮޅުވި ބެލެންއެވެ.

އިންތިޚާބު ބާޠިލުކުރުމަކީ ޑިމޮކްރެޓިކް އުސޫލުން ހިނގާ މުޖުތަމަޢުތަކުގައި ކުރާކަމެއްނޫނެވެ. ޑިމޮކްރަސީއަށް ފައްކާނުވާ ޤައުމުތަކުގައިވެސް އިންތިޚާބު ބާޠިލުކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާކަމެކެވެ. އެފްރިކާ ބައްރުގައި އިންތިޚާބެއް ފުރަތަމަ ބާޠިލުކުރެވުނީ 2017 އަހަރު ކެންޔާގައެވެ. ސިޔާސީ ބައިބައިވުން އިންތިހާއަށްބޮޑު ކެންޔާގައި ދެވަނަ ފަހަރުވެސް އިންތިޚާބު ކާމިޔާބުކުރެއްވީ ފުރަތަމަވެސް މޮޅުވި އިހުރު ކެންޔާޓާއެވެ. އޮރެންޖް އިންގިލާބަށްފަހު 2004 ވަނަ އަހަރު ޔުކްރެއިންގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު ބާޠިލުކުރެވުނެވެ. ރަޝިޔާގެ ނުފޫޒާއި ސިޔާސީ ހަލަބޮލިކަމުން ބަނަވެފައިއޮތް މިދަނޑިވަޅުގައި އިންތިޚާބު ބާޠިލުކުރީ ރައްޔިތުންގެ ވޯޓު ސަރުކާރުން ވަގަށްނެގިކަމަށް ރައްޔިތުން ތުހުމަތުކުރުމުންނެވެ. އާޚިރުގައި ރައްޔިތުން ބޭނުންވިގޮތަށް އިދިކޮޅު ލީޑަރ ވިކްޓަރ ޔުޝްޗެންކޯއަށް ރައީސްކަން ލިބިވަޑައިގަތެވެ.

ޑިމޮކްރަސީގެ ހަމައިން ހިނގާ މުޖުތަމަޢުތަކުގައި މުޅި އިންތިޚާބަކީ ބާޠިލުކުރާ އެއްޗެއްނޫނެވެ. އެހެނީ އެފަދަ ޤައުމުތަކުގައި ބާއްވަނީ މިނިވަން އިންސާފުވެރި އިންތިޚާބަށްވާތީއެވެ. މުޅި އިންތިޚާބު ބާޠިލުކޮށްފިނަމަ އެއިން އަންގައިދެނީ އިންތިޚާބަކީ އިންސާފުވެރިކަމެއްނެތް މިނިވަންކަމެއްނެތް އެއްޗެއްކަމެވެ. އެފަދަ ހާލަތެއްގައި އަލުން މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރާނެ ޖާގަ ކުޑަވެއެވެ. މިފަދަ ހާލަތަކަށް ޤައުމު ވެއްޓުމުން ދެން އެކަމުން އަރައިގަންނަން ޒަމާންތަކެއް ނަގައެވެ. ރާއްޖެއަށް މިހާރު އޮތީ މިހާލަތުގައެވެ. ރާއްޖެއަށް ބަލާއިރު 2013 ވަނަ އަހަރު އިންތިޚާބު ބާޠިލުކުރުމުގެ ނަތީޖާއަކަށްވީ މިއަދު އަނެއްކާވެސް ބަޔަކު އެކަން ބޭނުންވުމެވެ. މާދަމާ މިކަން ހިނގުމާއި ނުހިނގުން ބިނާވާނީ މިއަދު ނިކުންނަ ނިންމުމުގެ މައްޗަށެވެ.

ޑިމޮކްރަޓިކް ވެށީގައި އިންތިޚާބަކީ އިރުއިރުކޮޅާ ބާއްވާ އެއްޗެއްނޫނެވެ. އެއީ އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އިންތިޚާބުގެ އަގުބޮޑުކަމުންނެވެ. މިބަހުގެ މާނަޔަކީ ފަހަރެއްގައިވެސް އިންތިޚާބެއް ބާއްވަން ކުރާ ޚަރަދުގެ ވާހަކައެއްނޫނެވެ. އެކަމަކު އެކަމަށްޓަކައި އިޖުތިމާޢީގޮތުންނާއި އިޤުތިޞާދީގޮތުން އެމުޖުތަމަޢުއަކުންވާ ބޮޑު ޤުރްބާނީއެވެ. އިންތިޚާބު ކުޅޭކުޅޭ ކަމަކަށް ވެއްޖެނަމަ އެއިން އަންގައިދެނީ އެބައެއްގެ މެދުގައި ޑެމޮކްރަސީ ބީރައްޓެހިވަރެވެ. ޤާނޫނީ ޙުކޫމަތާއި ޑެމޮކްރަސީ އާލާވަނީ ޤައުމުގެ ހުރިހާ ހިއްސާދާރުން މިނިވަން އިންސާފުވެރި އިންތިޚާބު ބާއްވަން ޖާގަ ދީގެންނެވެ. ވަކިން ޚާއްޞަކޮށް އެވަގުތަކު އޮންނަ ސަރުކާރަކުން އެކަމަށް މަގުފަހިކޮށްގެންނެވެ. އަދި ހުރިހާ ހިއްސާދާރުން އިންތިޚާބުގެ ނަތީޖާއަށް އިޙުތިރާމްކޮށް އޭގެ ޞައްޙަކަން ދިފާއުކުރުމުގައި ދެމިތިބެގެންނެވެ.

އެޑިޓަރުގެ ނޯޓް: އަޙުމަދު ފަޔާޟު ޙަސަނަކީ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކޮށް އެރޮނގުން ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދޭ ލެކަޗަރަރއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 އޮކްޓޯބަރ 2018 | ހޮނިހިރު 10:11
ލާދީނީ
މޮޔަނުގޮވާ މިއީ އެމެރިކާއެއްނޫން މިއީ ދވެހިރޢްޖެ