މިހާތަނަށް ރާއްޖޭގައި ބޭއްވާ އެންމެ ބޮޑު ވިޔަފާރި މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2018" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މޯލްޑިވްސް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސަސްއިން ބުނެފިއެވެ.
އޮކްޓޯބަރ 9 އިން ފެށިގެން 12ގެ ނިޔަލަށް، ކުރިއަށްގެންދާ މި އެގްޒިބިޝަންއަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީ އާއި އެ ދާއިރާއާ ގުޅިފައިވާ އިންޑަސްޓްރީތައް އެއްތަނަކުން ބައްދަލުވާނެ އެންމެ ބޮޑު އެއް މައުރަޒެވެ.
2000 ވަނަ އަހަރުން ފެށިގެން ބާއްވާ މިއެގްޒިބިޝަންގައި މ،ި ފަހަރު ތަފާތު އެކި ކަންކަން ތަމްސީލުކުރަން 160 އަށް ވުރެ ގިނަ ސްޓޯލް އެބަ ހުއްޓެވެ. އެގޮތުން 46 ޤައުމަކުން 250 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، 2000 ބްރޭންޑްގެ ތަފާތު ޕްރޮޑަކްޓްސްތައް ދައްކާލާނެއެވެ.
ހޮޓެލް އޭޝިއާ އިންތިޒާމުކުރަނީ މޯލްޑިވްސް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސަސްއިންނެވެ. މި އިވެންޓް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް، މޯލްޑީވްސް ޗެމްބާރ އޮފް ކޮމާސް އެންޑް އިންޑަސްޓރީގެ އިތުރުން ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑީވްސް އިންވަނީ އެންޑޯޒްކޮށްފައެވެ.
ފެށުނީއްސުރެ މި އެގްޒިބިޝަންގެ މައި ސްޕޮންސަރަކީ ބެސްޓްބައި މޯލްޑީވްޒް (ބީބީއެމް) އެވެ. ކަލިނަރީ އިވެންޓްގެ ތަކެތި ސްޕޮންސަރ ކޮށްފައިވަނީ އީވޯ ހޯމްއިންނެވެ.
އިވެންޓް އިންތިޒާމްކުރާ ފަރާތްކަމަށްވާ މެކްސްގެ ޑިރެކްޓަރ އަހްމަދް ޖާމިޒް ވިދާޅުވި ގޮތުގައި މި ޝޯގެ އެންމެ މުހިންމު އެއް މަގްސަދަކީ، ހޮސްޕިޓާލިޓީގެ ހިދްމަތް ދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތަކާއި އަދި ޖަމާއަތުގެ މެދުގައި ދުޅަހެޔޮ ގުޅުމެއް ބަދަހި ކުރުން ކަމަށެވެ. ހޮޓެލް އޭޝިއާއަކީ ހޮޓެލްތަކާއި ރިޒޯޓްތަކުން ވިޔަފާރިކުރާ ފޯރަމެއް ގޮތުގައިވަނީ ބަލައިގަނެވިފައެވެ. ދިވެހިރާއްޖެއަކީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށް ހޮސްޕިޓާލިޓީ ސާމާނާއި، ކާބޯތަކެތި އެތެރެކުރާ ބަޔަކަށް ވުމާއި އަދި މިފަދަ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މާކެޓަކަށް ބައިނަލްއަގްވާމީ ގަޔާވުމެއް އޮންނާތީވެ، މި މައުރަޒުގައި ވަރަށް ނުފޫޒްގަދަ ފަރާތްތައްދަނީ ބައިވެރިވަމުންނެވެ. ހޮޓެލް އޭޝިއާ އަކީ ހަމައެކަނި ސަރަހަށްދަށް ނިސްބަތްކޮށް ބޭއްވޭ އިވެންޓެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން މަސަތްކަތްތަށް ތައާރަފްކުރާ ވިޔަފާރި މައިދާނެކެވެ.