ރައްކާތެރިކަމާ އެކު އަމާން މާހައުލެއްގައި ދިރިއުޅުމަށް ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާނެއެވެ. އަމާންކަމާ އެކު ދިރިއުޅުމުގެ ކަންކަން ކުރުމަށްޓަކައި އެފަދަ މާހައުލެއް ބޭނުންވެގެންދާއިރު އަނެއްކާ ވެސް ރައްޔިތުންނަށް ވަނީ ބޮޑު ބިރުވެރިކަމެއްގައި ދިރިއުޅެން ޖެހިފައެވެ.
ޖުލައި 20 ދުވަހު، އުމުރުން 29 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދިނެވެ. މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގައެވެ. ޖުލައި 21 ވަނަ ދުވަހު ވެސް 24 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީފައިވާއިރު އޮގަސްޓް 7 ވަނަ ދުވަހު ވެސް ހުޅުމާލޭގައި 25 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އެ މަހުގެ 31 ވަނަ ދުވަހު 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. އެ އަށް ފަހު އޮކްޓޫބަރު 06 ވަނަ ދުވަހު އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދިނެވެ. އެއަށް ފަހު އަނެއްކާ ވެސް މާރާމާރީގެ ސިލްސިލާއެއް ފެށިގެން ދިޔައެވެ. އޭގެ ދެ ދުވަސް ފަހުން 8 އޮކްޓޫބަރުގައި އޮލިމްޕަސް ކައިރިން މާލޭގައި އުމުރުން 19 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީފައިވާ އިރު މިމަހުގެ 10 ވަނަ ދުވަހު 26 އަހަރުގެ ކުއްޖަކަށް މަގުމަތިން ހިނގާފައިދަނިކޮށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. ބުދަ ދުވަހުގެ ރޭގެ އިރާކޮޅު އެފްއެސްއެމް ތެޔޮއަޅާ ތަން ކައިރީގައި ވަޅިތަކަކާ އެކު ހަރަކާތްތެރިވި ބަޔަކު ފުލުހުން ހައްޔަރުކޮށްފައި ވަނީ ދަންވަރު އުމުރުން 14 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ.
މިއީ މި ފާއިތުވެ ދިޔަ ހަތަރު މަސް ދުވަހުގައި ހިނގާފައިވާ މާރާމާރީތަކެވެ. މާރާމާރީތަކުން ބިރުން ފިތްކަނޑައިގެންދާއިރު ފުލުހުން ހާމަކުރާ މައުލޫމާތުތަކުން އަދި މާ ކަނބޮޑުވެއެވެ. ފަހުން މި ހިނގައިދިޔަ މާރާމާރީތަކާ ގުޅިގެން 30 އަށް ވުރެ ގިނަ ޒުވާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ ތެރެއިން 17 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ކުއްޖަކު ހިމެނެއެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ. ސިލްސިލާ މާރާމާރީ ހިންގާ ކޮންމެ ފަހަރު ފެނިގެންދަނީ، ފުލުހުން މިފަދަ ބަޔާނެއް ނެރޭ މަންޒަރެވެ. މިކަންކަން ހިނގާތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ. މަގުމައްޗަކީ ކުށްތައް ކުރުމަށް އާންމުތަނަކަށް މިވަނީ ވެފައެވެ. ރޯމާ ދުވަލު ޒުވާނުން ކަތިލަނީއެވެ. މިކަން ހިނގާނެ ކަމަށް ނުރައްކަލުގެ ސިގްނަލް އަޅަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.
މިފަދަ ހާދިސާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.
ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ، މާރާމާރީ ހުއްޓުވޭނީ ޖުޑިޝަރީ އިސްލާހު ވެގެން ކަމަށެވެ. އިހްލާސްތެރި ގާޒީން އައްޔަން ކުރެވިގެން ކަމަށާއި ކޮރަޕްޝަން ވެސް ހުއްޓުވިގެން ކަމަށެވެ. ހުކުމެއް ކުރުމަށް ފަހު އެ ހުކުމް ހަރުދަނާ ކޮށް އިންސާފުވެރިކޮށް ތަންފީޒު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
Maaraamaaree huttuveynee @judiciarymv islaah vegen. Ikhlaas teri gaazeen ayyan kurevigen. Corruption huttuvigen. hukumeh kureema, e hukum harudana koh, insaf verikoh tanfeez kurevigen.
