އެފްރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ފައިނަލް ކުޅުމުގެ ރެކޯޑް އޮތް ގާނާއާ އެއްވަރުކޮށް މިސްރުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިސްރުން އެފްރިކަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ޕެނެލްޓީ ޖަހައިގެން ބުރްކީނަފާސޯ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުގައި ކޮންމެ ޓީމަކުންވެސް އެއް ލަނޑު ޖަހާފައެވެ.
އެފްރިކަން ކަޕްގެ ފައިނަލް އެންމެ ގިނައިންކުޅެފައިވާ ގާނާގެ ރެކޯޑާއި މިސްރުން އަރާ ހަމަކުރި މެޗުގެ ޚީރޯއަކަށް ވެފައި ވަނީ އުމުރުން 44 އަހަރުގެ ކީޕަރު އައްސާމް އަލް ހަދަރީއެވެ. އޭނާ އަކީ މި މުބާރާތުގައި ވެސް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.
ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނަތީޖާ ނެރުމަށް ޕެނެލްޓީ ޖެހިއިރު، ހަދަރީ ވަނީ އޭގެ ތެރެއިން ދެ ޕެނެލްޓީއެއް މަތަކޮށްފައެވެ. ޕެނަލްޓީ ޖަހައިގެން މިސްރަށް ކުރި ލިބުނީ 4-3 އިންނެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ މިސްރުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި މިލަޑަކީ ވަރަށް ހިތްގައިމު ލަޑެކެވެ. ބުރިކިނަފާސޯ އިން ނަތީޖާ ހަމަހަމަ ކުރި ގޯލު ޖަހައިދިނީ 73 ވަނަ މިނެޓުގައި ބާސޭއެވެ.
ބާސޭ މި ގޯލަކީ މި މުބާރާތުގައި މިސްރުކޮށް އިދިކޮޅު ޓީމަކުން ޖެހި ހަމައެކަނި ގޯލެވެ.
ނުވަ ވަނަ ފަހަރަށް އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިސްރުން ދަތުރުކޮށްފައިވާ އިރު އެގައުމުން ވަނީ 7 ފަހަރު މުބާރާތުގެ ތަށި އެޓީމުން އުފުލާލާފައިވެއެވެ.
މުބާރާތުގެ ފައިނަލުގައި މިސްރު ކުޅެންޖެހޭނީ ސެމީ ފައިނަލުގެ އަނެއް މެޗުގައި ގާނާއާ ކެމަރޫން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއިއެވެ.