އުރީދޫ ބިޒްނަސް ކަސްޓަމަރުންނާއި ކަމާގުޅޭ ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ކަމަށްވާ އެންޓަޕްރައިސް ސަޕޯރޓް ސެންޓަރ، އުރީދޫއިން ތަޢާރަފްކޮށްފިއެވެ.
އުރީދޫއިން ބުނީ މި އާ ސަޕޯޓް ސެންޓަރުން، 24ގަޑިއިރު ޚިދުމަތްދޭ ސަޕޯޓް ހޮޓްލައިނެއް ގާއިމްކޮށް، އުރީދޫ ބިޒްނަސްގެ ޚިދުމަތްތަށް ބަލަހައްޓައިދެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވާ ވިޔަފާރިތަކަށް ބޭނުންވާ އަވަސް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
މި ސެންޓަރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވެފައި ވަނީ މި ނޭޝަންވައިޑް ސަބްމެރިން ކޭބަލް މެދުވެރިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުރީދޫ ބިޒްނަސް ޚިދުމަތްތައް މިވަނީ ފުޅާކުރެވިފައިވާ ކަމަށެވެ.
އުރީދޫ ކަސްޓަމަރުންގެ އަދަދު ގިނަވަމުންދާއިރު ސަޕޯޓް ނެޓްވާރކް ތަރައްގީކޮށް، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރަންޖެހޭ ކަމަށެވެ. ވިޔަފާރިތައް ހިންގުމުގައި އުރީދޫ ބިޒްނަސްގެ ޙިދުމަތްތައް ދަނީ ވަރަށް ބޮޑު ދައުރެއް އަދާކުރަމުން ކަމަށާއި އެހެންކަމުން، އެހީތެރިކަން ބޭނުންވާ ކޮންމެ ގަޑިއެއްގައި ވެސް، ކަސްޓަމަރުންނަށް ވަގުތުން ޚިދުމަތް ފޯރުކޯށްދޭނެ ޓެކްނިކަލް އިންޖިނިއަރުންނާއި ކަސްޓަމަރ ސަރވިސް ޓީމްތަށް ތިބުމަކީ މުހިއްމު ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އުރީދޫގެ އެންޓަޕްރައިޒް ސަޕޯޓް ސެންޓަރުން، ތަޖުރިބާކާރު ޓެކްނިކަލް އިންޖިނިއަރުންނާއި ކަސްޓަމަރ ސަޕޯޓް ސްޓާފުންގެ އެހީގައި، ފޯނުން އަދި ރިމޯޓްކޮށްވެސް އަވަސް ޚިދުމަތް ފޯރުކޮށްދޭނެއެވެ. ހަމައެއާއި އެކު، ސައިޓަށް ޒިޔާރަތްކޮށްގެން ހައްލު ކުރެވޭ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، ފީލްޑުގައި މަސައްކަތް ކުރާ މުވައްޒަފުން މެދުވެރިކޮށް ބޭނުންވެފައިވާ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އުރީދޫއުން މައުލޫމާތު ދެއެވެ.
ކަސްޓަމަރުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެގޮތުން، ކަސްޓަމަރުން ކުރާ ހަރަދުތަކާ އެކަށޭނަ ކުރިއެރުމެއް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތައް އުރީދޫއިން ފޯރުކޮށްދެމުން ގެންދާނެއެވެ. އެގޮތުން ފިކްސްޑް އިންޓަނެޓް، ފިކްސްޑް ވޮއިސް، ޖީޕޮން، ވައިފައި، އައި.ޕީ.ޓީ.ވީ، ޕީ.ބީ.އެކްސް، ސީ.ސީ.ޓީ.ވީ ފަދަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ އެންމެ ފަހުގެ ޒަމާނީ އުފެއްދުންތައް ހިމެނެއެވެ.
އުރީދޫ ބިޒްނަސް އާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.