ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގެ ކުރިން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ އަލާމާތްތައް މިހާރު ދަނީ ފެންނަމުންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ރާއްޖެއާ ވަރަށް ކައިރި ހިސާބެއްގައެވެ. ޕާޓީގެ އިސް ހުރިހާ ބޭފުޅުންނާ އެކު މި ވަގުތު ހުންނެވީ ސްރީ ލަންކާގައެވެ. އެގައުމުގައި ތިބި ގިނަ ދިވެހިންނާ އެ މަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ހުރިހާ އެންމެންގެ ވެސް ސުވާލަކަށް ވެފައި އޮތީ ވާން މިއުޅެނީ ކިހިނެއްބާއެވެ؟
ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފައި މި ވަނީ އެމްޑީޕީއާ މެދު ގިނަ ބަޔަކު ޝަކުވާތައް ކުރަމުންދާ ދަނޑިވަޅެއްގައި ޚުދު ސަޕޯޓަރުން ވެސް މާޔޫސްވެފައި ތިބި ވަގުތެއްގައެވެ. ސަރުކާރުގެ ފިއްތުންތަކުގެ ދަށުގައި ތާށިވެ ޕާޓީގެ ސީދާ ހަރަކާތްތައް ހުއްޓި، އަޑު ކެނޑިގެން ދިޔުމުގެ ސަބަބުން ޕާޓީ އަށް ވަމުންދާ ގޮތާ މެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ޕާޓީ ނެނގި މަޑުވެފައި އޮތް މައިގަނޑު އެއް ސަބަބަކީ ޕާޓީގެ އިސް ފަރާތްތައް "ލޮނުމަޑުވުމާއި" ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި އަރުވާލެއްވިގެން ހުންނެވުމާއި ޕާޓީގެ ޗެއާޕާޝަން ވެސް ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުން އިސްތިއުފާ ދިނުމެވެ. އަދި ސަރުކާރުގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ގާނޫނުތައް ހަދައި ޕާޓީގެ ހަރަކާތްތަކުގައި ތަޅު އެޅުވުމަކީ ވެސް އިދިކޮޅު އެމްޑީޕީގެ ސީދާ ހަރަކާތްތައް މަދުވުމުގެ ސަބަބެކެވެ.
މި ހާލަތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވެސް އެންމެ އެކަށީގެންވާ ގޮތުގައި ހިނގައިދާނެތޯ ގިނަ ބަޔަކު ދިޔާއީ ސުވާލު އުފައްދަމުންނެވެ. ޕާޓީގެ ހަރަކާތްތަކަށް ކިރިޔާ ވެސް ދިރުމެއް ލިބެން ފެށީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިނާއި އާ ޗެއާޕާސަންގެ މަގާމަށް ގާނޫނީ ވަކީލް ހަސަން ލަތީފް ކެމްޕެއިން ފެއްޓެވުމުންނެވެ. ނަމަވެސް އެ ކެމްޕެއިނުގައި ވެސް އިހުގެ ފޯރި ނެތުމުން ގިނަ ބަޔަކު ތުންތުން މަތިން ދިޔައީ ޝަކުވާ ކުރަމުންނެވެ.