— Hussain Shameem (@HuShameem) October 11, 2018
މިކަމާ ގުޅޭ ގޮތުން ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެފައި ވަނީ މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ނެތި މިފަދަ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ.
Totally agree @HuShameem. Let us learn from the past. Nothing can improve without building a strong and independent judiciary that will protect all and hold those who do wrong accountable. https://t.co/bB9nrfUe5f
— Dunya Maumoon (@dunyamaumoon) October 11, 2018
ބައެއް ފަރާތްތަކުން ސޯޝަލް މީޑީޔާގައި ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު މިފަދަ ކަންކަން ކުރުމުގައި ގޭންގްތަކަށް ސްޕޮންސާދީ އެހީ ތެރިކަން ފޯރުކޮށްދެނީ ސިޔާސީ މީހުނާއި ފުލުހުންނާއި ސިފައިންނާއި ވިޔަފާރިވެރިން ކަމަށް ތުހުމަތުކޮށްފައި ވެއެވެ. ހަމައެކަނި ހުކުމް ކުރުމުން ނުނިމޭ ކަމަށާއި އެފަދަ ފަރާތްތަކުން ހުކުމަށް ފަހު ވެސް ދޫވެގެންދާ ކަމަށް ބުނެފައި ވެއެވެ. ފުލުހުން ބުނަނީ މި މާރާމާރީތަކުގެ ފަހަތުގައި ސިޔާސީ މީހުންގެ އަތެއް ނެތް ކަމަށެވެ.
Hukum kuriyyas Afu aamu nudhee kuri hukum ekkoh thanfeez koh hukumuge mudhathugai rehabilitatekoh mujuthamauah anburaa nerenvaairrah meehaa bahttan ves kurevigen.mihaaru ginain mi valhi jahanee hukumuga thibi Ekam usoolleh,gotheh,fotheh nethi vottah dhookohlli repeated offenders
— Mirfath Faiz (@MirfathFaiz) October 11, 2018
މާރާމާރީގެ ހާދިސާތަކުގައި ކުޑަކުދިން ބައިވެރިވާ އަދަދު އިތުރުވަމުންދާ އިރު މިދިޔަ 2017 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށި ފުރަތަމަ ހަތަދު ދުވަހު ދެމާރާމާރީގެ ހާދިސާ ސްކޫލުތަކުގެ ހަތަރު ފަރާތުން އެތެރޭގައި ވެސް ހިނގާފައި ވެއެވެ. އަނެއްކާ ވެސް މިދުވަސް ވަރަކީ ސިލްސިލާ މާރާމާރީތައް އިތުރުވެފައިވާ ދުވަސް ވަރަކަށް ވާއިރު މިފަދަ ކަންކަން ހައްލު ކުރުމުގައި ބެލެނިވެރިންނާއި، ކަމާ ގުޅޭ މުއައްސަސާތަކުގެ އެއްބާރުލުން ވެސް ބޭނުންވެއެވެ.
Institutions are there & those at respective posts in those institutions are paid a hefty amount to do their job. Sincerity of intention is what we are lacking in those individuals holding those posts.
