އެމެރިކާގެ ވަޒީފާނެތް މީހުންގެ ނިސްބަތް ސެޕްޓެމްބަރގައި 3.7 އިންސައްތައަށް ދަށަށް ގޮސްފިއެވެ. މިއީ މީގެ 49 އަހަރު ކުރިން 1969 ގެ ޑިސެމްބަރަށް ފަހު ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާވަރަށް ދަށަށް ގެންދެވުނު ފުރަތަމަ ފަހަރެވެ.
ޑިޕާޓްމަންޓް އޮފް ލޭބަރގެ ހިސާބުތަކުން ދައްކާ ގޮތުގައި 134،000 ވަޒީފާ އެ މަހުވަނީ އުފައްދާފައެވެ. ނަމަވެސް އެއީ އަންދާޒާ ކުރިވަރަށް ވުރެ މަދު އަދަދެކެވެ.
ވަޒީފާ އިތުރުވި ދާއިރާތަކުގެ ތެރޭގައި ފަންނީ ދާއިރާ ތަކާއި ވިޔަފާރީގެ ޚިިދުމަތްތަކާއި، ސިއްހީ ދާއިރާ އަދި އިމާރާތްކުރުމުގެ ދާއިރާ ހިމެނެއެވެ.
އެވްރެޖްކޮށް ގަޑިއަކަށް ލިބޭ އާމްދަނީ ސެޕްޓެމްބަރު މަހުވަނީ އެނުއަލް ރޭޓް ކަމަށްވާ 2.8 އިންސައްތައިގައި މައްޗަށް ޖެހިލާފައެވެ. ނަމަވެސް އެއީ އޯގަސްޓް މަހު ހުރި މިންވަރަށް ވުރެ ދަށް އަދަދެކެވެ. އޯގަސްޓް މަހު ހުރީ 2.9 އިންސައްތައިގައެވެ.
ޖުލައި މަހާއި އޯގަސްޓް މަހު ވަޒީފާގެ ބާޒާރު އޮތް ގޮތާއި ބެހޭގޮތުން ނެރުނު ރިޕޯޓުވެސް ވަނީ މުރާޖައާކުރުމަށް ފަހު އަލުން ނެރެފައެވެ. ފަހުން ނެރުނު ރިޕޯޓް ބުނާ ގޮތުން ކުރިން ރިޕޯޓްގައި ބުނެފައިވާ އަދަދަށް ވުރެ 87،000 ވަޒީފާ އިތުރެވެ.
ލޭބަރ ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ މެދުތެރޭ އެމެރިކާގެ އިރުމަތީ އައްސޭރިފަށަށް އެރި ތޫފާން ފްލޮރެންސް ގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސްފައިވެއެވެ. ވަކިން ޚާއްސަކޮށް ހޮސްޕިޓަލިޓީ އަދި މުނިފޫހި ފިލުވުމުގެ ދާއިރާގެ 18،000 ވަޒީފާ އެ މުއްދަތުގައިވަނީ ގެއްލިފައެވެ.
އެ އިދާރާއިން ބުނީ އެ ތޫފާނުގެ ސަބަބުން ވަޒީފާ އަދާ ކުރި ފަރާތްތަކަށް ލިބުނު މާލީ ގެއްލުން އަންދާޒާ ކޮށްލުން ދަތިކަމަށެވެ.
ފަންނީ ދާއިރާ ތަކާއި ވިޔަފާރީގެ ޚިިދުމަތްތަކުގެ ދާއިރާއިން ސެޕްޓެމްބަރު މަހު 54،000 އިތުރުވެފައިވާއިރު އަހަރުގެ ތެރޭގައި ވަނީ 560،000 އިތުރުވެފައެވެ. ސިއްހީ ޚިދުމަތުގެ ތެރެއިން ސެޕްޓެމްބަރު މަހު އިތުރުވެފައިވަނީ 26،000 އެވެ. އަދި މުޅި އަހަރަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް 302,000 ވަޒީފާ ވަނީ އުފައްދާފައެވެ.