އެއްބަޔަކު ބުނަމުންދަނީ އެމްޑީޕީގެ އިންޖީނު ހަލުވިކުރުމަށް ރައީސް ނަޝީދު ކޮންމެހެން ވެސް ރާއްޖެ ވަޑައިގަތުން މުހިންމު ކަމަށެވެ. އެއީ އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ޖަލުގައި އޮންނަވަން ވިޔަސް މިދަނޑިވަޅުގައި ޕާޓީގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. ރައީސް ނަޝީދު ވެސް ދާދި ފަހުން ވަނީ އެގޮތަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އިރާދަކުރެއްވިޔާ އެނބުރި ދާނަން. ދެން އެއީ ޖަލަށް ކަމަށް ވިޔަސް ޖަލަށް. އަޅުގަނޑުގެ ހަޔާތް ނިމެންދެނެއް އަޅުގަނޑު ރާއްޖެއިން ބޭރުގައި އުޅޭކަން ގަސްތެއް ނުކުރަން. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،" ދާދިފަހުން ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމަށް އިނގިރޭސި ވިލާތުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 13 އަހަރަށް ޖަލަށްލުމާ އެކު ވެސް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މާގިނަ ދުވަހެއް ނުވެ އެމަނިކުފާނު މިނިވަން ވާނެ ކަމަށެވެ. ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި އެކަން ވަކި ގޮތަކަށް ހަމަޖެހުނު ނަމަވެސް އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަކިން ވެވަޑައިގެންނެވި ވައުދަކަށެވެ. ސަރުކާރުން ދެނަހުރި ކަމަކަށް ނުވިއެވެ. ނަމަވެސް އޭރު ވެސް ސަޕޯޓަރުން އުންމީދުކޮށްގެން ތިބީ އެ ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ގައުމުން ބޭރަށް ވަޑައިގެންނެވޭނެ ގޮތެއް ވުމެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ ނަމަވެސް ސަރުކާރަށް މަޖުބޫރުވީ އެމަނިކުފާނު އިނގިރޭސި ވިލާތަށް ފޮނުވުމަށެވެ. އެއީ އެނބުރި ވަޑައި ނުގަންނަވާނެކަން ވެސް އެނގި ތިބެއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުން ނަމަ ސަރުކާރުން އެމަނިކުފާނު އިނގިރޭސި ވިލާތަށް ފޮނުވީ ޖަލުގައި ބެހެއްޓުމަކީ ސަރުކާރަށާއި ރައީސް ޔާމީނަށް ދަތި ކަމަކަށް ވާތީ ބޭރުގެ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުއެވެ. ރައީސް އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުން އެމްޑީޕީ ވެސް މައިތިރިވުމަކީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވާ ގޮތުން އިނގިރޭސި ވިލާތަށް ވަޑައިގެން އިސްލާހަށް މަސައްކަތްކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ކާމިޔާބީއެކެވެ.
ކޮންމެއަކަސް ރައީސް ނަޝީދު ރާއްޖޭގައި ނެތުމަކީ ސަރުކާރަށް އޮތް ހިތްހަމަޖެހުމެކެވެ. އެހެން ކަމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވުމަކީ ސަރުކާރުން އެހާ ބޭނުންވާނެ ކަމެއްހެން ހިޔެއް ނުވެއެވެ. ނަމަވެސް އެއީ މި ވަގުތަށް މުހިންމު ކަމެކެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބަށް ސަރުކާރުން ހަބޭހަށް ކެމްޕެއިން ފަށައި ވަރުގަދަވެފައިވާ ދަނޑިވަޅުގައި އެ ކެމްޕެއިން ފަނޑުކޮށްލެވޭ ވަރުގެ ހަރަކާތްތަކެއް އިދިކޮޅުން ވެސް ފެންނަން އެބަޖެހެއެވެ. އެކަމަށްޓަކައި ރައީސް ނަޝީދަކީ ވަރަށް ބޮޑު ހިތްވަރެކެވެ. އެމަނިކުފާނުގެ ލަފަޔާއި އިރުޝާދު މިދަނޑިވަޅުގައި ވަރަށް މުހިންމެވެ. ލަންކާ އަށް ވަޑައިގެންނެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ރައީސް ނަޝީދު ކުރައްވަން އުޅުއްވަނީ ކީއްކަން އަންދާޒާކުރަން ދައްޗެވެ. ނަމަވެސް ޔަގީނުން ވެސް ކަށަވަރުވާ ކަމަކީ ރާއްޖޭގެ ރައްޔިތުން މިހާލުގައި އެކަނި ގަނޑަތެޅޭތަން ބައްލަވަން ދުރުގައި އެމަނިކުފާނު ނުހުންނަވާނެ ކަމެވެ. ލަންކާގެ މަޝްވަރާތަކަށް ފަހު ކުރިމަގު ބައްޓަންވެގެންދާ ގޮތް ކޮންމެވެސް ވަރަކަށް ސާފުވެގެންދާނެއެވެ.