ބައިނަލްއަގުވާމީ މާކެޓްގައި ސޮވެރިން ބޮނޑް ވިއްކުމަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ ޑޮއިޝެ ބޭންކްގެ މަނީ ލޯންޑަރިން މައްސަލައެއް ސާބިތުވެ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން އެ ބޭންކް ޖޫރިމަނާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ފައިނޭންސިއަލް ކޮންޑަކްޓް އޮތޯރިޓީ (އެފްސީއޭ) އިން ވަނީ ވަގު ވިޔަފާރިކޮށްގެން ޑޮއިޝެ ބޭންކުން 10 ބިލިއަން އެމެރިކާ ޑޮލަރު ރަޝިއާ އިން ބޭރުކުރި ކަމަށް ތުހުމަތުކޮށް ޑޮއިޝެ ބޭންކް 163 ބިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. އަދި އެމެރިކަގެ ނިއު ޔޯކްގެ ސްޓޭޓް ޑިޕާޓްމެންޓްގެ ފައިނޭންޝިއަލް ސަރވިސް އިން ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި ލަންޑަނާއި ނިއުޔޯކްގެ ބޭންކްތައް މެދުވިކޮށް ކޮށްފައިވާ ގަވައިދާ ހިލާފު މުއާމަލާތްތަކާ ގުޅިގެން 425 މިލިއަން ޑޮލަރުން ޑޮއިޝެ ބޭންކް ޖޫރިމަނާކޮށްފަ އެވެ.
އިގިރޭސިވިލާތުގެ އެފްސީއޭ އިން ބުނި ގޮތުގައި ޑޮއިޝެ ބޭންކުން 2012 އަހަރުން 2015 ވަނަ އަހަރާ ހަމައަށް ހިންގި މުއާމަލާތްތަކުގައި އެންޓި މަނީ ލައުންޑަރިން ކޮންޓްރޯލް ޕްރޭމްވޯކްއާ ވަނީ ހިލާވުވެފައެވެ. މީގެ އިތުރުން މި މުއާމަލާތްތައް ހިންގި ފަރާތްތަކީ ކޮން ބައެއް ކަން އެނގެން ނެތް އިރު މިކަން ކޮށްފައިވަނީ މާލީ ބޮޑު ޖަރީމާތަކުގައި އަމަލުކުރާ އުސޫލުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
މަނީ ލޯންޑަރިންނާއި ވަގު ވިޔަފާރީގެ މައްސަލަތަކެއް ޑޮއިޝެ ބޭންކުން ހިންގާފައިވާ ކަން ފެންމަތިވެފައިވާ އިރު އެ ބޭންކަށް މިދިޔަ އަހަރު 1.4 ބިލިއަން ޔޫރޯގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން ހިއްސާގެ ބާޒާރު ބޭނުންކޮށްގެން ގަވައިދާ ހިލާފަށް އެކި ގައުމުތަކަށް ފައިސާ ދައުރުކޮށްފައިވާކަން ވެސް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ވަނީ ފާހަކޮށްފަ އެވެ.
މިފަދަ މުއާމަލާތްތަކުގެ ސަބަބުން އިންވެސްޓަރުންނަށް ނަހަމަ ގޮތުގައި އިންވެސްޓް ކުރުމަށް އެކަނި ފުރުސަތު ހުޅުވާލީ ނޫން ކަމަށާއި މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މާލީ އަޑިގަނޑަކަށް ވައްޓާލުމަށް ސީދާ ގޮތުގައި ޑޮއިޝެ ބޭންކުން ހިއްސާވެފައިވާ ކަމަށް އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ބުނެއެވެ.
ބޭންކްގެ މުއާމަލާތްތަކުގައި ރަނގަޅު ކޮންޓްރޯލެއް ނެތް ކަމަށް ބުނެ އެމެރިކާ އާއި އިގިރޭސިވިލާތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާ އިރު ރާއްޖޭގެ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ގަތުމަށް ހަމަޖެހިފައިވަނީ ވެސް ޑޮއިޝެ ބޭންކުންނެވެ. ދިވެހި ސަރުކާރުން ބުނެފައިވަނީ ޑޮއިޝެ ބޭންކަކީ ބޮންޑް ވިއްކުމުގައި އެރޭންޖާއެއްގެ ގޮތުން ހަރަކާތްތެރިވުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ރާއްޖެއިން 200 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމަށް ހަމަޖެހިފައިވަނީ ޑޮއިޝެ ބޭންކް މެދުވެރިކޮށް ސިންގަޕޫރު ސަރުކާރު ހިއްސާވާ ބޭންކެއް ކަމުގައިވާ ސިންގަޕޯ ޑީބީއެސް ބޭންކަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ނިންމާ މިހާރު ކުރިއަށްދަނީ ޓައިމްލައިންތަކުގެ މަސައްކަތްތައް ކުރުން ކަމަށް ވެސް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. ޑީބީއެސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ޖެހޭނީ ހަ އަހަރު ފަހުން ކަމަށާއި އެ ފައިސާ ދައްކަންޖެހޭނީ 6.5 ގެ އިންޓްރެސްޓް ރޭޓެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.