ޕާކިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެގޮތުން ދައުވާ ކޮށްފައިވަނީ މ. މެރީލޮޖް، އަހުމަދު ނާއިޒްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.
އަހުމަދު ނާއިޒްގެ މައްޗަށް ކުރި ދައުވާގެ ސީޣާގައި ބުނެފައިވަނީ ޕާކިސްތާނުގައި ހަނގުރާމަކުރުމަށް އޭނާ ރާއްޖެ ދޫކޮށް ގޮސް، ހަނގުރާމަކޮށްފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ.
އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ. ނަމަވެސް، ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާތީ ޝަރީއަތުގެ މަޖިލީހުގައި ހިނގި ކަންތައްތައް ސާފުވާގޮތް ވަނީ ނުވެފަ އެވެ.
އަހުމަދު ނާއިޒްގެ މައްޗަށް ހަނގުރާމައިގައި ބައިވެރިވުމުގެ ދައުވާކޮށް ޝަރީއަތް ފަށާފައިވާއިރު، ރާއްޖެ އިން ބޭރަށް ގޮސް، ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުނު ކަމަށް ބުނެ ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ވެސް އެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.
ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.
ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.