— آدم محمد (@Adamiington) October 11, 2018
ފުރާވަރުގެ ކުދިންނަށް ޓާގެޓް ކޮށްގެން ކުށުގެ ވެއްޓަށް ވެއްދުމަށް ތަފާތު ގްރޫޕްތަކުން މަސައްކަތް ކުރާ ކަމަށް އަމީނިއްޔާ ސްކޫލު އިސްވެރިޔަކު ހާމަކުރައްވައެވެ. މިކަންކަން ސްކޫލު މާހައުލުގެ ތެރެ އިން ވެސް ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭ ގާޒީ ސްކޫލުގެ ބެލެނިވެރިއަކު ބުނީ ސްކޫލަށް ދަރިވަރުން ފޮނުވަނީ ސްކޫލުން އެ ކުދިންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް ސްކޫލުތަކުގައި ވެސް ގޭންގްތައް ހަރަކާތްތެރިވާ ކަމަށެވެ. އަދި ވަރަށް ޅަ އުމުރުގެ ކުދިންނަށް ގޭންގަތަކުން ޓާގެޓްކޮށް އެ ކުނދިން އެ ގޭންގްތަކާ ގުޅުމަށް މަޖުބޫރުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގައި ސްކޫލަށް ވެސް އެކަށީގެންވާ ވަރަށް ފިޔަވަޅު ނޭޅޭ ކަމަށާއި އިތުރު ހަރަކާތްތަކާއި ތަފާތު އިވެންޓްތައްތައް އޮންނަ އިރު ދަރިވަރުންގެ އިތުރުން ސްކޫލުގައި ނޫޅޭ ގޭންގަތައް ވެސް ވަދެ ހަމަނުޖެހުންތައް ހިންގުން އާންމުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެފަދަ މައްސަލައެއް ސްކޫލަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބި ގޭންގްތަކުގެ ފަރާތުން އިތުރު ނުރައްކާ ކުރިމަތިވާތީ އެފަދަ ކަންކަން ކުރިމަތިވާ ދަރިވަރުން ވެސް އެ ވާހަކަތައް މައިންބަފައިންނާ ހިއްސާ ނުކުރާ ކަމަށާއި އެކަން އެނގޭ އިރު އޮންނަނީ ވަގުތު ފާއިތުވެފައި ކަމަށް ހިތާމައާ އެކު ބުންޏެވެ.
މާރާމާރީތައް ހުއްޓުވުމުގައި މުޅި ސިސްޓަމް ވަނީ ފެއިލްވެފައެވެ. ކުދިން މަގުތަކަށް ގިނަ ވަނީ މައިންބަފައިންނަށް ނުބެލެހެއްޓިގެންނެވެ. މައިންބަފައިންނަށް ދަރިން ބެލުމުގައި އެންމެ ބޮޑު ދައްޗަކަށް ވެފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަމެވެ. ކުށް ކުރާ ކުއްޖާ މުޖުތަމައު އަށް އަނބުރާ ގެނައުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ތަންފީޒީ އިދާރާތައް ވަނީ ނުކުޅެދިފައެވެ. އެފަދަ ކުއްޖަކު ނުވަތަ ޒުވާނަކު ހައްޔަރުކޮށް ކޯޓާ ހަމައަށް ދިޔަ ނަމަވެސް ގިނަ ފަހަރަށް އެއް ދޮރު ވައްދައި އަނެއް ދޮރުން ނެރެންޖެހެނީ ޝަރުއީ ދާއިރާ ކޮރަޕްޓްވެފައި ވާތީ އެވެ. ހާލަކަުން އަދަބެއް ދެވުނަސް ކޮންމެ ރިޔާސީ އިންތިހާބާއި ސިޔާސީ އެކި އެކި ބޭނުންތަކުގައި ސަރުކާރުން އެފަދަ މީހުންނަށް މައާފްދީ މިނިވަން ކުރެއެވެ. އެހެން ކަމުން މުޅި ސިސްޓަމްގައި މި ވަނީ ބޮޑެތި ބާގަނޑުތައް ހެދިފައެވެ. މާރާމާރީ ފަދަ ކުށްތައް ހުއްޓުވުމަށްޓަކާއި ތަންފީޒީ އިދާރާތްތަކުގެ އިތުރަށް ބެލެނިވެރިން ވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި މިހާރަށް ވުރެ ބޮޑަށް މިފަދަ ކަންކަމަށް ބަލަންޖެހެއެވެ. އަދި މުއައްސަސާތަކުގައި ތިބޭ ފަރާތްތަކުން އިހްލާސްތެރިކަމާ އެކު މަސައްކަތްތައް ކުރަންޖެހެއެވެ. މާރާމާރީތައް ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. އާ ސަރުކާރެއް އަންނަ އިރު އެކަމަށް ގައުމީ ފެންވަރެއްގެ ހައްލެއް ހޯދާއި އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. އަދި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވާ ތަނެވެ. ޒިންމާ ނަގާނެ ފަރާތެއް ނެތެވެ.