ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި 134،000 އަށް ވުރެ ގިނަ މީހުން މި ސަރުކާރަށް ނޫނެކޭ ބުނި ސަބަބުން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެންނެވި ނަމަވެސް އެއީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ޖަވާބެކެވެ. ތަރައްގީގެ ނަމުގައި ބިޔަ ބޮޑެތި މަޝްރޫއުތަކެއް ހިންގެވި ނަމަވެސް އިންތިހާބުގައި ކާމިޔާބު ލިބުނީ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލައި އިންސާފު ގާއިމުކޮށްދިނުމަށް ގޮވައިލި ފަރާތްތަކަށެވެ. އެހެންކަމުން އެ ޖަވާބު ވަރަށް ސާފެވެ. މި ސަރުކާރަށް ގިނަ ބަޔަކު ނޫނެކޭ ބުނީ އިންސާފުވެރިކަން ނެތުމުންނެވެ. ނަމަވެސް އުމުރުން 18 އަހަރުން މަތީގެ އާބާދީގެ 58 ޕަސެންޓް މީހުން އެކަމަށް އެދި ގޮވަމުން ދިޔަ ނަމަވެސް ނަތީޖާ އަށް ފަހު ވެސް ފެނިގެންދަނީ ބޭއިންސާފާއި ޝަރުއީ ދާއިރާ ގަޑުބަޑުވެފައިވާ މިންވަރެވެ.
ގުޅިފައިވާ ޕާޓީތަކުން މިހާތަނަށް އެންމެ ބޮޑަށް އަޑު އުފުލަމުން އައި އެއްކަމަކީ އެއްވެސް ހަމައެއް އުސޫލެއް ނެތި އިޖުރާއަތްތަކާ ހިލާފަށް ހުކުމްތައްކޮށް ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމެވެ. ހާއްސަކޮށް ސިޔާސީ ބޭނުންތަކުގައި ޖަލަށް ލާފައިވާ ފަރާތްތައް މިނިވަންކުރުމެވެ. އެއީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ އެ ވައުދު މިހާރު ވަނީ ގާތްގަނޑަކަށް ފުދިފައެވެ. އެ ވައުދު ފުއްދައިދެނީ މި ސަރުކާރުންނެވެ. ގަޑުބަޑުވެ ނުފޫޒުގެ ތެރޭގައި ތާށިވެފައި އޮތް ޝަރުއީ ދާއިރާ އިންނެވެ.
ވެރިކަން ބަދަލުވާން އަދިވެސް މަހަކަށް ވުރެ ގިނަ ދުވަސް އޮތް އިރު ސިޔާސީ ގިނަ ފަރާތްތަކެއް މިހާރު ވެސް ވަނީ މިނިވަންކޮށްފައެވެ. ހަމަ އެއްކަލަ ނުފޫޒުގެ ތެރޭގައި ތާށިވެފައި އޮތް ކޯޓުތަކުން ނެރުނު އަމުރުތަކާ ގުޅިގެންނެވެ. އެ ފަރާތްތައް ޖަލަށް ލުމަށް ހުކުމް ކުރި ކޯޓުތަކުން ނެރުނު "މިނިވަން އިންސާފުވެރި" ހުކުމްތަކުންނެވެ.
މިކަމުން ދެކަމެއް ދޭހަކޮށްދެއެވެ. އެއް ކަމަކީ މިހާ ދުވަސް ވަންދެން ކޯޓުތައް އޮތީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުގެ ދަށުގައި ކަމެވެ. އެހެންކަމުން އެމަނިކުފާނުގެ އާރާއި ބާރު އޮތް ދުވަސްވަރު އެމަނިކުފާނު ހިތްޕުޅާވާ ގޮތަކަށް ކޯޓުތަކުން ހުކުމް ނެރުނީއެވެ. އެމަނިކުފާނަށް ޗެލެންޖަކަށް ކުރިމަތިވި ކޮންމެ ފަރާތަކަށް ކޮންމެވެސް ދައުވާއެއް ކޮށް ޖަލަށް ހުކުމް ކުރީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން އާއި މިހެން ގޮސް މި ލިސްޓް ނިމޭކަށް ނެތެވެ. އިންތިހާބުން ރައީސް ޔާމީން ބޮޑު ތަނުން ބަލިވެ އާރާއި ބާރު ގެއްލިގެން ދިޔުމާ އެކު މީގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ތިބީ މިނިވަން ވެފައެވެ. އަނެއް ބަޔަކު ތިބީ މިނިވަންވުމުގެ މަގުމަތީގައެވެ.
ކޯޓުތަކުގެ ނިންމުންތަކުން ދޭހަވާ އަނެއް ކަމަކީ ޝަރުއީ ދާއިރާ އަދިވެސް އޮތީ އިންތިހާ އަށް ކޮރަޕްޓްވެފައި ކަމެވެ. ފެނިގެންދަނީ ރައީސް ޔާމީނުގެ ބާރު ކެނޑުމާ އެކު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް މަރުފަލި ޖަހާތަނެވެ. ވެރިކަން ބަދަލުވުމާ އެކު ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ކޯޓުތަކުން ޖަހާ ސަކަރާތަކީ ޝަރުއީ ދާއިރާ މިނިވަންވުމެއް ނޫނެވެ. އެއީ އަލަށް ގާއިމުކުރާ ސަރުކާރުގެ ރުހުން ހޯދުމަށް ނުވަތަ އެ ސަރުކާރުން ޝަރުއީ ދާއިރާއަށް ގެންނަން ބަދަލުތަކުގެ ތެރެއިން ފުރުސަތު ހޯދުމަށް ކުރާ ކަންތައްތައް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.
ކޮންމެއަކަސް އަދި ވެރިކަން ބަދަލެއް ނުވެއެވެ. އެހެން ކަމުން މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ ރައީސް ޔާމީނެވެ. ކޯޓުތަކުން މީގެ ކުރިން ނިންމި ނިންމުންތަކާ ގުޅިގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތައް އެޅުވިއެވެ. ހަމައެ ގޮތަށް ބާކީ މިއޮތް ދުވަސްކޮޅުގެ ތެރޭގައި އެ ނިންމާ ނިންމުތަކުގެ ޒިންމާ ވެސް ނަންގަވަންޖެހިވަޑައިގަންނަވާނީ އެމަނިކުފާނެވެ. އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބާރެއް މި ސަރުކާރުގައި އޮތް ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެކެވެ.