ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ބަލިވެ އިނީ ޓްވިންސަކަށް ކަން އިޢުލާންކޮށްފިއެވެ. ބިޔޯންސޭއާއި އޭނާގެ ފިރިމީހާ، މަޝްހޫރު ރެޕް ސްޓާރ ޖޭއި ޒީ އަށް ޓްވިންސެއް ލިބެން އުޅޭ ޚަބަރު ސޯޝަލް މީޑިއާގައި އިޢުލާން ކުރުމާއެކު އެތައް މިލިއަން ބަޔަކު ވަނީ މަރުޙަބާ ކިޔާ އުފާ ފާޅުކުރަން ފަށާފައެވެ.
ޢުމުރުން 35 އަހަރުގެ ބިޔޯންސޭ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި މިކަން އިޢުލާންކުރުމަށް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "އެއްފަހަރާ ދެ އުފާ ލިބެން އުޅޭ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އުފަލުގައި ބައިވެރިވާތީ ޝުކުރު އަދާކުރާ" ކަމަށެވެ.
މިޚަބަރު މިހާރު ވަނީ ޓްވިޓާގައި އެންމެ ގަދައަށް ދައުރުވަމުންދާ ޚަބަރަށް ވެފައެވެ. އެގޮތުން މިޚަބަރާއި ގުޅޭ 500،000 (ފަސް ލައްކަ) އަށްވުރެ ގިނަ ޓްވީޓް މިހާތަނަށް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މީގެއިތުރުން ބިޔޯންސޭގެ އިންސްޓަގްރާމް ޕޯސްޓް ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ޕޯސްޓަށް 348،000 (ތިން ލައްކަ ސާޅީސް އަށް ހާސް)އަށްވުރެ ގިނަ ކޮމެންޓާއެކު 6.7 މިލިއަން ލައިކްސް ވަނީ ލިބިފައެވެ. ފާހަގަކޮށްލެވޭ ކަމަކީ އެއް ގަޑިއިރުގެ ތެރޭގައި ބިޔޯންސޭގެ ޕޯސްޓަށް 2.43 މިލިއަން ލައިކްސްއާއެކު 166،000 (އެއްލައްކަ ފަސްދޮޅަސް ހަ ހާސް) ކޮމެންޓު ލިބިފައިވާ ކަމެވެ. މިއާއެކު ބިޔޯންސޭ މިވަނީ ސެލީނާ ގޯމޭޒްގެ އިންސްޓަގްރާމް ޕޯސްޓަކަށް ލިބުނު 6.3 މިލިއަން ލައިކްސްގެ ރެކޯޑު މުގުރާލާފައެވެ.
2012 ވަނަ އަހަރު ބިޔޯންސޭގެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ބްލޫ އައިވީ އުފަންވުމާއެކު "ޕަޕަރާޒީ ތޫފާނެއް" އައިސްފައިވާއިރު، ނިއުޔޯކްގެ ލެނޮކްސް ހިލް ހޮސްޕިޓަލުގެ މެޓާނެޓީ ވިންގުގެ އެއްބައި، މިއުޒިކްގެ ޝާހީ ޖޯޑުގެ ނަމުން ގިނަ ބަޔަކު މުޚާޠަބު ކުރާ ބެޔޯންސޭގެ ދެމަފިރިންނަށްޓަކައި ވަނީ ބަންދުކޮށްފައެވެ.
ބިޔޯންސޭ ޓްވިންސަކަށް ބަލިވެ އިންކަން އިޢުލާންކުރި ނަމަވެސް، އޭނާ ބަލިވެ އިނުމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ވިހާނެ ކަމަށް ޑޮކްޓަރުން ދީފައިވާ ތާރީޚެއްވެސް ހާމައެއް ނުކުރެއެވެ.
ޓްވިންސަކަށް ބަލިވެ އިންކަން ހާމަކޮށްފައި މިވަނީ ބިޔޯންސޭގެ އަލްބަމް "ލެމަނޭޑް" ރިލީޒްކުރިތާ އަހަރެއް ފަހުންނެވެ. އަލްބަމް ރިލީޒްކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން އޭނާ ވަނީ އަށް އަހަރު ވީ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް ފެތުރެމުންދިޔަ ވާހަކަތަކާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ލެމަނޭޑް" އަލްބަމްގައި ހިމެނޭ ގިނަ ލަވަތަކަކީ ބޭވަފާތެރިވުމާއި ގުޅޭ ލަވަތައް ކަމެވެ. އެހެންނަމަވެސް، އަލްބަމްގެ ފައިނަލް ޓްރެކްތަކުގައި އޭނާ ވަނީ ކައިވެނީގައި ދެމިހުންނަން ބޭނުންވާ ފަދަ ވާހަކަތަކެއް ހިމަނާފައެވެ. އެލަވަތަކުގެ ވީޑިއޯތަކުގައިވެސް ބިޔޯންސޭއާއެކު ޖޭއި ޒީ ފެނިގެންދެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މިދެ ފަންނާނުންގެ ކައިވެނީގައި ޖެހުނު މައްސަލަތަކާއި ގުޅޭ ގޮތުން ފެތުރެމުންދިޔަ ވާހަކަތަކަށް ސީދާ ޖަވާބެއް ދީފައިވާ ކަމަށެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގްރެމީ އެވޯޑްސްގައި އެންމެ ގިނަ ނޮމިނޭޝަނާއެކު ކުރީގައި އުޅެނީ ބިޔޯންސޭއެވެ. އޭގެތެރެއިންވެސް ގިނަ ކެޓެގަރީތަކަށް ނޮމިނޭޓްވެފައިވަނީ "ލެމަނޭޑް" ގެ ލަވަތަކެވެ. މިޙަފްލާގައި ބިޔޯންސޭގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބި ނަމަވެސް، ޓްވިންސަކަށް ބަލިވެ އިން ޚަބަރާއެކީ ގްރެމީ އެވޯޑްސްގެ ޕްލޭންތަކަށް ބަދަލެއް އައިސްދާނެކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.