ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 01:06
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ރާއްޖެއެމްވީ
ވޮލީބޯލް
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
ޔޫތުގެ އިތުރުން އެހެން ކްލަބެއްގައި ވެސް މެމްބަރުކަން އޮވޭ
އަސާސީ ގަވައިދުގައި ވަރަށް ތަފްސީލުކޮށް މަގާމު ގެއްލޭނެކަން ބުނެދީފައިވޭ
މައްސަލައެއް އުޅޭނަމަ މަޝްވަރާކޮށްގެން ހައްލުކުރަންޖެހޭ

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއްގެ ގޮތުގައި ހުރެގެން ކަމަށާއި އެހެން ނަމަވެސް އެ ކްލަބުގެ މެމްބަރުކަން ގެއްލުނު ނަމަވެސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ނުގެއްލޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗިން ސްޓާފުން އިއުލާނުކުރުމާއި މިހިނގާ 2017 ވަނަ އަހަރުގެ ވޮލީބޯލް ކަލަންޑަރު އާންމު ކުރުމަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީފް ވިދާޅުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުގެ މަގާމު ގެއްލުނު ނަމަވެސް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ނުގެއްލޭނެ ކަމަށާއި އަދި އޭނާއަކީ ހަމަ އެކަނި ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއް ނޫން ކަމަށެވެ.

ލަތީފް މިހެން ވިދާޅުވި އިރު، ޔޫތު ސްޕޯޓްސް ކްލަބުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ހަވީރު ބާއްވާފައިވާކަން ރާއްޖެއެމްވީ އަށް ވަނީ ވަރަށް އިތުބާރުހުރި ފަރާތަކުން ޔަގީންކޮށްދީފަ އެވެ. އަދި އެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ ތަފްސީލެއް އެފަރާތުން ރާއްޖެއެމްވީ އަށް ހިއްސާކޮށްފައެއް ނުވެ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ގަވާއިދުގެ 23 ވަނަ މާއްދާގެ 5 ވަނަ ނަމްބަރާ ހަވާލާދީ ބުނެފައި ވަނީ "ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރެޖިސްޓްރީ ވެފައިވާ ކްލަބު ނުވަތަ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކުރުން ނުވަތަ އިސްތިއުފާ ދިނުން" މިއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހުރި މަގާމު ގެއްލޭނެ ކަމަށެވެ.

މިހާރުގެ އެކްސްކޯގައި ތިއްބެވި ފަރާތްތަކަށް ރައްދު ދެއްވަމުން ލަތީފް ވިދާޅުވީ މި ސަރުކާރުގެ ކުޅިވަރުގެ މެނިފެސްޓޯ ތަންފީޒުކުރަމުންދާ އިރު، އެކަން ހަޖަމު ނުވެގެން ފެއިލް ކޮށްލުމަށްޓަކައި މިހާރުގެ އެގްޒެކްޓިވް ކޮމިޓީގައި ތިބި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލަތީފް ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުމުގެ ކަންތައްތައް ދަނީ އެކްޒެކްޓިވް ކޮމިޓީގެ ފުރިހަމަ ބާރާއެކު ކަމަށާއި އެހެން ކަމުން ވޮލީ ކުޅެންތިބި ޒުވާނުންގެ ހައްގުގައި މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރަނގަޅު ލީޑަރުންނަކީ މައްސަލައެއް ޖެހުނު ނަމަވެސް އެކަން ހައްލުކޮށްގެން ފަހަތަށް ބެލުމެއް ނެތި ކުރިއަށްދާ މީހުން ކަމަށެވެ. އެގޮތުން މިހާރު އެ އެސޯސިއޭޝަންގެ އެކްޒެކްޓިވް ކޮމިޓީގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރުމަށްފަހު އަލުން އެކުގައި ކާމިޔާބީއާ ހަމައަށް މަސައްކަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

- ކޮމެންޓް