ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 02:23
މާރޯކާ އަލްބަމްގެ ޕޯސްޓަރެއް
މާރޯކާ އަލްބަމްގެ ޕޯސްޓަރެއް
މުހައްމަދު ޝަރުހާން
ސިމްބޮލިކް ރެކޯޑްސް
ސިމްބޮލިކް ރިކޯޑްސްގެ މާރޯކާ ރިލީޒްކުރުން ޝޯއަކާއިއެކު
 
ރިލީޒް ކުރުމަށް ބާއްވާ ޝޯގައި ސިމްބޮލިކް ރިކޯޑްސްގެ ގިނަ ފަންނާނުންތަކެއް ލަވަ ހުށަހަޅައިދޭނެ
 
10 ލަވަ ހިމެނޭނެ
 
މިއީ ރާއްޖޭގެ ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް

ރާއްޖޭގެ ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް "މާރޯކާ" ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ.

ހިޕްހޮޕް މިއުޒިކްގެ ދާއިރާގައި ރާއްޖޭގައި އެންމެ އުހުގައި ތިބި ސިމްބޮލިކް ރިކޯޑްގެ އާޓިސްޓް މުޙައްމަދު މާހިދު (މާޓު) ގެ މި ސޯލޯ އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެރޭ ބާއްވާ ޚާއްސަ ޝޯއެއްގައެވެ.

ބުދަ ދުވަހުގެރޭގެ ޝޯއާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސިމްބޮލިކް ރިކޯޑްސްގެ ހެޑް އޮފް އޯޑިއޯ ޕްރޮޑަކްޝަން ރައްޔާން މުޙައްމަދު (ރައިޑޭ) ބުނީ މި ޝޯގައި ސިމްބޮލިކް ރިކޯޑްސްގެ ފަންނާނުންގެ ތެރެއިން ގިނަ ފަންނާނުންތަކެއް ލަވަ ހުށަހަޅައި ދޭނެ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކަކަށްފަހު ގާތްގަނޑަކަށް ސިމްބޮލިކްގެ ހުރިހާ އާޓިސްޓުން އެއް ސްޓޭޖަކުން ފެނިގެން މި ދަނީ. ހަމައެއާއެކީ މި ޝޯއަށް ދާ ފަރާތްތަކަށް ޝޯގެ ތެރެއިން މާރޯކާގަ ހިމެނޭ ލަވަތައް އިއްވާވެސްލާނަން"، ރައިޑޭ ބުންޏެވެ.

ރައިޑޭ ބުނީ އަލްބަމް ރިލީޒް ކޮށްދޭނީ ރާއްޖޭގައި މިވަގުތު ހުރި އޮރިޖިނަލް މިއުޒިކަށް ތާއީދުކުރާ އެންމެ ސީނިއަރ އެއް ފަންނާނު ކަމަށާއި، ނަމަވެސް އެއީ ކޮން ފަންނާނެއްކަން އެނގިގެންދާނީ އެ ހަފްލާގައި ކަމަށެވެ.

"މާރޯކާ"އާއި ގުޅޭގޮތުން ރައިޑޭ ބުނީ މި އަލްބަމްގެ ލަވަތައް މާޓު ތައްޔާރުކޮށްފައިވަނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ލޯތްބާއި، ބިރުވެރިކަމާއި، ސިޔާސީ ކަންކަމާއި، އިޖުތިމާއީ މައްސަލަތައް ފަދަ އެކި މައުލޫޢުތަކަށް ތައްޔާރުކޮށްފައިވާ ލަވަތައް މި އަލްބަމުގައި ހިމެނޭނެ ކަމަށް ރައިޑޭ ބުންޏެވެ. ސިމްބޮލިކް ރިކޯޑްސް އިން މިހާތަނަށް ވަނީ މި އަލްބަމްގެ ދެ ލަވައެއް އަލްބަމްގެ ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި އާންމުވެސް ކޮށްފައެވެ.

 

މި އަލްބަމްގެ މިއުޒިކް ތައްޔާރުކޮށް، އެއް ލަވައިގައި ފީޗަރވެސް ކޮށްފައިވާ ރައިޑޭ ބުނީ މި އަލްބަމްގެ ހުރިހާ ލަވައެއްގައިވެސް ހިމެނޭނީ ވަރަށް ތަފާތު އޮރިޖިނަލް މިއުޒިކް ކަމަށާއި، ބައެއް ލަވަތަކުގެ މިއުޒިކްގައި ދިވެހި ބޮޑުބެރުގެ އަޑު ފަދަ ދިވެހި އަޑުތައް ހިމަނާފައިވާއިރު، ބައެއް ލަވަތަކުގައި ޒަމާނީ އީޑީއެމް ބީޓުތައްވެސް ހިމެނޭނެ ކަމަށެވެ. ރައިޑޭގެ އިތުރުން މި އަލްބަމްގައި އަންހެން ފަންނާނަކާއި ދިވެހި ރެޕް ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އިސްމާއިލް އިފްހާމް (ފެސްޓް)ވެސް ވަނީ ފީޗަރ ކޮށްފައެވެ.  

ސިމްބޮލިކް ރިކޯޑްސްއިން ބުނީ މި އަލްބަމް ރިލީޒް ކުރުމަށް ބާއްވާ ޝޯ އޮންނާނީ ބުދަ ދުވަހުގެރޭ 9 ން ފެށިގެން ގަލޮޅުގައި ހުންނަ ކްލަބް360 ކެފޭގައި ކަމަށެވެ. އަދި މި ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެން ކަމަށާއި، ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށް އެ ލޭބަލްއިން ވަނީ މަޢުލޫމާތު ދީފައެވެ. މި ޝޯގެ ޓިކެޓެއް 150 ރުފިޔާއަށް ވިއްކަމުންދާއިރު، 10 ޓިކެޓަށްވުރެ ގިނައިން ޓިކެޓް ނަގާނަމަ ޓިކެޓެއް 100 ރުފިޔާއަށް ލިބޭނެ ކަމަށްވެސް ސިމްބޮލިކް ރިކޯޑްސްއިން ވަނީ ބުނެފައެވެ. އެ ލޭބަލް އިން ބުނީ 7338737 އަށް ގުޅުމުން ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.

ސިމްބޮލިކް ރިކޯޑްސްގެ ވެބްސައިޓް މެދުވެރިކޮށް "މާރޯކާ" އަލްބަމަށް ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު ކުރިން ހުޅުވާލާފައިވާއިރު، އަލްބަމަށް ޕްރީއޯޑަރ ކުރާ ފަރާތްތަކަށް ވަރަށް ހެޔޮ އަގެއްގައި ޝޯގެ ޓިކެޓް ލިބޭނެ ކަމަށްވެސް ސިމްބޮލިކް ރިކޯޑްސްއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
20%
60%
0%
0%
0%
20%
ކޮމެންޓް
10 އޮކްޓޯބަރ 2018 | ބުދަ 10:55
Nigga
?You guys are really back